ހުވަދު އަތޮޅުގެ އެންމެ ދެކުނުން އޮންނަ ގދ. ފިޔޯރީގެ އެންމެ ހާއްސަ އެއް ކަމަކީ އެ ރަށުގައި ހެދޭ ހަޔެވެ. މީގެ ފަންސާކަށް އަހަރު ކުރިން ހިނގި މަޝްހޫރު "ހުވަދޫ ބަޣާވާތް" ގެ ދުވަސްވަރުގެ ކުރިން ވެސް އެ ސަރަހައްދުގެ ރަށްތަކުގެ ކުނާ ވިޔުމުގެ މަސައްކަތަށް އެންމެ މަޝްހޫރީ ފިޔޯރީގެ ހަޔެވެ. މި ރަށުގެ ހާ އެހާ ބޮޑަށް ހާއްސަވީ، ލައްތައް މަދުވެފައި ހުދު ކުލައިގައި ހުންނާތީ އެވެ. ކުނާ ވިޔުމަށް ވެސް ބޭނުން ކުރަން މަޑުވެފައި ފަސޭހައީ އެވެ.
25 މާޗް 2025
ހުވަދު އަތޮޅުގެ އެންމެ ދެކުނުން އޮންނަ ގދ. ފިޔޯރީގެ އެންމެ ހާއްސަ އެއް ކަމަކީ އެ ރަށުގައި ހެދޭ ހަޔެވެ. މީގެ ފަންސާކަށް އަހަރު ކުރިން ހިނގި މަޝްހޫރު "ހުވަދޫ ބަޣާވާތް" ގެ ދުވަސްވަރުގެ ކުރިން ވެސް އެ ސަރަހައްދުގެ ރަށްތަކުގެ ކުނާ ވިޔުމުގެ މަސައްކަތަށް އެންމެ މަޝްހޫރީ ފިޔޯރީގެ ހަޔެވެ. މި ރަށުގެ ހާ އެހާ ބޮޑަށް ހާއްސަވީ، ލައްތައް މަދުވެފައި ހުދު ކުލައިގައި ހުންނާތީ އެވެ. ކުނާ ވިޔުމަށް ވެސް ބޭނުން ކުރަން މަޑުވެފައި ފަސޭހައީ އެވެ.
ރާއްޖޭގައި ކުނާ ވިއުމަށް އެންމެ މަޝްހޫރު ގައްދޫގެ މީހުންނާ އަހަރެމެން ކުރި އިންޓަވިއުތަކުގައި ވެސް އެ މީހުން އެންމެ ބޮޑަށް ފާހަގަކުރީ ފިޔޯރީ ހައިގެ ވާހަކަ އެވެ. މަސައްކަތަށް ލުއިވެފައި ފަސޭހައީ އެވެ.
ފިޔޯރީ ހައި މިއީ ހަމައެކަނި ގައްދޫ ނުވަތަ ހުވަދު އަތޮޅު މީހުންނަށް ހާއްސަ އެއްޗަކަށް ވިޔަސް ރާއްޖެ އިން ބޭރުގެ ވިޔަފާރިވެރިން ވެސް އެއް ދުވަސްވަރެއްގައި ގަނެ އެ ބޭނުންކުރި އެވެ. އެންމެ ފުޅާކޮށް އެއަތޮޅުގައި ކުނާ ވިޔާ، ގައްދޫގައި ހައްދާ ހަޔަށް، އެންމެ ބޭނުންވާ ރީތި ހުދުކުލައަށް ނާރަ އެވެ. އަދި ހައިގައި އޮށެއް އިންނާތީ، ކުނާ ވިޔުމަށްޓައި ހައި އިތުރަށް ސާފުކުރަން ޖެހެ އެވެ.
އިހުގައި ހައިގެ ބަދަލުގައި ބޭރުގެ ވިޔަފާރިވެރިން މެދުވެރިކޮށް، ރަށުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިއްމު ތަކެތި ހޯދައި އުޅުނެވެ. އެހެންވެ، ފިޔޯރީގެ ރައްޔިތުން އެ "ތަދު" ދުވަސްވަރު ވެސް އުޅުނީ ހުވަދު އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނަށް ވުރެ މާ ބޮޑަށް ވެސް ފުދިގެންނެވެ.
ފިޔޯރީގައި އުމުރުން ދުވަސްވީ މީހުން ކިޔައިދިން ގޮތުގައި، ހަޔަކީ މި ރަށަށް ބޮޑު މަންފާއެއް ލިބޭ އެއްޗެއްކަން އެނގިގެން އެ ދުވަސްވަރު އެންމެ ފުޅާކޮށް ހައި ދަނޑުތައް ހައްދާ "ހައްވަ" ގެ ހުރިހާ ދަނޑެއްގައި އޭރުގެ ސަރުކާރުގެ ފަރާތުން ހުޅުޖެހި އެވެ.
ފިޔޯރީ ހައި ދަނޑު. މިވަގުތު ފިޔޯރީގައި އޮތީ އެންމެ ތިން ދަނޑު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފުރަތަމަ ފަހަރު ހުޅުޖެހުމުން، އަނެއްކާ ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިތައް ލާ ރީތިކޮށް ހެދެން ފެށި އެވެ. އޭގެ ފަހުން އަލުން އެ މަސައްކަތް ފަށައި، ފުޅާކުރިތަނާ ދެ ވަނަ ފަހަރަށް ވެސް ހައިގެ ވިޔަފާރި ހުއްޓުވުމަށް ގޮސް ހުޅު ޖެހުމުން، އެ ދަނޑުތައް ކުރިއަށް ވުރެ މާ ރީއްޗަށް ހެދެން ފެށި އެވެ. ތިން ވަނަ ފަހަރު ރޯކޮށްލައިގެން ވެސް ފިޔޯރީގެ ހައި ދަނޑުތަކެއް ނައްތައެއް ނުލެވުނެވެ. އެހެންވެ، ފިޔޯރީގެ އާންމުން ގަބޫލުކުރަނީ ހަޔަކީ އެ ރަށުގައި ކުރިލާ ހެދޭ "ރަނެއް" ކަމަށެވެ.
މި ރަށުގެ އެންމެ ކުރީގެ ތާރީހާއި އޭރުގެ އާމްދަނީއާ އެންމެ ބޮޑަށް ގުޅިފައި އޮތް ހައި މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކުރިން މި ރަށުގެ އެންމެން ފަރުހުވެރިވާ ހައި ދަނޑުގެ ގޮތުގައި މިހާރު އޮތީ އެންމެ ތިން ދަނޑެވެ. ދިރިއުޅުމަށް އައި ބަދަލުތަކާއި މާލެ ސަރަހައްދަށް ގިނަ ބައެއްގެ ދިރިއުޅުން ބަދަލުވުމުން، އެ މަސައްކަތުގައި އުޅޭނެ މީހުން މަދުވީ އެވެ. މިހާރު މި ރަށުގައި އެކަން ކުރަނީ ޔޫއެންޑީޕީން ހާއްސަ އިސްކަމެއް ދީގެން، ފެށި ޕްރޮޖެކްޓެއްގެ ދަށުން ދެތިން މީހެކެވެ.
ހައި ދަނޑު ސާފުކުރުމުގެ މަސައްކަތް ނައީމާ ކުރަނީ: ކޮންމެ ދުވަހަކު ވެސް ދަނޑަށް ގޮސް ދަނޑު ސާފުކުރަން ޖެހޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފިޔޯރީގައި ހައި ދަނޑުތަކުގެ މަސައްކަތް ކުރާ ނައީމާ އަލީ 63، ބުނީ މި ރަށުގެ ހައި ދަނޑުތަކާ އެންމެ ކުރީގެ ހަނދާތަކާ ވެސް ގުޅިފައިވާ ކަމަށެވެ. އުމުރުން އެންމެ ހަ އަހަރުގައި ވެސް ހައި ދަނޑުތަކަށް މަންމައާ އެކު ގޮސް އުޅޭ ހަނދާތައް އޭނާގެ އެބަހުއްޓެވެ.
އެކަމަކު ހައި ދަނޑުތައް ބެލެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. ނަފާ ލިބޭ ވަރަށް އެއްޗެއް ލިބެން ދިގު މުއްދަތެއް ނަގަ އެވެ. ޗަކަބިމުގައި ހެދޭ ހައި ދަނޑުތައް ނިރު ފަޅައި، ހެދެން ފަށަން އަވަސް ވިޔަސް ކުނާ ވިޔަން ބޭނުންކުރާ ވަރު ކުރަން 6-8 މަސް ނަގާނެ އެވެ. ކޮންމެ ދުވަހަކު ދަނޑަށް ގޮސް، ސާފުކުރަން ޖެހެ އެވެ. އެހެން ނޫނީ، ބޭނުންވާ ފެންވަރުގެ ހައި އުފައްދަން އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ.
ނައީމާއަކީ ފިޔޯރީގައި ހައި ދަނޑު ހެއްދުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން އަންނަ މީހެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހައި ދަނޑުން ހައި ކީއްސައިގެން، އޭގެ އަނެއް ދުވަހު އެ ހިއްކަން އަޅަ އެވެ. އެ ހިއްކަން ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަސް ނަގާނެ އެވެ. ހިކުމުން، ބޮނޑިބޮނޑި އަށް ބަނދެފައި ބަހައްޓަނީ އެވެ.
"ހުދުކުރަން ފަސް ވަރަކަށް ދުވަސް. ހަތަރު ދުވަސް ވެސް ބަހައްޓަން. އެގޮތަށް އެ ހިއްކަނީ. މިހާރު ހައެއްކަ އަހަރު މިވީ އެކަން ކުރާތާ،" ނައީމާ ބުންޏެވެ.
އޭނާ ބުނީ، މި ރަށުގެ އަންހެނުން މި މަސައްކަތުގައި ނޫޅެނީ، އެއީ ކޮންމެ ދުވަހަކު ވެސް އޭގެ ތެރޭގައި އުޅެން ޖެހޭތީ ކަމަށެވެ. ހުދު ހައި ބޮނޑިއެއް ފިިޔޯރީން މިހާރު ވިއްކަނީ 100ރ. އަށެވެ. އެކަމަކު ލައް ޖަހާފައި، ކުލަ އަރާފައި ހުންނަ ހައި ބޮނޑިއެއް ވިއްކަނީ 50ރ. އަށެވެ.
ހައި ހިއްކަން އަޅަނީ. ހިއްކުމަށް ފަސް ދުވަސްވަރު ނަގާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހުދު ހަޔަކީ ހުވަދު އަތޮޅު މީހުން ކުނާ ވިއުމުގައި އެންމެ ގިނައިން ބޭނުން ކުރާ އެއް ހަލެވެ. މިވަގުތު ފިޔޯރީގައި ހައްދާ ހައި ވިއްކަނީ އެ އަތޮޅު ގައްދުއަށެވެ. އެއީ ފުޅާ ދާއިރާއެއްގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެވެ.
ނައީމާ ބުނީ، އެކަން އުވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތް ފަހިވެއްޖެ ނަމަ އެކަން ކުރާނެ މީހުން ގިނަވާނެ ކަމަށެވެ.
ހައި ދަނޑު. އެ ދަނޑުތައް ރަނގަޅަށް ހެދެން އަށް ވަރަކަށް މަސް ނަގާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ކުރާ މަސައްކަތާއި ލިބޭ އާމްދަނީއާ ބަލާއިރު ކުޑަ އެއްޗެއް މި ލިބެނީ. ދަނޑުތައް އަށެއްކަ މަސް ވަންދެން ރަނގަޅަށް ބެލެހެއްޓުމަކީ ބޮޑު ކަމެއް،" އޭނާ ބުންޏެވެ.
ނައީމާއަކީ މި ރަށުގައި އެންމެ ފުޅާކޮށް އަދި އެންމެ ގަޔާވެގެން ހައިގެ މަސައްކަތްކުރާ މީހާ އެވެ. އުމުރުން 60 އަށް ވުރެ މައްޗަށް ގޮސްފައި ހުއްޓަސް މި މަސައްކަތުގައި އޭނާ ވަރަށް މުރާއްޔެވެ. ގެއާ ވަރަށް ދުރުގައި އޮންނަ ހައި ދަނޑަށް އަހަރެމެން ގޮވައިގެން ޕިކަޕެއްގައި ނައީމާ ދިޔައެއް ދުވަހެއް ކަމަކު އާންމު ދުވަސްތަކުގައި ނަމަ އެއީ ތިރީހަކަށް މިނިޓުގެ ހިނގުމެކެވެ. އެކަމަކު ހިނގާފައި ދިއުމަކީ އޭނާއަށް އެހާ ބުރަ ކަމެއް ނޫނެވެ.
ފިޔޯރީގެ "ކުރިލާ ހެދޭ ރަން" ގެ ކުރިމަގާ މެދު ނައީމާ އާއި ދެން ވެސް އެ މަސައްކަތަށް ޝައުގުވެރިކަން ހުރި މަދު ބަޔަކު މިހާރު ކަންބޮޑުވެ އެވެ. މި ރަށުގައި މިހާރު އޮތީ އެންމެ ތިން ދަނޑު ކަމަށް ވެފައި އެ މަސައްކަތް އެ މީހުން ހުއްޓާލައިފި ނަމަ އެ ބާވަތުގެ ހައި ރާއްޖެއިން ނެތި ދިއުމުގެ ބިރު އެބަ އޮތެވެ. ފިޔޯރީގެ ތާރީހުން ވެސް ޖާގަ ހޯދާފައިވާ "ކުރިލާ ހެދޭ ރަން" ގެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ.
ކުޑަފަރި: ބޮޑު ވިސްނުމެއް، އެންމެ އުފާވެރި ރަށް
ބަޑި އެއްލާލުމުން އަރުވާލި ހުސޭނު ބޮޑުބެރު ލެޖެންޑަކަށް
ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
އިންސާނިއްޔަތުކަމުގައި ދެވަނައެއް ނެތް ހިތެއް
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ކޮކަޑި ކާންދެވިގެން ފަޅު ރަށެއްގައި ދެ ދަރިންގެ މަރު
އާބާދީ ކޮންޓްރޯލްކޮށްގެން ހޯދި ޓީވީން އެހެން މަންޒަރެއް
މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް
ތުޅާދޫ މީހުން "ތުޅާ"އިން ފެން ނެގި ގޮތުގެ ވާހަކަ
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު