ބަނޑުގައި ރިއްސާ މީހަކަށް ގޮވާލަން ދިޔައިރު އޭނާ ކައިރީގައި މަޑުކޮށްލާނެ މީހަކު ނެތުމުންވީ ފޫޅުމަޔަކަށެވެ. ދަރިންނަށް ގުރުއާން ކިޔަވައިދޭން އިންދާ އަވަޓެރިއެއްގެ ދަރިއަކު ނުކިޔަވާތީ ގެއަށް ގެނެސް ދަރިންނާ އެެކު އަކުރު ބުނެދޭން ފެށުން ދެން ބަދަލުވީ އެދުރު ދައިތައަކަށެވެ.
26 މާޗް 2025
ބަނޑުގައި ރިއްސާ މީހަކަށް ގޮވާލަން ދިޔައިރު އޭނާ ކައިރީގައި މަޑުކޮށްލާނެ މީހަކު ނެތުމުންވީ ފޫޅުމަޔަކަށެވެ. ދަރިންނަށް ގުރުއާން ކިޔަވައިދޭން އިންދާ އަވަޓެރިއެއްގެ ދަރިއަކު ނުކިޔަވާތީ ގެއަށް ގެނެސް ދަރިންނާ އެެކު އަކުރު ބުނެދޭން ފެށުން ދެން ބަދަލުވީ އެދުރު ދައިތައަކަށެވެ.
ރަށުން ގެއްލުނު މީހަކު ހިނަވާނެ މީހަކު ނެތުމުން ދެން ވީ އަންހެނުން ހިނަވައިދޭ މީހަކަށެވެ. ނ. މަނަދޫ، ފާތިމަތު އަބޫބަކުރު 76 (ފާތުމަ) ގެ އުމުރު ހުސްވަނީ އިޖުތިމާއީ ގޮތުން އެފަދަ އެތައް ހިދުމަތެއްގެ ތެރޭގަ އެވެ.
ދެ ފަހަރެއްގެ މަތިން އެކި ދާއިރާތަކަށް އެވޯޑަށް ކުރިމަތިލީ ނަމަވެސް އެއީ އެ ޝަރަފަށް އެކަށީގެންވާ މީހަކަށް ނުވި އެވެ. ނަމަވެސް އަހަރެމެން ގޮސް ވާހަކަ ދައްކާލިއިރު، މި އަށް ވުރެ އޯގާތެރި ހިތެއްގެ ވެރިއަކު ނުވާނެކަން ޔަގީނެވެ.
ފާތުމަގެ މާޒީގެ އެންމެ މުހިންމު ވާހަކަތަކުން ފަށަމާ ހިނގާށެވެ. އޭނާ ދިޔައީ ބަނޑުގައި ރިއްސާ މީހަކަށް ގޮވާލާށެވެ. އެ ތަނުގައި އޭރު އިށީނދެގެން އިނީ މި ރަށު ފޫޅުމާ ދައިތަ (މަރިޔަން ދައިތަ) އެވެ. އެކަމަކު، މަރިޔަން ދައިތަ ކުއްލިގޮތަކަށް ފާހާނާ އަކަށް ދާން ޖެހިގެން އެ ތަނުގައި މަޑުކޮށްލާނެ އެއްވެސް މީހަކު ނެތިގެން އިންސާނިޔަތަށްޓަކައި މަޑުކޮށްލަން ފާތުމަ އަށް މަޖުބޫރުވީ އެވެ. ފާތުމަ މަޑުކުރީ އެ މީހާ ވިހާފާނެ ކަމަކަށް ނޫނެވެ.
"މަ ބުނީ މ ވަރަށް ބިރުގަންނާނެއޭ. ބުނީމަ [މަރިޔަން ދައިތަ] ބުނީ ތިމަންނަ ވަރަށް އަވަހަށް އަންނާނަމޭ ފާހަނާއަކަށް ގޮސްލާފައި. އެ ދައްތަ ގޮސް އިރުކޮޅެއް ނުވެ އެ މީހާ ވިހައިފި. އަހަރެން ވިއްސީ، ވިއްސައި މަސްތުރަކޮށް، ފޫޅު ކެނޑި ފަހުން މަރިޔަން ދައްތަ އައީ. އައިސް ބުނީ ތިޔަ ހުރީ މިއަދުން ފެށިގެން ފޫޅުމަޔަކަށް ވެފައޭ. އަހަރެންދާ ތަނަކަށް ވިއްޔާ ކަލެ އަށް އަންގާނަމޭ،" ފޫޅުމަޔަކަށް ވީ ގޮތް ކިޔައިދެމުން ފާތުމަ ބުންޏެވެ.
"އެ ދުވަހު ވަރަށް ބިރުގަތް. އެކަމަކު އެ ދުވަހު އޭނާ ކައިރީ އެއްވެސް މީހެއް ނެތީމަ އެއީ އިންސާނެއް ވީމަ މަޑުކޮށްލި ކޮށްލުމެއް. އޭގެ ފަހުން އެކޮޅުކޮޅުން އޮތް ހަތަރު ކުދިން ވެސް ވިއްސިން."
އެ ދުވަހަށް ފަހު ފޫޅުމާ ދައްތައާ ނުލާ ވެސް މީހުން ވިއްސަން ގޮސްދޭ ކަމަށާއި މީހުން ބަލައި ވެސް އަންނަ ކަމަށް ފާތުމަ ބުންޏެވެ. ފުރަތަމަ އުޅުނީ ރަސްމީ ހުއްދައެއް ނެތި އެވެ. އެކަމަކު، ވަކި ހިސާބަކުން ކޯސް ހެދި އެވެ.
ރަސްމީކޮށް ފޫޅުމަޔަކަށް ބަދަލުވުމުގެ ކުރިން އުފަން ދަރިއަކު ވެސް ވިއްސައިދިނީ ފާތުމަ އެވެ.
އޭގެ ފަހުން ފޫޅުމައިންގެ އިތުރު ތަމްރީނުތައް ހެދި ނަމަވެސް އޭރު އޮންނަ ފޫޅުމާ ފޮއްޓެއް ނުނަގަ އެވެ. ފޮށި ނަގަން ދާން ފުރުސަތު ލިބުނު ވަގުތު ދިމާވީ މަންމަ ވަރަށް ބަލިހާލުގައި އޮތް ދުވަސްވަރަކާ އެވެ.
"އެންމެ ބިރުގަތް ދުވަހަކީ އެ ދުވަހާއި އެކޮޅުކޮޅުން އޮތް ކުއްޖެއްގެ އެއްފައި ބޭރަށް އައިސް ގަޑިއެއްހާއިރު ބޭރުގައި އޮވެ، އިތުރު ގުނަވަނެއް ބޭރު ނުވެ ހުރި ދުވަސް. ޔަގީން ކަމުގައި ހުރީ އެ ދަރި ވިހާނެއޭ. އެކަމަކު ﷲތާ ކޮންމެ ކަމެއްވެސް ނިންމަވާނީ،" ވިއްސި ކުދިންގެ އަދަދު ވެސް ހަނދާން ނެތް ކަމަށް ބުނެ ފާތުމަގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ފޫޅުމާ ކަމެކޭ އެއްގޮތަށް ގުރުއާން ކިޔަވައިދިނުމާއި ހިނަވަން ފެށީ ވެސް "އިންސާނިޔަތަށްޓަކަ" އެވެ. އެއިން އެއްވެސް ކަމަކަށް އޭނާ ހާއްސަވީ ކުރިއާލައި ތައްޔާރުވެ، ކުރިމަގަށް ވިސްނައިގެނެއް ނޫނެވެ. ކުއްލިއަކަށް ދިމާވާ ކަމެއްގެ ތެރެއިން އެ ކަމަކަށް ހާއްސަވަނީ އވެެ.
ދަރިންނަށް ކިޔަވައިދޭން އިންނައިރު އެހެން މީހުންގެ ދަރިން ވެސް ގެނެސް ކިޔަވައިދޭން ފެށި ފެށުން ބަދަލުވީ ގުރުއާން ކްލާހަކަށެވެ. މިހާރު ކިޔަވައިދިން ނަމަވެސް ލޮލުގެ މައްސަލައެއް ދިމާވެގެން ރަށުން ބޭރުގައި އުޅެން ޖެހުމުން ކުދިންތައް ކެނޑިގެން އެކި ތަންތަނަށް ދިޔައީ އެވެ.
ފާތުމަ އޭރު ކްލާހެއްގައި 20-40 ކުދިންނަށް ކިޔަވައިދނެވެ. އެކަމަކު، ސިއްހީ ހާލަތު ތަން ނުދޭތީ މިހާރު ކިޔަވައިދެނީ އެންމެ ހަތް ކުދިންނަށެވެ.
އަންހެނުން ހިނަވާ މީހަކަށް ފާތުމަ ބަދަލުވީ ވެސް ތަފާތު ގޮތަކަށެވެ. މަނަދޫގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ރަށު ރައްޔިތުން ނުކުމެ އެތައްމިތަން ހޯދަނީ އެވެ. އެ މީހާ ގެއްލުނުތާ 39 ވަނަ ދުވަހު ފެނުނީ ރަށުގެ ވަލެއްގެ ތެރެއަށް ވެއްޓިފައި އޮއްވަ އެވެ.
"އޭނާ އޮތީ ވަރަށް ބޮޑަށް ކުނިވެފައި، އެހާ ދުވަސް ވީމާ އެއް ވެސް މީހަކު ނުވި އެ ދައިތަ ކައިރިއަށް ހިނަވަން ކައިރިވާކަށް. މީހަކު އެހީ އަހަރެން ކައިރީ ކެރޭނެހޭ. އަހަރެން ބުނިން ކިހިނެއް ވެގެންހޭ ތި އަހަނީ، އަހަންނަށް ވާނެއޭ. އެ ދުވަހު އޭނާގެ ހުރިހާ ކަމެއް އަހަރެން ކުރީ،" ފާތުމަ ބުންޏެވެ.
ފާތުމައަކީ މި ރަށުގެ ހިދުމަތްތެރިއަކަށް ވިޔަސް އޭގެ އަގު ރަސްމީކޮށް ވަޒަން ކުރާނެ ބަޔަކު ނުވި އެވެ. ސެޓްފިކެޓެއް ވެސް ނުލިބުނެވެ. ގައުމީ އިނާމަށް ލައިގެން ވެސް ވީ ކަމެއް ނެތެވެ.
"އެއްފަހަރު މާމަ ދަރިއެއް ބުނެގެން ލައިފިން ތިޔަ ގައުމީ އިނާމަށް ވެސް. ތި ހައްގު ނުވާތީނު. މި ރަށުގައި ނޫޅޭނެ އަހަރެންހާ ގިނަ މީހުންނަށް ގުރުއާން އަކުރު ދެއްކި މީހެއް. އެބައިންނާއި ފޫޅުމާ ބައިން ވެސް [ގައުމީ އިނާމަށް] ލީން. ކޮބާ ވީ ކަމެއް؟"
ފާތުމަ ގަބޫލު ކުރަނީ ގައުމީ ގޮތުން އޭނާގެ އަގުވަޒަން ކުރާނެ ބަޔަކު ނުވިޔަސް އިންސާނިއްޔަތަށްޓަކައި ވި ގުރުބާނީ ފެންނަން ހުންނާނެ ކަމަށެވެ. އޭނާ އަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ އެވެ.
ކުޑަފަރި: ބޮޑު ވިސްނުމެއް، އެންމެ އުފާވެރި ރަށް
ބަޑި އެއްލާލުމުން އަރުވާލި ހުސޭނު ބޮޑުބެރު ލެޖެންޑަކަށް
ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
ހައި ދަނޑު: ފިޔޯރީގައި ކުރިލާ ހެދޭ ރަނެއް
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ކޮކަޑި ކާންދެވިގެން ފަޅު ރަށެއްގައި ދެ ދަރިންގެ މަރު
އާބާދީ ކޮންޓްރޯލްކޮށްގެން ހޯދި ޓީވީން އެހެން މަންޒަރެއް
މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް
ތުޅާދޫ މީހުން "ތުޅާ"އިން ފެން ނެގި ގޮތުގެ ވާހަކަ
ކުށާއި ކުނިން ސާފު ހެނބަދޫގެ ހިތް ވެސް އެހާ ސާފު