މިއީ ދުނިޔެ މަތީގައި ނ. ވެލިދޫ, އާމިނަތު އަބްދުއްރަހްމާން (އާމިންދައިތަ) 64، އަށް ކުރިމަތިވި އެންމެ ހިތްދަތި ހާދިސާ އެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވިޔަސް އޭނާ މި ވާހަކަ ކިޔައިދޭ އިރު އަދިވެސް އަޑުން އަޑު ނަގައި ރޮއެ އެވެ. ހަގު އުމުރުގައި ދެ އަންހެން ކުދިން މަރުވީ ނޭނގި އަމިއްލަ އަތުން ޒަހަރު ކާންދެވިގެންނެވެ.
21 މާޗް 2025
މިއީ ދުނިޔެ މަތީގައި ނ. ވެލިދޫ, އާމިނަތު އަބްދުއްރަހްމާން (އާމިންދައިތަ) 64، އަށް ކުރިމަތިވި އެންމެ ހިތްދަތި ހާދިސާ އެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވިޔަސް އޭނާ މި ވާހަކަ ކިޔައިދޭ އިރު އަދިވެސް އަޑުން އަޑު ނަގައި ރޮއެ އެވެ. ހަގު އުމުރުގައި ދެ އަންހެން ކުދިން މަރުވީ ނޭނގި އަމިއްލަ އަތުން ޒަހަރު ކާންދެވިގެންނެވެ.
ދެ ދަރިންގެ މަރަކީ އާމިންދައިތަ ބުނާ ގޮތުގައި މީހަކު ދިން ވަރުގަދަ ކެއްސެކެވެ. އެ ކުދިންނަށް ކާންދެވުނީ ކޮކަޑި އެވެ. އެއީ މީދާ މަރަން ކުރިން ގެންގުޅޭ ހުދު ކުލައިގެ ހިމުން ފުށެއްހެން ހުންނަ ވަރަށް ބާރުގަދަ ވިހައެކެވެ.
ފަޅު ރަށެއްގައި އާމިންދައިތަ އާއި ފިރިމީހާ އުސްމާނާ އެކުގައި އުޅުނު މީހަކު ރަށުން ފޭބިއިރު އިންޒާރު ދިނެވެ. އެކަމަކު އާމިންދައިތަ ބުނީ އެއީ ދެ ދަރިންގެ މަރާ ގުޅިފައި އޮތް ކަމެއް ކަން ނޭނގޭ ކަމަށެވެ.
ވާހަކަ ކިޔައިދިން އިރު އާމިންދައިތަ ރޮނީ. -- ފޮޓޯ | މިހާރު
"ދަމުން ބުނީ ކޮއްދިއްޕަރުގައި ތިބި ދެ.... ވަރު ހުރި ކެއްސެއް ދީފައޭ މިދަނީ. އޭނަ ރަށުން ފޭބީ ފުށް ޑަބިޔާ ތެރެއަށް ކޮކަޑި އަޅާފައި."
މިކަން ނޭނގި އެ ފުށުން ފޮޅި ފިހެފައި ކުދިންނަށް ކާން ދެވުނީ އެވެ.
ތުހުމަތުކުރާ މީހާގެ ނަން ކިޔައިދިން ނަމަވެސް މި ލިޔުމުގައި ނަން ނުހިމެނީ އެއީ އޭނާ ކުރި ކަމެއް ކަމުގެ ހެކި ލިޔުމުން ނުލިބުމުންނެވެ. އޭރު ސިފައިން މައްސަލަ ބެލި ކަމަށް ވެ އެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ ލިޔުމެއް ލިބޭކަށް ނެތެވެ.
އާމިންދައިތަ އަށް އޮޅިގެން ކުރެވުނު ކަމެކޭ ވެސް ކިޔަ އެވެ. ވެލިދޫގެ ދުވަސްވީ މީހުންނަށް ސާފުކޮށް މި ހާދިސާ ހިނގި ގޮތެއް ނޭނގެނީ, އެކަން ހިނގީ ތިން މީހުން އެކަނި ދިރިއުޅުނު ރަށެއްގައި ކަމަށް ވާތީ އެވެ.
ގިނަ މީހުން ގަބޫލުކުރަނީ އާމިންދައިތަ ދައްކާ ވާހަކަތަކަށެވެ.
ދެ ދަރިންގެ މަރަކީ، އާމިންދައިތަ ބުނިގޮތުގައި، ހިތްފަޅައިގެން ދިޔަ ހާދިސާއެކެވެ. އަމިއްލަ އަތުން ދިން އެއްޗަކުން ލޯ ކުރިމަތީގައި ދެ ކުދިން ދުނިޔެއިން ވަކިވީ އެވެ.
އެ ދެމަފިރިން އާމްދަނީ ހޯދީ ފަޅު ރަށްރަށުގައި ރާވެރިކަން ކޮށްގެންނެވެ. ރުކުން ރާ ބޭލުމުން ހަކުރަށް ހަދައި ވިއްކަނީ އާމިންދައިތަ އެވެ. މި ހާދިސާ ހިނގީ މި އަތޮޅު ކޮއްދިއްޕަރު ކިޔާ ފަޅު ރަށެއްގައި ރާ އެރި ދުވަސް ވަރެވެ.
އެ ދެމަފިރިންނާއި ތިން އަންހެން ކުދިންގެ އިތުރުން އެ ރަށުގައި ދެން އުޅުނީ ދެ ދަރިންގެ މަރަށް ތުހުމަތުކުރާ ފިރިހެންމީހާ އެވެ. ހިތްހަމަނުޖެހިގެން އޭނާއާ ދިމާލަށް އެއްޗެއް ބުނަން ޖެހުނީ އާމިންދައިތަގެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމުންނެވެ.
އާމިންދައިތަ: ދެ ކުދިން މަރުވުމަކީ އޭނާއަށް ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާ
"އަތިރިމައްޗަށް ގޮސް ތެލި ދޮވެގެން އައިއިރު ދަރިފުޅު ރޯމަހެއް ހެން ރޮނީ, ތެޅެނީ. ފެންވަރުވަން ބަލާލި އިރު އެނގުނީ އެ ކުއްޖާއާ ބެހިފައި ކަން ހުރީ. މަ ބުނެފިން (ނަން ކަނޑާލާފައި) ހެޔޮނުވާނެ ނޫންހޭ މީހެއްގެ ޅަ ދަރިއެކޭ މީ."
އުސްމާނަށް އެކަން އެނގުމުން ހިތްހަމަނުޖެހި ބޭނުންވީ އަވަހަށް އޭނާ އެ ރަށުން ފޮނުވާލާށެވެ.
އޭނާ ރަށުން ފައިބާން އެއްބަސްވެ އެދުނީ ހަކުރު އަޑުބައަކަށެވެ. ފުރާ ހުރި އަޑުބައެއް ދޭން އާމިންދައިތަ އާއި އުސްމާން ދެކޮޅު ހެދީ އެވެ. ނުކައި ހުރި ހަކުރު އަޑުބައެއް ނުދެވޭނެ ކަމަށާއި ކަމުން ދިޔަ ހަކުރު އަޑުބަ ގެންދަން އުސްމާން ހުއްދަ ދިން ކަމަށް އާމިންދައިތަ ބުންޏެވެ.
އެއީ އޭނާ ހިތްހަމަނުޖެހުނު ސަބަބެވެ.
"ދެން އެ ސޮރު ފުރައިގެން ދާން ގެއިން ނުކުންނަމުން ބުނީ ކީކޭ؟ ވަރުހުރި ކެއްސެއް ދީފައޭ މިދަނީ،" ރޮމުން އާމިންދައިތަ ކިޔައިދިނެވެ.
އެ އިންޒާރު ދިނަސް އާމިންދައިތަ ބުނީ އެހާ އަނިޔާވެރި ކަމެއް ކޮށްފާނެ ކަމަކަށް ހީނުކުރާ ކަމަށެވެ. ޖެހިގެން އައި ދުވަހު އާމިންދައިތަ އާއި އުސްމާން ވެލާ ބިސް ނަގައިގެން އުޅުނީ އޭގެއިން ކުދިންނަށް ފޮޅި ފިހެދިނުމަށެވެ.
ބޮޑު ދެ ކުދިންނަށް ކާންދޭން އުޅުނީ ގާތުން ދޭ ދަރިފުޅު ނިންދަވައިފަ އެވެ.
"ކާންދޭން ވެގެން ފިނި އަށި މައްޗަށް ކޮންމެ ކުއްޖަކަށް ސައި ތައްޓަކާއި ކުޅި ފޮޅިއަކާއި ފޮނި ފޮޅިއެއް އެރުވީ. އިރުކޮޅަކުން އެއް ކުއްޖަކު ވެއްޓުނީ. ބޮޑު މީހާ ކިޔައިފި މަންމާ ކޮއްކޮ ނިދިގެން ވެއްޓިއްޖޭ."
ފެން އަޅައި ތަޅުވައި ހެދީމަ ވެސް އެ ކުއްޖާ ނުހޭލި އެވެ. ރީއްޗަށް ހުރި ދަރިފުޅަށް ކުއްލިއަކަށް ވީ ގޮތެއް އުސްމާނަށް ނޭނގުނެވެ.
މުވާސަލާތު ކުރުން ދަތި ދުވަސްވަރަކަށް ވާތީ ރަށުގައި ކަމެއް ހިނގިިއަސް އެކަން އަންގަން ޖެހެނީ ވަރަށް އުނދަގުލުންނެވެ. ކަމެއް ހިނގައިފި ކަން އުސްމާނު އެންގީ މުޅި ރަށުގައި ހަން ޖަހައިގެންނެވެ.
ދޯންޏެއް އެ ރަށާ ކައިރިކުރުމުން އޭގައި ތިބި ދެ މީހުންނާ އެކު އުސްމާނު ގެއަށް ދިޔައީ ކުއްޖާއަށް ވެފައި އޮތް ގޮތެއް ބެލުމަށެވެ. އެ މީހުން ދިނީ ދަރިފުޅުގެ މަރުގެ ހިތާމަވެރި ޚަބަރެވެ.
"އުސްމާން ކައިރީގައި އެ މީހުން ބުނީ ބިގަރަކަށް ތެޔޮ އަޅައި ހަދައިގެން މިރޭ 12 ޖަހާއިރު އަންނާނަމޭ ކުއްޖާ ހިނަވާ ހަދައި ވަޅުލަން. ބިގަރު ދިއްލަން އުޅެ ނުދިއްލުނު. އެހެންވެ އަލިވިލެންދެން ބޭއްވީ."
އޭރު ވިހައިގެ އަސަރު ދެން ހުރި ދަރިފުޅަށާއި އާމިން ދައިތައަށް ވެސް ކޮށްފި އެވެ. އެ މީހުން ވަގުތުން ގެންދިޔައީ މަނަދުއަށެވެ.
އެ ރަށަށް ގެންގޮސްގެން އަންހެން ކުއްޖާ އާއި އާމިން ދައިތައަށް ވެސް ބޯންދިނީ ކާށިކިރެވެ. އެކަމަކު ދެ ވަނަ ދަރިފުޅު ވެސް ސަލާމަތް ނުކުރެވި އުޅެނިކޮށް މަރުވެގެން ވެއްޓުނީ އެވެ.
ކުޑަ ދަރިފުޅު އޮތީ އާމިންދައިތަ ސިފަކުރި ގޮތުގައި "ވެސްނޫ ގަނޑެއްހެން" ވެފަ އެވެ. މަނަދުއަށް އައި ހިސާބުން އޭރު އޮތީ އެ ކުއްޖާއަށް ގާތުން ނުދޭން ވެސް އަންގައިފަ އެވެ. ފޮޅި ފިހެގެން ރަހަ ބެލުމުގެ ތެރޭގައި އާމިންދައިތައަށް ވެސް ހުރީ ވިހަ ކެވިފަ އެވެ.
"އަށް ރޭ އަށް ދުވާވި އިރު ވެސް ތަނެއް ދޮރެއް ނޭނގެ, ދުނިޔެއަކު ކަމެއް ވެސް މި އުޅެވެނީ،" އާމިން ދައިތަ ކިޔައިދިނެވެ.
ހަގު ކުއްޖާ ނަސީބަކުން ސަލާމަތްވީ އެވެ. އޭނާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.
ފަޅު ރަށުގައި އެ މީހުންނާ އެކު އުޅުނު މީހާ ކުރި ކަމެއް ކަމަށް ތުހުމަތުކުރަނީ އެ ރަށުން އައި ދުވަހު އާމިންދައިތަ ބައްޕަގެ ގާތުގައި ދެއްކި ވާހަކައަކާ ވެސް ގުޅިގެންނެވެ.
"ކުދިން ކޮބައިހޭ އެހީމަ އޭނަ ބުނަނީ މިވަގުތަށް ރަނގަޅޭ. ފަހުން ވާނެ ގޮތެއް ނޭނގެއޭ. ބޮނޑިއެއްދީފައޭ މިއައީ, މަށަށް ހަކުރު ނުދިނީމާ."
އާމިންދައިތަ ބުނީ ރަށުގައި ހުރި ހަކުރު އަޑުބާތަކަށް ވެސް ވިހަ އަޅާފައި ހުރެދާނެ ކަމަށް ބަލައިގެން އަޑުބާތަކުން މީހެއްގެ ގޭގެ ތަޅުން އަޅަން ދިނީ ކަމަށެވެ. ފިރިމީހާ އުސްމާން ވެސް ނިޔާވީ ދަރިން މަރުވުމުގެ ހިތާމައިގައި ވަރަށް ގިނަ ދުވަހު އުޅެފަ އެވެ.
އޭގެ ފަހުން އާމިންދައިތަ މިހާތަނަށް އުޅެނީ އެކަންޏެވެ. މަސައްކަތެއް ކުރަން ވެގެން މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ގާޑިޔާ ވެސް ހިންގި އެވެ. ރަނގަޅު އާމްދަނީއެއް އެކަމުން ލިބުނެވެ. ފަހުން ރަށަށް ބަދަލުވީ ބަލި ހާލަތު ވެސް ހުރި ގޮތުންނެވެ.
ބަލިކަމުން ކިރިޔާ ހެލިފެލިވެ އުޅެވެނީ އެވެ. އާމިންދައިތަ ބުނީ ދެދަރިންގެ މަރަށް ތުހުމަތުކުރެވޭ މީހާ އަށް ދުވަހަކު ވެސް މާފު ނުކުރެވޭނެ ކަމަށެވެ.
"އޭނައާ ދިމާލަށް ބުނިން ކަލެއަކީ ވެސް މާތްﷲ ހެއްދެވި އިންސާނެކޭ. އަހަރެމެންނަކީ ވެސް ހެއްދެވި އިންސާނުންނޭ. މީހަކަށް ދެރަގޮތެއް ހަދާފައި ކުރިއެއް ނުލިބޭނެއޭ."
މި ރަށު ކޮންމެ ގެއެއްގައި އުނދޯއްޔެއް!
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ކުޑަފަރި: ބޮޑު ވިސްނުމެއް، އެންމެ އުފާވެރި ރަށް
ބަޑި އެއްލާލުމުން އަރުވާލި ހުސޭނު ބޮޑުބެރު ލެޖެންޑަކަށް
ކެނދިކުޅުދޫގެ ހަޒާނާ ތެރެއަށް ވަންނަ ފައުޖު
އިންސާނިއްޔަތުކަމުގައި ދެވަނައެއް ނެތް ހިތެއް
ހައި ދަނޑު: ފިޔޯރީގައި ކުރިލާ ހެދޭ ރަނެއް
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
އާބާދީ ކޮންޓްރޯލްކޮށްގެން ހޯދި ޓީވީން އެހެން މަންޒަރެއް
މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް