Roadha Mihaaru
ޖައްވީ ސްޓޭޝަންގައި މިރުސް ވެސް ހައްދައިފި

ޖައްވީ ސްޓޭޝަންގައި މިރުސް ވެސް ހައްދައިގެން ކައިފި

05 ނޮވެމްބަރ 2021

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އަލަށް މިރުސް ހައްދައި، އޭގެ ރަހަ ވެސް ޓެސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އަލަށް މިރުސް ހައްދައި، އޭގެ ރަހަ ވެސް ޓެސްޓްކޮށްފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އެސްޓްރޮނޯޓަކު މި ވާހަކަ ޓްވިޓާގައި ވެސް ފޮޓޯތަކާ އެކު ހިއްސާ ކޮށްފައިވެ އެވެ. މިރުސް ހައްދަން ޖުލައި މަހުގެ ތެރޭގައި ފެށި މަސައްކަތް ކާމިޔާބުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ހެއްދި މިރުހުގެ ރަހ ޓެސްޓްކުރީ ޓާކޯސް އިން ތައްޔާރުކުރި ލުއި ކެއުމަކާ އެކީގަ އެވެ. މި މިރުސް ހެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރީ އެސްޓްރޮނޯޓް މެގަން އާތާ އެވެ. އޭނާ ކުރި ޓްވީޓްގައި ބުނީ ޖައްވީ ސްޓޭޝަނުގައި ހެއްދި މިރުހުގެ ތެރެއިން ރޯކޮށް ހުރި މީރުހާއި ދޮންވެފައި ހުރި މިރުސް ވެސް ޓެސްޓްކުރި ކަމަށާއި ރަހަ ވަރަށް ވެސް މީރު ކަމަށެވެ.

ޖައްވީ ސްޓޭޝަނުގައި ކާނާގެ ބާވަތްތައް ހެއްދުމަކީ ނާސާ އިން މި ފަހުން ތަޖުރިބާ ކުރަމުން އަންނަ ކަމެކެވެ. އެގޮތުން 2015 ގެ ފަހުން މިހާތަނަށް 10 ވައްތަރެއްގެ ތަކެތި އެތަނުގައި ހައްދާފައިވެ އެވެ. އޭގެ ތެރޭގައި ލެޓަސް ވެސް ހިމެނެ އެވެ.

ނާސާގެ ޕްލާންޑް ހެބިޓް-04 (ޕީއެޗް-04) ގެ ސްޓަޑީގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތައް ޖައްވީ ސްޓޭޝަނުގައި ހެއްދުމުގެ ތަޖުރިބާ އަކީ މުސްތަގުބަލުގައި ޖައްވީ ސްޓޭޝަނަށް ކާނާ އުފުލަން ކުރަން ޖެހޭ މަސައްކަތްތަކާއި އެކަމަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި އެކްސްޕެރިމަންޓްކުރާ ކަމެކެވެ. އެގޮތުން މިރުހުގެ ބާވަތެއް ކަމަށްވާ "ހެޗް ޗިލީ" ހައްދަން ކުރި މަސައްކަތް ކާމިޔާބުމާ އެކު، މީގެ އިތުރު ޓެސްޓްތަކެއް ހެދުމަށް، ދުނިޔެ އަށް މިރުސް ގެންނަން ވެސް ނިންމާފައިވެ އެވެ.

މިކަމާ ބެހޭ ބެހޭ ގޮތުން ނާސާ އިން ބުނީ މިރުސް ހެއްދުމުގެ މަސައްކަތަކީ މިހާތަނަށް ޖައްވީ ސްޓޭޝަނުގައި ހެއްދި އެންމެ "ކޮންޕްލެކްސް" ބާވަތް ކަމަށާއި އެ މަސައްކަތް ކާމިޔާބުވުމަކީ ޖައްވީ ސްޓޭޝަނުގައި ދިގު މުއްދަތަށް ކުރިއަށް ގެންދާ ސްޕޭސް މިޝަންތަކަށް ބޭނުންވާ ކާނާ އުފެއްދުމާ ގުޅޭ ގޮތުން ކުރެވޭ ދިރާސާތަކަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މަހުގެ ތެރޭގައި ޖައްވީ ސްޓޭޝަނަށް ފުރާ ޓީމުން ފަޅުވެރިން ވެސް މިރުސް ހެއްދުމުގެ ދެވަނަ ބުރެއް ކުރިއަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.