Roadha Mihaaru
ސޫދާންގެ މުޒާހަރާތަކުގައި ތިން މީހަކު މަރުވެއްޖެ

ސޫދާންގެ މުޒާހަރާތަކުގައި ތިން މީހަކު މަރުވެއްޖެ

31 އޮކްޓޯބަރ 2021

ސޫދާނުގައި މިހާރު އޮތް އަސްކަރީ ވެރިކަމުގެ ބަދަލުގައި، މަދަނީ ސަރުކާރެއް އުފެއްދުމަށް ގޮވާލައި، އެ ގައުމުގައި މިހާރު ކުރަމުންދާ ސިލްސިލާތަކުގެ ތެރެއިން، އިއްޔެ ކުރި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ހަމަލާދިނުމުގެ ސަބަބުން ތިން މީހަކު މަރުވެއްޖެ އެވެ.

ސޫދާނުގައި މިހާރު އޮތް އަސްކަރީ ވެރިކަމުގެ ބަދަލުގައި، މަދަނީ ސަރުކާރެއް އުފެއްދުމަށް ގޮވާލައި، އެ ގައުމުގައި މިހާރު ކުރަމުންދާ ސިލްސިލާތަކުގެ ތެރެއިން، އިއްޔެ ކުރި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ހަމަލާދިނުމުގެ ސަބަބުން ތިން މީހަކު މަރުވެއްޖެ އެވެ.

ސޫދާން ޑޮކްޓަރުންގެ މަރުކަޒީ ކޮމިޓީން ބުނި ގޮތުގައި ވެރިރަށް ޚުރުތޫމްގެ އުންމު ދަރްމާން ކިޔާ އަވަށުގައި އާންމުން ކުރި މުޒާހަރާ ރޫޅައިލުމަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އިއްޔެގެ މުޒާހަރާ ކުރިއަށް ދިޔައީ، "30 އޮކްޓޫބަރުގެ އެއް މިލިއަން"ގެ ނަމުގަ އެވެ. މިމުޒާހަރާތައް ކުރިއަށް ދަނީ، އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން، އެ ގައުމުގައި އޮތް ވަގުތީ ސަރުކާރު އުވާލައި، ގައުމުގެ ހުރިހާ ބާރުތަކެއް ސިފައިން އަމިއްލަ ކުރުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ވެރިރަށް ޚުރުތޫމްގައި އިއްޔެ ކުރި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ބަޑިޖެހުމުގެ އިތުރުން ކަރުނަ ގޭސް ވެސް ބޭނުންކުރި އެވެ. ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅައިލަން މަސައްކަތް ފެށީ، މުޒާހަރާގެ ބައިވެރިން، ގާނޫނު ހަދާ މަޖިލީހާ ކައިރިއަށް ދާން ފެށުމުންނެވެ.

ނަމަވެސް ފުލުހުން ބުނި ގޮތުގައި، މުޒާހަރާ ރޫޅައިލުމަށް އިއްޔެ ކުރި މަސައްކަތުގައި، އެއްވެސް ވަރަކަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހައިފައެއް ނުވާނެ އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް، އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖެހީ ކޮން ބައެއްކަން ދެނެގަތުމަށް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ކަރުނަ ގޭސް ޖަހަން ޖެހުނީ، ސުލްހަވެރި ގޮތުގައި ކުރަމުން އައި މުޒާހަރާގެ ތެރެއިން ވަކި ބަޔަކު، ސުލްހަވެރި ގޮތްތައް ދޫކޮށްލައި، ފުލުހުންނަށް ހަމަލާ ދޭން ފެށުމުންނެވެ.

ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިން ގާ އުކުމުގެ ސަބަބުން ސިފައިންގެ 12 މީހަކު ޒަހަމްވެގެން ފަރުވާ ދޭންޖެހުނެވެ. އަދި އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖެހުމުގެ ސަބަބުން ފުލުހުންގެ މީހަކު ވެސް ޒަހަމްވި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

އިއްޔެގެ މެންދުރު ފަހު ވެރިރަށް ޚުރުތޫމުން މުޒާހަރާ ފަށާނެކަން އިއުލާންކުރުމާ ގުޅިގެން، ސިފައިންނާއި ފުލުހުން ނުކުމެ ބޮޑެތި މަގުތައް ބަންދުކޮށް، ބްރިޖްތައް ވެސް ބަންދުކުރި އެވެ. އެހެންވުމުން، ދުރު ހިސާބުތަކުން ވެރިރަށް ޚުރުތޫމަށް އަންނަން ބޭނުންވި މީހުންނަށް މުޒާހަރާގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.