Roadha Mihaaru
މަހްމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ދިޔައީ ސާލިމް

މަހްމޫދަށް ދެ ވަޅިން ހަމަލާދިން، ހަށިގަނޑު އުފުލީ ސާލިމްގެ ކޮނޑުގައި

31 އޮކްޓޯބަރ 2021

އެއީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. ވީޑިއޯ ފުޓޭޖުން ފެންނަނީ ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރާއި އެ ރަށުގައި އުޅުނު ބިދޭސީއެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ބާރުބާރަށް ހިނގާފައި، ބިދޭސީ މީހާ އުޅުނު ނެދުންގެއާ ދިމާލަށް ދަނިކޮށެވެ. އެ ވީޑިއޯ އިން ފާހަގަވާ ހަމައެކަނި އާދަޔާ ހިލާފް ކަމަކީ ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެން ވަރަށް އަވަސްއަރުވާލާފައި ދިޔަކަމެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެންނަނީ އެ މަގުން ދިޔަ އަންހެނަކު ގޭގެ ފާރުމަތިން ބޯ ދިއްކޮށްލައި ބަލައިލާތަނެވެ. އޭރު ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް އަދި ނަޖާހް މަސްއޫދު

އެއީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. ވީޑިއޯ ފުޓޭޖުން ފެންނަނީ ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރާއި އެ ރަށުގައި އުޅުނު ބިދޭސީއެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ބާރުބާރަށް ހިނގާފައި، ބިދޭސީ މީހާ އުޅުނު ނެދުންގެއާ ދިމާލަށް ދަނިކޮށެވެ. އެ ވީޑިއޯ އިން ފާހަގަވާ ހަމައެކަނި އާދަޔާ ހިލާފް ކަމަކީ ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެން ވަރަށް އަވަސްއަރުވާލާފައި ދިޔަކަމެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެންނަނީ އެ މަގުން ދިޔަ އަންހެނަކު ގޭގެ ފާރުމަތިން ބޯ ދިއްކޮށްލައި ބަލައިލާތަނެވެ. އޭރު ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެ އެވެ.

އެ އަންހެން މީހާ އެ ބަލައިލަނީ އުމުރުން ދުވަސްވީ ބަލި މީހަކު އޮންނަ އެ ގޭތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނުހެން ހީވެގެންނެވެ. އެކަމަކު އެ އިވުނީ ރަށު އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އެންމެންގެ އެކުވެރި މަހްމޫދަށް މަރުގެ ހަމަލާއެއް އަމާޒުވެ އޭނާގެ ފަހު ވަގުތުކޮޅު ވޭނާއި ކެކުޅުމުގައި ހޭދަކުރި އަޑުކަން އެނގުނީ ފަހުންނެވެ. އޭނާ ފާރުމަތިން ބަލައިލަން ހިތަށްއެރިކަން އެއީ މަހްމޫދުގެ ގާތިލް ދެނެގަތުމަށް ފެށި ތަހުގީގުގައި އެންމެ ބޮޑު އެެއް އެހީއަށް ވެސް ވި އެވެ. އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ނެދުންގޭގައި ވަރަށް އެކަހެރިކޮށް އުޅުނު އަދި މަޑުމައިތިރި ސާލިމް މަރުގެ ތުހުމަތަށް ހައްޔަރުކޮށް ހާދިސާއާ ގުޅޭ ތަކެއްޗާއި މައުލޫމާތު ފުލުހުން ހޯދީ އަންހެން މީހާގެ ބަހާއި ސީސީޓީވީ ފުޓޭޖުން އުފެދުނު ބޮޑެތި ޝައްކުތައް ބެލުމުގެ ތެރޭގަ އެވެ.

މަހްމޫދުގެ މަރުގެ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ކަންކަން ދަނގެތީ ކައުންސިލާއި މަހްމޫދުގެ އާއިލާއަށް ވެސް ފުލުހުން އިއްޔެ ވަނީ ކިޔައިދީފަ އެވެ. އެ މައުލޫމާތު "މިހާރު" އަށް ވަނީ ލިބިފަ އެވެ.

ފައިސާ ހޯދަން އުޅުމުގެ ތެރޭ ހަމަނުޖެހުމެއް

އުމުރުން ދުވަސްވީ މީހާ އޮންނަ އަދި ސާލިމް ވެސް އުޅޭ ގެއަށް މަހްމޫދު ގެންދަނީ މަހްމޫދަށް އޮޅުވާލައިގެން ވާހަކައެއް ދައްކައިގެންނެވެ. މަހްމޫދު ގެއިން ނުކުމެގެން ދިޔައީ އެ ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ނިންމާފައި ކަމަށް އާއިލާގެ ބައެއް މީހުން ބުންޏަސް އެއީ އޮޅުމެކެވެ. މެޗު ފެށި ގަޑީގައި މަހްމޫދު ދަނީ ސާލިމާ އެކު ނެދުންގެއަށެވެ.

ނެދުންގެ އަށް މަހްމޫދު ވެއްދުމަށް ފަހު ސާލިމް ބުނި ކަމަށް ވަނީ އޭނާގެ މަންމަ އުޅެނީ ވަރަށް ބޮޑަށް ބަލިވެ ކަމަށާއި ފައިސާ އަށް ބޭނުންވެފައިވާ ކަމަށެވެ. ކާޑުގެ ބާވަތްތަކާއި ކައްކާ ގޭސް ޑެލިވަރީކުރުމުގެ ވިޔަފާރިކުރާތީ އަތުގައި އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ހުންނަ މަހްމޫދުގެ އަތުން ސާލިމް ފައިސާ ހޯދަން އުޅުމުން މަހްމޫދު އެކަމަށް އިންކާރުކުރީ އެވެ. އެއާ އެކު ސާލިމް ބޭނުންވީ ގަދަކަމުން ވިޔަސް ފައިސާ ހޯދާށެވެ. ދެން ހިނގި ހަމަނުޖެހުމުގައި މަހްމޫދު އިދިފުށަށް ވެއްޓި އެއްޗެއްގައި ބޯ ޖެހި އަނިޔާވީ އެވެ. އެ ވަގުތު ސާލިމް ވަޅިއަކުން މަހްމޫދަށް ހަމަލާ ދިނުމަށް ފަހު ދަމާފައި ގެންގޮސް ވައްދަނީ އަނދިރިކޮށް އޮތް ގަސްތަކެއްގެ ތެރެއަށެވެ.

ދަނގެތި- އޮކްޓޯބަރު 16، 2021: އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީމީހާ ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް ވައްދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަނގެތި- އޮކްޓޯބަރު 16، 2021: އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީމީހާ ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް ވައްދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަގުމަތިން ދިޔަ މީހާ އަށް ފާރުމަތިން އެ ބަލައިލެވުނީ މި ވަގުތު އެވެ. ހަޅޭކުގެ އަޑު އިވިގެން ބަލައިލި އިރު އަނދިރިގަނޑު ތެރެއިން، މީހެއްގެ ފައިގައި ހިފައި ދަމާފައި ގެންދިޔަ ކަހަލަ ގޮތަކަށް މަންޒަރެއް ފެނުނު ކަމަށް އެ މީހާ ވަނީ ބުނެފަ އެވެ.

ސާލިމް ތަހުގީގަށް ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ދިން ހަމަލާތަކަށް ފަހު މަހްމޫދު މަރެއް ނުވެ އެވެ. މަރުވީ ފަހުން އެހެން ވަޅިއަކުން ހަމަލާތެއް ދިނުމުންނެވެ. މަހްމޫދުގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ރަނގަޅަށް ފެނުނު މީހުންގެ ވާހަކަތަކާ މި ވާހަކަ ދިމާވެ އެވެ. އެއީ ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރި އިރު ދެ ސައިޒެއްގެ ވަޅިއަކުން ދީފައި ހުރި ހަމަލާތައް ހުރުމެވެ. މީގެ އިތުރުން ދަމާފައި ގެންދިޔަ ކަމަށް ބުނާ ބުނުމާ ބުރަކަށީގައި ހުރި، މަށައިގެން ގޮސްފައި ހުރި ޒަހަމާ ދިމާވެ އެވެ. މަހްމޫދު ވެއްޓި ބޮލަށް އަނިޔާވި ކަމަށް ބުނާ ވާހަކައާ، ބޮލުގެ ނުފުށުގައި ހުރި ޒަހަމާ ދިމާވެ އެވެ.

ހަށިގަނޑު އުފުލީ ސާލިމްގެ ކޮނޑުގައި

ސާލިމް ފުލުހުންނަށް ކިޔައިދިން ގޮތުގައި މަހްމޫދު މަރާލުމަށް ފަހު ބޯކޮޅުން ގޯންޏެއް އަދި ފައިކޮޅުން ގޯންޏެއް ލެއްވުމަށް ފަހު އައްސައި، އެ ގޭ ފާރުމަތިން ބޭރަށް، މަގުމައްޗަށް ވައްޓާލީ އެވެ. ދެން ފާރުމަތިން އަރައި އެ ހަށިގަނޑު ކޮނޑަށް ލައިގެން ގެންގޮސް، ފަޅުގެއެއްގެ ފެންވަޅަށް ވައްޓާލީ އެވެ. އެއީ ބިދޭސީ މީހާ އުޅޭ ނެދުންގޭ ހަތަރުއަނގޮޅިއާ ގުޅޭ ގޮތަށް ހުންނަ ފަޅުގެއެއްގެ ތެރޭ ހުންނަ ވަޅެކެވެ. ހަށިގަނޑު ހިފައިގެން 100-150 ވަރަކަށް ފޫޓަށް ސާލިމް ދިޔައިރު އެ މަންޒަރުން ބައެއް ވެސް ސީސީޓީވީ އަށް އަރާފައިވެ އެވެ.

މި ހުރިހާ ކަމެއް ހިނގީ ފޯރިގަދަ ފުޓްބޯޅަ މެޗު ބަލަން އެންމެން ޓީވީ ދޮށުގައި ތިބި ވަގުތު އެވެ.

ސާލިމް ނޫން މީހަކަށް ޝައްކުވާ ކަމެއް ނުފެނޭ

މަހްމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް، ޖެހިގެން އައި ދުވަހުގެ މެންދުރު ފަހު ހަށިގަނޑު ފެނުމާ އެކު ރަށު މީހުން ތުހުމަތުކުރީ އއ. އޮއްޑޫން ގޮސް ދަނގެތީގައި އުޅުނު ދެ ޒުވާނަކަށެވެ. އެއީ ކުށުގެ ރެކޯޑްތައް ގިނަ ދެ މީހުންނަށް ވެފައި ރަށުތެރޭގައި ވެސް އެހެން އުޅޭތީ ރަށު މީހުން ވަނީ އެ ދެ ޒުވާނުން ހިފަހައްޓައި އަނިޔާކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި އެ ދެ މީހުންނާ އުޅުނު އަންހެނަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުން މި މަރާ މި މީހުންނާ ގުޅޭ ކަމެއް ފެނިފައެއް ނުވެ އެވެ.

ސާލިމަކީ މަޑުމައިތިރިކޮށް ހުންނަ ބަރާބަރަށް ނަމާދަށް ގޮސް އުޅޭ ރަނގަޅު މީހެއްގެ ގޮތުގައި ރަށު މީހުން އޮތީ ގަބޫލުކޮށްފަ އެވެ. އޭނާ އަކީ އަދި ރަށުގެ އެހެން މީހަކީ ވެސް މީހަކު މެރުން ފަދަ ކަމެއް ކުރަން ކެރޭނެ މީހެއް ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

އދ. ދަނގެތީގައި އިހާނެތިކޮށް މަރާލައި އެއްލާލާފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާގައި އޭނާގެ ސައްދޯއް އުފުލަނީ. .-- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

އދ. ދަނގެތީގައި އިހާނެތިކޮށް މަރާލައި އެއްލާލާފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާގައި އޭނާގެ ސައްދޯއް އުފުލަނީ. .-- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

މަރުގެ ތުހުމަތަށް ސާލިމް ހައްޔަރުކުރި ދުވަހު ވެސް އެ ރަށު މީހުންނަށް ލިބުނީ ހައިރާންކަމެވެ. އެކަމަކު އޭނާ ހައްޔަރުކޮށް އޭނާގެ ފަރާތުން ލިބުނު މައުލޫމާތުން، މަހްމޫދުގެ ބައެއް ތަކެއްޗާއި މަހްމޫދު މަރާ ގުޅުން ހުރި އެހެން އެއްޗެހި ވެސް ފުލުހުން ހޯދުމުން މި ބޮޑު ޖަރީމާއާ ސާލިމާ އޮތް ގުޅުން އެނގެ އެވެ.

މަހްމޫދުގެ މަރާ ސާލިމާ އޮތް ގުޅުން އަންގައިދޭ އެތައް ހެއްކެއް ލިބިފައި ވިޔަސް އަދި ތަހުގީގު ނިންމައެއް ނުލަ އެވެ. މަރުގެ ތުހުމަތަށް މި މަހުގެ 16 ވަނަ ދުވަހު ހައްޔަރުކުރި ސާލިމްގެ ބަންދަން ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު މިއަދު ހަމަވާނެ އެވެ. އެހެންވެ މިއަދު އޭނާ އަލުން ކޯޓަށް ގެންގޮސް އަނެއްކާވެސް ބަންދާ މެދު ގޮތެއް ނިންމާނެ އެވެ.