Roadha Mihaaru
ޕަވަ ނޮޓް: ރައްކާތެރިކަމާއެކު ކުނި ނައްތާލަން ހައްލެއް

ޕަވަ ނޮޓް: ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަަށް އޮތް ހައްލެއް

10 އޮކްޓޯބަރ 2021

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ޖަޒީރާ ގައުމުތަކުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑުވެ ނުރައްކާ އޮތް ގައުމުތަކުގެ ތިންވަނާގައި އޮތީ ވެސް ރާއްޖެ އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ޖަޒީރާ ގައުމުތަކުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑުވެ ނުރައްކާ އޮތް ގައުމުތަކުގެ ތިންވަނާގައި އޮތީ ވެސް ރާއްޖެ އެވެ.

އެކި ދިރާސާތަކުން ދައްކާގޮތުގައި 2100 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު އިތުރު 59 ސެންޓިމީޓަރަށް އުފުލޭނެ އެވެ. ރާއްޖޭގެ ގިނަ ރަށްތަކުގެ އުސްމިން ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރަށްވުރެ ތިރިވާނެ އެވެ. އެހެންވެ، ރާއްޖޭގެ ގިނަ ރަށްތައް އަޑިއަށް ދިއުމަކީ މިހާރު އޮތް ބިރެކެވެ. މިހާރުގެ ހާލަތަށް ބަދަލު ނާންނަ ނަމަ 2100 ވަނަ އަހަރާ ހަމައަށް ރާއްޖެ ނޯންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ތިމާވެއްޓަށް އެންމެ ބޮޑު އަސަރެއް ކުރާ އެކައްޗަކީ ކުންޏެވެ. ކުނި ނައްތާލުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުމަކީ މިއަދު ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ. ދިވެހި ސަރުކާރުން ވެސް މިއަދު ޕްރޮޖެކްޓުތައް ހިންގުމުގައްޔާއި ތަފާތު އެކި ކަންކަމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރުމަށް އިސްކަން ދެ އެވެ. މިއީ ރާއްޖެއިން ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސް 2030 އާ ހަމައަށް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތެކެވެ.

ކުނި ނައްތާލުމުގައި މިހާރު ވެސް ރާއްޖޭގައި ތަފާތު "ޕްރެކްޓިސް"ތައް ބޭނުން ކުރެ އެވެ. އެގޮތުން، ބައެއް ރިސޯޓުތަކުން އުފައްދާ ކުނީގެ ތެރެއިން ކާނާގެ ބާވަތްތައް ވަކި ކުރުމަށްފަހު އުކާލަނީ ކަނޑަށެވެ. މިއީ ރިސޯޓު ހިމެނޭ ސަރަހައްދުގައި ކުނި ނައްތާލާނެ ނިޒާމެއް ނެތްނަމަ އެ ރިސޯޓަކަށް ކަނޑަށް ކުނި އުކާލެވޭނެ ކަމަށް ބުނެފައިވާ ކުރީގެ ގާނޫނެއްގެ ސަބަބުން ރިސޯޓުތަކަށް ކުރެވޭ ކަމެކެވެ. ނަމަވެސް ދުނިޔެ މިހާރު މިއޮތް ހާލަތަށް ބަލައި މިއީ އެކަށީގެންވާ ކަމެއް ނޫނެވެ.

ރާއްޖޭގައި އުފައްދާ ކުނީގެ 40 ޕަސެންޓަކީ ކާނާގެ ބާވަތްތައް ކަމަށްވާއިރު އޭގެ ބޮޑުބައި އުކާލަނީ ކަނޑަށެވެ. މިއީ ކަނޑުގެ ދިރުންތަކަށް އަދި ތިމާވެއްޓަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި ކަނޑަށް ކުނި އުކާލުމުން ރަށްތަކުގެ ގޮނޑުދޮށަށް އެއްވެ ގޮނޑުދޮށުގެ ރީތިންކަން ވެސް ގެއްލިގެންދެ އެވެ. މި ޝަކުވާތައް އެކި ރަށްތަކުން މިހާރު ވެސް ކުރެ އެވެ.

ކުނި ނައްތާލަން ޕަވާ ނޮޓް އިން ބޭނުން ކުރާ އެލްއެފްސީ މެޝިން--

ކުނި ނައްތާލަން ޕަވާ ނޮޓް އިން ބޭނުން ކުރާ އެލްއެފްސީ މެޝިން--

ގިނަ ކުންފުނިތަކުގެ މިސްރާބު ރަނގަޅު ދިމާލަކަށް

ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ދުނިޔޭގެ އެކި ޖަމިއްޔާތަކުންނާއި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ރައްޖޭގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ބަލައިގެންފަ އެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ މި ގައުމު މިގޮތުގައި އޮންނާނީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކު ކުނި ނައްތާލައިގެން ކަމަށް ވެސް ގިނަ ކުންފުނިތަކުން ގަބޫލުކުރެ އެވެ. އެހެންވެ، ގިނަ ކުންފުނިތަކުން އަންނަނީ ރައްކާތެރިކަމާ އެކު ކުނި ނައްތާލުމުގެ ޒިންމާ އަމިއްލައަށް ނަގަމުންނެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ރިސޯޓަކީ ފޯ ސީޒަންސް ލަނޑާ ގިރާވަރެވެ. އެ ރިސޯޓުން މިހާރު ވަނީ ކުނި ނައްތާލުމަށް "އެލްއެފްސީ-500" ބައޯޑައިޖެސްޓާ މެޝިނެއް ބަހައްޓައިފަ އެވެ. މި މެޝިނުގެ ސަބަބުން، އެ ރިސޯޓުގައި އުފައްދާ ކުނީގެ އަދަދު 34 ޓަނު މަދުކޮށްލަދެ އެވެ. މިއީ އެހެން ނޫނީ ކަނޑަށް އުކާލާ ކުންޏެވެ.

ލަނޑާ ގިރާވަރުގައި ބަހައްޓާފައިވާ މި ޑައިޖެސްޓާ އަކީ "ޕަވާ ނޮޓް އެލްއެލްސީ" އިން ބަހައްޓާފައިވާ މެޝިނެކެވެ. ޕަވަ ނޮޓަކީ ރައްކާތެރިގޮތުގައި އޯގޭނިކް ކުނި ނައްތާލުމުގެ ސޮލިއުޝަންސް ތައްޔާރުކޮށްދޭ ކުންފުންޏެކެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ވެސް އެ ކުންފުނިން ހިންގަ އެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ހާއްސަ ކޮށްގެން ޕަވަ ނޮޓް އިން ވަނީ ހާއްސަ ވެބިނާއެއް ވެސް ތާވަލުކޮށްފަ އެވެ. އަންނަ ބުދަ ދުވަހުގެ ރޭ 7:00 ގައި ބާއްވާ މި ވެބިނާގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ. މި ވެބިނާގައި މައުލޫމާތު ދެއްވާނީ ޕަވާ ނޮޓްގެ ރައީސް އިއާން މައިލްސް އެވެ.

މި ވެބިނާ ޓޫރިޒަމް ދާއިރާއަށް ހާއްސަކުރި ނަމަވެސް ތިމާވެއްޓާއި ކުނި ނައްތާލުމާ ގުޅޭ މައުލޫމާތު ބޭނުންވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. ވެބިނާގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.