Roadha Mihaaru
ލީބިޔާގެ އިންތިހާބުތަކަށް ގާނޫނީ މަގު ފަހިކޮށްދީފި

ލީބިޔާގެ އިންތިހާބުތަކަށް ގާނޫނީ މަގު ފަހިކޮށްދީފި

05 އޮކްޓޯބަރ 2021

ލީބިޔާގައި، 2011 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، މަދަނީ ސަރުކާރެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް، ގާނޫނީ ގޮތުން މަގު ފަހިވެފައިވާ ކަމަށް ބުނެ، އދ. މަޖިލީހުން އިއްޔެ އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ލީބިޔާގައި، 2011 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، މަދަނީ ސަރުކާރެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް، ގާނޫނީ ގޮތުން މަގު ފަހިވެފައިވާ ކަމަށް ބުނެ، އދ. މަޖިލީހުން އިއްޔެ އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ލީބިޔާގައި މި އަހަރުގެ ޑިސެމްބަރު 24 ގައި ބާއްވާ އާންމު އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ލީބިޔާގެ ސިޔާސީ ވާދަވެރިންނާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ވެސް ގިނަ ދެބަސްވުންތަކެއް އުފެދިފައިވާ، އެ ގާނޫނު ފާސްކުރީ، އެ ގައުމުގެ އިރުމަތީ ސަރަހައްދުގެ ރަށެއް ކަމަށްވާ ތުބްރުގްގައި އިއްޔެ ބޭއްވި ދެ ބައްދަލުވުމެއްގަ އެވެ.

ލީބިޔާގައި ބާއްވާ އާންމު އިންތިހާބުގެ ގާނޫނު ފާސްވުމާ ގުޅިގެން، ޑިސެމްބަރު މަހުގެ ފަހުކޮޅު ބާއްވާ އާންމު އިންތިހާބާއި ރިއާސީ އިންތިހާބަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަނޑައަޅައި ނިމުނީ އެވެ.

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ގާނޫނު ފާސްކުރެވިއްޖެ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ ހަވާލާދީ، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ނަމަވެސް، އެ ގާނޫނު ފާސްކުރި ބައްދަލުވުމަށް ހާޒިރުވީ ކިތައް މެމްބަރުން ކަމެއް އެ އޭޖެންސީން ނުބުނެ އެވެ. އަދި އެ ގާނޫނު ފާސްކުރީ ކިތައް މެމްބަރުންގެ ވޯޓުން ކަމެއް ވެސް މިހާތަނަކަށް ނޭނގެ އެވެ.

އޭގެ އިތުރުން، އެ ގާނޫނުގައި ހުރި ހިޔާލު ތަފާތުވާ މާއްދާތަކަށް ގެނައީ ކޮން ބަދަލުތަކެއް ކަމެއް ވެސް މިހާތަނަކަށް ސާފެއް ނުވެ އެވެ. އެ ގާނޫނުގައި ހުރި މާއްދާތަކުގެ ތެރެއިން، ސިޔާސީ ވާދަވެރިންގެ މެދުގައި އެންމެ ބޮޑަށް ދެބަސްވުން އުފެދުނީ، ރައީސް ކަމަށް ވާދަކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް އެ ގާނޫނުގެ ދެލިކޮޕީގައި ލިޔެފައި ހުރި ޝަރުތުތަކާ މެދުގަ އެވެ.

އިންތިހާބާ ބެހޭ ގާނޫނުގެ ދެލިކޮޕީގައި ބުނެފައިވާ ގޮތުން، އަސްކަރީ މަގާމެއްގައި ހުރި މީހަކަށް ރައީސްގެ މަގާމަށް ވާދައެއް ނުކުރެއްވޭނެ އެވެ. ނަމަވެސް އިންތިހާބަށް ވާދަކުރުމުގެ ތިން މަސް ކުރިން އަސްކަރީ މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ، ރައީސް ކަމަށް ވާދަކުރެވޭނެ އެވެ.

ގާނޫނުގެ އެ މާއްދާ އެ ގޮތަށް ލިޔުނީ، ޖެނެރަލް ޚަލީފާ ހަފްތަރު ރައީސް ކަމަށް ގެންނަން ބޭނުންވާ ބަޔަކު ކަމަށް ތުހުމަތުކުރެވެ އެވެ. ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ވެރިކަން ކުރަމުން އަންނަ، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފްތަރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް، އަސްކަރީ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައިވާ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޖެނެރަލް ޚަލީފާ ހަފްތަރް ލީބިޔާގެ ވަގުތީ ރައީސް މުހައްމަދު ޔޫނުސް މަންފީއާ، ފެބްރުއަރީ 11، 2021 ގައި ބެންގާޒީގައި ބައްދަލު ކުރައްވަނީ

ޖެނެރަލް ޚަލީފާ ހަފްތަރް ލީބިޔާގެ ވަގުތީ ރައީސް މުހައްމަދު ޔޫނުސް މަންފީއާ، ފެބްރުއަރީ 11، 2021 ގައި ބެންގާޒީގައި ބައްދަލު ކުރައްވަނީ

ލީބިޔާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، އެ ގައުމުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އެއްބަސްވެގެން ޑިސެމްބަރު 17، 2015 ގައި އެކުލަވާލާފައިވާ، ދައުލަތުގެ އެންމެ މަތީ މަޖިލީހުގެ ރައީސް ޚާލިދު އަލްމިޝްރީ ވިދާޅުވި ގޮތުގައި ޖެނެރަލް ހަފްތަރަކީ އެ ގައުމުގެ އިންތިހާބަށް ހުރި ނުރައްކަލެކެވެ.

"އޭނާ ސިޔާސީ މަސްރަހުގައި ހުންނެވުމަކީ ވެސް އޭގެ ޒާތުގައި، އިންތިހާބުގެ ނަޒާހަތްތެރިނުވާނެ ކަމެއް. އޭނާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އޮންނަ ވޯޓުލުމުގައި ޝައްކާއި ވަހުމު އުފެދޭ އެތައް ކަމެއް މިހާރު ވެސް އެބަ ހިނގާ. އިންތިހާބުގައި ހަފްތަރު ވާދަ ކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފިއްޔާ ހަމަ ޔަގީނުން ވެސް އޭނާ އިންތިހާބުގެ ނަތީޖާ ގަބޫލެއް ނުކުރައްވާނެ،" ޚާލިދު އަލްމިޝްރީ ވިދާޅުވި އެވެ.

ލީބިޔާގައި މަދަނީ ސަރުކާރެއް އެކުލަވައިލުމަށް ކުރެވޭ މަސައްކަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، އެ ގައުމުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ކުލީ ސިފައިންނާއި، ބިދޭސީ ހަނގުރާމަވެރިން ކަމަށް ލީބިޔާގެ ވަގުތީ ސަރުކާރުން ބުނެ އެވެ.

ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝް، ކުވައިތު ހާރިޖީ ވަޒީރު އަހްމަދުއް ނާސިރުއާ އެކު ކުވައިތުގައި މަޝްވަރާ ކުރެއްވުމަށް ފަހު އިއްޔެ ވިދާޅުވި ގޮތުގައި، ލީބިޔާގައި ތިބި ބިދޭސީ ކުލީ ސިފައިން އެ ގައުމުން ފައިބަމުން ދަނީ ވަރަށް ލަސްލަހުންނެވެ.

އެކަމާ ގުޅޭ ގޮތުން އދ. އިން ބުނީ، ލީބިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިން އެ ގައުމުން ފައިބައި، އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ބާރުގެ ދަށަށް، ލީބިޔާގެ ސަރަހައްދު އައުމަކީ، ލީބިޔާގައި މަދަނީ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.