Roadha Mihaaru
އަލީ ކުށްކުރި ކަމަށް ގަބޫލު ކުރަން ގާސިމަށް ދަތި!

އަލީ ވަހީދު ކުށްކުރި ކަމަށް ގަބޫލު ކުރަން ގާސިމަށް ދަތި!

13 ސެޕްޓެމްބަރ 2021

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ ތުހުމަތުގައި ހަތް ދައުވާއެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ "ފްރޭމް"ކޮށްފައި ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ ތުހުމަތުގައި ހަތް ދައުވާއެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ "ފްރޭމް"ކޮށްފައި ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް އައްޔަން ކުރި އަލީ ވަހީދު، ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތު ކުރެވެމުން، ޕާޓީން ވަކި ނުކުރަނީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރާތީ އެކަމާ ގުޅިގެން މިއަދު ގާސިމް ވިދާޅުވީ، މީހުން ވަކި ކުރުމަކީ އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި އަލީ ވަހީދުގެ މައްޗަށް ކުށެއް ސާބިތެއް ވެސް ނުވާކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، އަލީ ވަހީދު ހުންނެވީ ފްރޭމްކޮށްފައި ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ބައެއް ފަހަރު އޭނާ ފްރޭމްކޮށްފައިވާ ކަމަށް ހިތަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި "ނުވާންވީ ކަންތައްތަކެއް" ވަނީ ކީއްވެތޯ ސުވާލު އުފައްދަވައި، ފާހަގަކުރެއްވީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތް ނުވެގެނެއް ނޫން މި އުޅެނީ، އެމަނިކުފާނު ހުރީ ފްރޭމްކޮށްފައި ނޫން ކަމަށް ވެސް، ބައެއް ފަހަރު އެހެން ހިތަށް އަރާ. އެހެން ނޫން ނަމަ ކީއްވެ ހެއްޔޭ ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ،" ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވި އެވެ.

އަލީ ވަހީދު ފްރޭމްކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން ވެސް ވިދާޅުވެފައިވެ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ ޔޫކޭގައި ހުރެގެން އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކުރަން އުޅުނު ދުވަހު އެ ގައުމުގައި އޭނާގެ ވިސާ ހަމަވެގެން ކަމަށް ބުނެ ހައްޔަރު ކުރުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

އަލީ ވަހީދަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށާއި އޭނާގެ މައްސަލަ ނިމޭ އިރު ބޮލުގައި އެއްވެސް ޒިންމާއެއް އެޅުއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމިގެންދާ އިރު އަލީ ވަހީދުގެ ބޮލުގައި އެއްވެސް ކަހަލަ ޒިންމާއެއް އެޅުވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ އެވަރަށް މީހުންނާ ދޭތެރޭގައި އަންހެން ކުދިންނާ ދޭތެރޭގައި (ރޭޕް) ކުރަން މަސައްކަތްކޮށްފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލު ކުރަން ދަތި،" ގާސިމް ވިދާޅުވި އެވެ.

ފަހަރެއްގައި އަލީ ވަހީދު "ކަމެއް ކޮށްފައި" ވެސް އޮވެދާނެ ކަމަށް ގާސިމް މިއަދު ވިދާޅުވިޔަސް، އެފަދަ ކަމެއް ނުކުރާނެ ކަމަށް މާ ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެންނަމަވެސް، ވެދާނެ އިނގޭތޯ، ކަމެއް ކޮށްފައި ވެސް އޮވެދާނެ. މިހެން ބުނަން ވެސް ބުނަން ޖެހޭ. އަޅުގަނޑަށް ނޭނގޭ އެއްޗެއް ނޭނގޭނެ ނޫންތޯ؟ އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ އެހެންނޭ މި ދެންނެވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި ވެސް ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަން ގޮވާލި އެވެ. މިހާރު އޭނާއަށް ދައުވާކޮށްފައިވާ މައްސަލައާ ގުޅިގެން އޭނާ ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް މީގެ ކުރިން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު، ޖޭޕީގެ ރައީސްއަކަށް އިންތިހާބުވެވަޑައިގެންނެވީ ފެންނަ ނުފެންނަ ވޯޓަކުން ޖޫން 23، 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމް އާއި އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައި އުޅުއްވީ ވަރަށް ގާތް ކޮށެވެ.

ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް އަލީ ވަހީދު ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގަންނަވަ އެވެ. އޭނާގެ އިސްތިއުނާފު މައްސަލައެއްގައި ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ވެސް އިއްވައިފަ އެވެ. މިހާރު އޭނާ ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.