Roadha Mihaaru
މެޓްރިކްސް 4ގެ ޓްރެއިލާއިން ޕްރިޔަންކާ ފަޅިސިކުންތަކަށް

"މެޓްރިކްސް 4" ގެ ޓްރެއިލާގައި ޕްރިޔަންކާ ފެންނަނީ ފަޅިސިކުންތަކަށް

11 ސެޕްޓެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒްގެ "މެޓްރިކްސް" ހަތަރެއްގެ ޓްރެއިލާ ދައްކައިލި އިރު އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެންނަ ފަޅިސިކުންތެއް އޭގައި ހިމަނައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒްގެ "މެޓްރިކްސް" ހަތަރެއްގެ ޓްރެއިލާ ދައްކައިލި އިރު އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެންނަ ފަޅިސިކުންތެއް އޭގައި ހިމަނައިފި އެވެ.

އެ މަންޒަރު ފެންނަނީ ޕްރިޔަންކާގެ މޫނުގެ ކްލޯޒަޕް ޝޮޓެކެވެ. ނަމްބަރު އައިނެއް އަޅައިގެން، އޭނާ އިންނަނީ ހިނިއައިސްފަ އެވެ. މި މަންޒަރު ފިޔަވައި ގާތްގަނޑަކަށް ތިން މިނިޓްގެ ޓްރެއިލާގައި ޕްރިޔަންކާއެއް ނުފެނެ އެވެ.

"މެޓްރިކްސް 4" ގެ ޓްރެއިލާ އިންސްޓަގްރާމްގައި ޕޯސްޓްކޮށް އޭނާ ބުނީ ހޮލީވުޑްގެ ވަރުގަދަ ފިލްމެއްގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ޕޯސްޓްގައި ކުޅުނު ރޯލު ވަރަށް ކުޑަވާނެކަން ދޭހަކޮށްދޭ އިބާރާތަކުން ބުނީ ބޮޑު ފިލްމެއްގައި ކުޑަކޮށް ބައިވެރިވާން ޖެހުނަސް މިއީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު ލާނާ ވަޗޯސްކީ އަށް ތައުރީފުކޮށް ޕްރިޔަންކާ ބުނީ އޭނާއާ އެކީ ފިލްމުގައި މަސައްކަތްކުރަން ލިބުމަކީ ވެސް ފަހުރެއް ކަމަށާއި މި ފިލްމަށް ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ.

"ދަ މެޓްރިކްސް ރިސަރެކްޝަން" ގެ ނަން ދީފައިވާ ފިލްމުގެ މައިގަނޑު ތަރި އަކީ "މެޓްރިކްސް" ގެ ކުރީގެ ތިން ފިލްމުގައި ވެސް ލީޑް ރޯލު ކުޅުނު ކިއާނޫ ރީވްސް އެވެ. އާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޔަހުޔާ އަބްދުލް މަތީން ދޭކާއި ޖަޑާ ޕިންކެޓް ސުމިތާއި ކެރީ-އޭން މޮސް އާއި ލަމްބާޓް ވިލްސަނާއި ޑެނިއަލް ބާނާޑް ހިމެނެ އެވެ.

މި ތަރިންގެ އިތުރުން ވެސް ވަރަށް ގިނަ ކާސްޓުން ފެންނާނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ މެޓްރިކްސް ރިސަރެކްޝަން" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 22 ގަ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ހޮލީވުޑް ފިލްމަކީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން "ދަ ވައިޓް ޓައިގާ" އެވެ. އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑް ދަތުރު ފެށި ބަތަލާގެ ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމަކީ 2017 ގެ "ބޭވޮޗް" އެވެ. އޭގެ ފަހުން އޭނާ ކުޅުނު ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އަދި "ވީ ކޭން ބީ ހީރޯސް" ހިމެނެ އެވެ.

އޭނާ މިހާރު އަންނަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ސިޓަޑެލް" ގެ މަސައްކަތްކުރަމުންނެވެ.

ދެހާސް ނަވާރައިގެ ހިންދީ ފިލްމު "އަ ސްކައި އިޒް ޕިންކް" ގެ ބަތަލާ ދާދި ފަހުން ވަނީ "ޖީ ލޭ ޒަރާ" ކިޔާ ހިންދީ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.