Roadha Mihaaru
ކްރިކެޓް ތަރި އިރުފާންގެ ފިލްމު "ކޯބްރާ" ގެ ޓީޒާ

ކުރީގެ ކްރިކެޓް ތަރި އިރުފާންގެ ފިލްމު "ކޯބްރާ" ގެ ޓީޒާ ދައްކާލައިފި

10 ޖެނުއަރީ 2021

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރްފާން ޕަތާން ކުޅުނު ފިލްމު "ކޯބްރާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރްފާން ޕަތާން ކުޅުނު ފިލްމު "ކޯބްރާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ތަމަޅަ ބަހުން ހަދާފައިވާ މި ފިލްމުގައި އިރުފާން ފެންނާނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިކްރަމްއާ އެކީގަ އެވެ. "ކޯބްރާ" އަކީ އާރް އަޖޭ ގަނަނަމުތޫ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ސުޕަނެޗަރަލް ތުރިލާގެ މިއުޒިކް ހަދާފައި ވަނީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އޭއާރް ރަހުމާނެވެ.

އިންޑިއާ އަށް ކްރިކެޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދައި ދިނުމުގައި ހިއްސާވި އިރުފާން އެކްޓިން އަށް ނުކުންނަން އުޅޭ ވާހަކަ އިއުލާންކުރީ 2019 ގަ އެވެ. އެއާ އެކު އޭނާގެ ވަރަށް ގިނަ ފޭނުން އެ ނިންމުމަށް މަރުހަބާ ކިޔައި، ބޮޑު ސްކްރީނުން އިރުފާން ފެންނަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ކްރިކެޓްގެ މައިދާނުގައި ދައްކައިލި ހުނަރާ އެކު އާންމުންގެ ލޯތްބާއި އިހުތިރާމު ހޯދި އިރުފާން، 36، 2015 ވަނަ އަހަރު ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގައި ނެށުމުގެ ހުނަރު ވެސް ދައްކާލި އެވެ.

"ކޯބްރާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ބަތަލާއިންނަކީ ސްރިނިދީ ޝެޓީ އާއި މިޔާ އެވެ.

އިރުފާން އެކްޓިން އަށް ނުކުތް އިރު މީގެ ކުރިން ވެސް އިންޑިއާގެ މަޝްހޫރު ބައެއް ކްރިކެޓް ތަރިން ފިލްމުތަކެއް ކުޅެފައިވެ އެވެ. އެގޮތުން ކަޕިލް ދޭވް، 62، އަކީ "އިގްބާލް" އާއި "ސްޓަމްޕްޑް" އަދި ""ޗޭން ކުލީ ކީ މޭ ކުލީ" ފަދަ ފިލްމުތަކުގައި ރޯލުތަކެއް ކުޅެފައިވާ ފަންނާނެކެވެ. އަދި އަޖޭ ޖަޑޭޖާ، 49، އަކީ ވެސް ފިލްމުތަކެއް ކުޅުނު ކްރިކެޓް ތަރިއެކެވެ.

ޖަޑޭޖާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޭލް" އާއި "ޕަލް ޕަލް ދިލް ކޭ ސާތު" އަދި "ކައި ޕޯ ޗޭ" ހިމެނެ އެވެ.