Roadha Mihaaru
ޑްރަގް ފަރުވާ ފެއިލްވުމުން ޖަލަށް ދާންޖެހޭ މީހުން ގިނަ

މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވުމުން ޖަލަށް ދާންޖެހޭ މީހުން ގިނަވަނީ

07 ސެޕްޓެމްބަރ 2021

މަސްތުވުމުން ސަލާމަތްވުމުގެ ފަރުވާގެ ނިޒާމު ފެއިލްވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވުމުން ސަލާމަތްވުމުގެ ފަރުވާގެ ނިޒާމު ފެއިލްވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލައި "ހޭންޑްސް ޓްގެދާ" އިން ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ސުޕްރިޓެންޑްޓު އޮފް ޕްރިޒްންސް އިބްރާހިމް ނާޝިދު ވިދާޅުވީ، ޖަލަށް ލާން ހުކުމްކޮށްފައިވާ މީހުންގެ 60 ޕަސެންޓު ހިއްސާ ކުރަނީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅުން ހުރި މީހުން ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އެ ވިއްކުމާ ގުޅޭ ކަންކަމުގައި މި ވަގުތު ވެސް 556 މީހަކު ހުކުމް ތަންފީޒުކުރަމުންދެ އެވެ. އޭގެ ތެރެއިން ވެސް 86 ޕަސެންޓަކީ އެ ބޭނުންކުރާ މީހުންނެވެ.

ނާޝިދު ވިދާޅުވިގޮތުގައި، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދާ 167 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި، ކުރީގެެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަމުންދާ 27 މީހުން ހިމެނެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގައިވާ ގޮތުން، މީހެއްގެ އަތުން ގްރާމެއްގެ މަސްތުވާތަކެތި ފެނިއްޖެ ނަމަ އެއީ ޓްރެފިކިން ކަމަށް ބަލައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ. ނަމަވެސް، މިހާރު މަސްތުވާތަކެތީގެ އެކި ބާވަތްތައް ޓްރެފިކިން ކަމަށް ބަލާ މިންގަނޑު ތަފާތެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން، ކަމާގުޅުންހުރި އިދާރާތަކާ މިއަދު ބައްދަލުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން، ކަމާގުޅުންހުރި އިދާރާތަކާ މިއަދު ބައްދަލުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނާޝީދު ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވެގެން، ރިމާންޑު ހުކުމް ތަންފީޒުކުރާ މީހުންގެ އަދަދު އިތުރުވުމަކީ ގޮންޖެހުމެއް ކަމަށެވެ.

"މި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ކޯޓުން ފަރުވާ އަށް ހުކުމްކޮށް، ފަރުވާ ފެއިލްވެގެން ޖަލަށް އަންނަ މީހުންގެ އަދަދު އިތުރުވުން. މި ގޮތަށް ނިމިފައި އެބަތިބި 298 މީހުން ހުކުމް ތަންފީޒުކުރަމުންދާ. މި އަދަދުތައް ފުދޭވަރަކަށް އިތުރުވަމުންދާތީ، ޖަލުގެ އާބާދީ އަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އުމުރުން 35 އަހަރުން ދަށުގެ 60 ޕަސެންޓް މީހުން އެ ހުކުމް މިހާރު ވެސް ތަންފީޒުކުރެ އެވެ. އަދި ހުކުމް ނުކުރާ މީހުންގެ ތެރޭގައި ވެސް ގިނައީ ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހިމެނޭ މީހުން ކަމަށް ނާޝިދު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން، ފަރުވާ ހޯދަން އަމުރު ނެރޭ ހިސާބުން އެ އަމުރެއް ހިނގަން ފަށާނެ އެވެ. ނަމަވެސް ފަރުވާ ނުފެށި ލަސްވާ ނަމަ، ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރެ އެވެ.