Roadha Mihaaru
އޯލެވެލްގައި ރަން ވަނަތައް: ސަބަބުތައް ބައިވަރު!

އޯލެވެލްގައި ރަން ވަނަތައް ގިނަ އަހަރެއް، ސަބަބުތައް ބައިވަރު!

22 އޯގަސްޓް 2021

ދަރިވަރުންގެ ތައުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ހަދާ އެންމެ ބޮޑު އިމްތިހާނުގެ ނަތީޖާތައް، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވާ ކަމުގެ އެއް ހެއްކަކީ ރާއްޖޭގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދާ އެކު ފަސް މާއްދާއިން ފާސްވާ ކުދިން ވެސް އިތުރުވުމެވެ. އެކަމުގެ ކާމިޔާބީތައް ސްކޫލުތަކާއި ސަރުކާރުން އުފަލާއެކު ބަލައިގަނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ ތައުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ހަދާ އެންމެ ބޮޑު އިމްތިހާނުގެ ނަތީޖާތައް، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވާ ކަމުގެ އެއް ހެއްކަކީ ރާއްޖޭގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދާ އެކު ފަސް މާއްދާއިން ފާސްވާ ކުދިން ވެސް އިތުރުވުމެވެ. އެކަމުގެ ކާމިޔާބީތައް ސްކޫލުތަކާއި ސަރުކާރުން އުފަލާއެކު ބަލައިގަނެ އެވެ.

އެންމެ ފަހުން، މިދިޔަ މެއި/ޖޫންގައި އޯ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާ މިދިޔަ ހަފުތާގައި ދޫކުރަން ފެށުމާ އެކު މުޅި ސޯޝަލް މީޑިއާ ފުރާލީ "އޭ ސްޓާ"ގެ ރަން ވަނަތަކުންނެވެ. ބައެއް ޕްރިންސިޕަލުން ވިދާޅުވާ ގޮތުގައި އެ ބެޗަކީ ކެމްބްރިޖާއި އެސްއެސްސީގައި އެންމެ ގިނަ އޭ ސްޓާ ލިބުނު ބެޗެވެ. އޭގެ ބައެއް ސަބަބުތައް ވެސް އެބަހުއްޓެވެ.

އެއް ކަމަކީ، މެއި/ޖޫންގެ ބެޗަކީ ރާއްޖޭގައި މިހާރު އަމަލުކުރާ އާ ކަރިކިއުލަމްގެ ދަށުން ކިޔަވައި އިމްތިހާނު ހެދި ފުރަތަމަ ދަރިވަރުންނަށް ވުމެވެ. އެހެންވެ، އެ ކުދިން ދިޔައީ ކަރިކިއުލަމްގެ ތެރެއިން އިމްތިހާނަށް ފުރިހަމަ އަށް ތައްޔާރުވަމުންނެވެ.

ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ދަރިވަރުންނަށް ބައެއް މާއްދާތަކުން މާކްސް ދޭ ކްރިޓީރިއާ ކޮވިޑު-19 ގެ ސަބަބުން މި ފަހަރު ދަށްކޮށްފައިވާ ކަމަށެވެ. ދަރިވަރުން ކުރި މަސައްކަތާ އެކު، މޮޅު ނަތީޖާއެއް ހޯދަން އެއީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެ ދަރިވަރުން އޯ ލެވެލް ހަދަން އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ. ކޮވިޑުގެ ސަބަބުން އެ އިމްތިހާނު މިދިޔަ މެއި/ޖޫނަށް ފަސްކޮށްލީ އެވެ. އޭގެ ސަބަބުން ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމަށް އިތުރު ވަގުތު ލިބުނެވެ.

"ނަތީޖާ ރަނގަޅުވާން ޖެހޭނެ ބެޗެއް މިއީ ކޮންމެ ގޮތަކަށް މާކިން އޮތްކަމުގައި ވިޔަސް. އާ ކަރިކިއުލަމަށް، ގްރޭޑު ފަހަކުން ފަށައިގެން އެ ކުދިން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް އިސްލާމް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް އިސްލާމް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރިވަރުންގެ ޕޭޕަރު މާކްކުރުމުގައި ބަލާ މިންގަނޑު ނުވަތަ ތްރެޝްހޯލްޑް ކަނޑައަޅަނީ، އެ އަހަރެއްގެ އިމްތިހާނުން ފާސްވާ ދަރިވަރުންގެ ނިސްބަތަށް ބެލުމަށް ފަހުގަ އެވެ. އެހެންވެ، މާއްދާތަކުގައި ތްރެޝްހޯލްޑް އެކި އަހަރު ހުންނާނީ އެކި ވަރަށެވެ.

މި ފަހަރު ވެސް، އެކި ކެމްބްރިޖުގެ އެކި މާއްދާތަކުގައި ތްރެޝްހޯލްޑު ހުރީ އެކި ވަރަށެވެ. ބައެއް މާއްދާތަކުގައި 80-90 މާކްސް ހޯދައިގެން މި ފަހަރު އޭ ސްޓާ ލިބޭއިރު ބައެއް މާއްދާތަކުގައި 40 މާކްސް އިން ވެސް ފާސްވެ އެވެ.

އޯ ލެވެލް އަށް ކިޔަވައިދޭ ޓީޗަރަކު ބުނީ ބިޒްނަސް ސްޓްރީމަށް ވުރެ ސައިންސް ސްޓްރީމްގެ މާއްދާތަކުުގެ ތްރެޝްހޯލްޑް މަތި ކަމަށެވެ. ސައިންސްގެ މާއްދާތަކުގެ ތެރެއިން ތްރެޝްހޯލްޑް އެންމެ މަތިން އުޅެނީ ބަޔޮލޮޖީގަ އެވެ. އޭނާ ދެކޭގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެހާ ގިނަ ކުދިން އޯ ލެވެލްގެ ރަން ވަނަތަކުގެ ތެރޭގައި ހިމެނުނީ ހިސާބު ކަހަލަ ހުުރިހާ ކުދިން ބައިވެރިވާ މާއްދާތަކުގެ ތްރެޝްހޯލްޑް މާ ބޮޑަށް ދަށްކޮށްފައި ހުރުމުންނެވެ.

"މީގެ ކުރިން ޓޮޕް 10 އަށް އައުމަށް އެންމެ ގިނަ ކުދިންނަށް ހުރަހަކަށް ވަނީ ހިސާބުގެ ތްރެޝްހޯލްޑު މަތިވުމުން،" އެ ޓީޗަރު ބުންޏެވެ.

އިސްލާމާއި ދިވެހީގެ ނަތީޖާ ރަނގަޅެއް ނޫން

އެސްއެސްސީގެ ދިވެހި ޕޭޕަރު މާކުކުރުމުގައި ބައިވެރިވާ އޮފިޝަލަކު، ވިދާޅުވި ގޮތުގައި އާ ކައިރިއުލަމްގެ ދަށުން އިމްތިހާނު ހެދި ފުރަތަމަ ދަރިވަރުންނަށް ވުމުން މި ފަހަރު ޕޭޕަރުތައް މާކްކުރުމުގައި ހަރުކަށި އުސޫލެއް ގެންގުޅުނު ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވެސް ނޭނގޭނެ ޕޭޕަރު މާކްކުރާއިރު ކިހާ ވަރަކުން ކަމެއް ފާސްވާނީ. ހުރިހާ ޕޭޕަރެއް މާކުކޮށް ނިންމާފައި މި ކަނޑައަޅަނީ ތްރެޝްހޯލްޑު. މި ފަހަރު ވެސް، އާ ކަރިކިއުލަމްގެ ދަށުން އިމްތިހާނު ހެދި ފުރަތަމަ ބެޗަށް ވީމަ ހަރުކަށިކޮށް ގެންގުޅުނީ،" އޭނާ ވިދާޅުވި އެވެ.

ގްރޭޑު 10 އަށް ދިވެހި ކިޔައިދޭ ޓީޗަރެއް ވެސް ބުނީ، ކެމްބްރިޖުގެ މާއްދާތަކުން ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާއިރު، އިސްލާމާއި ދިވެހިން އެ ނަތީޖާ ނުނެރެވޭ ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ވެސް ނޭދެވޭ އަސަރުކުރާކަން އޭނާ ފާހަގަކުރި އެވެ.

އޯ ލެވެލް އިމްތިހާނުގައި ރަންވަނަތައް ހޯދި ދަރިވަރުންތަކަކަށް ލިބުނު އެވޯޑުތަކެއް: މި ފަހަރު ނަތީޖާ ވަރަށް ރަނގަޅުކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވޭ--- ފައިލް ފޮޓޯ: މިހާރު

އޯ ލެވެލް އިމްތިހާނުގައި ރަންވަނަތައް ހޯދި ދަރިވަރުންތަކަކަށް ލިބުނު އެވޯޑުތަކެއް: މި ފަހަރު ނަތީޖާ ވަރަށް ރަނގަޅުކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވޭ--- ފައިލް ފޮޓޯ: މިހާރު

"ވަރަށް މަސައްކަތްކޮށްގެން ވެސް ރަނގަޅު ނަތީޖާއެއް ނުލިބޭތީ ކުދިން މާޔޫސްވޭ. އޭގެ ޕްރެޝަރު މި އަންނަނީ އަޅުގަނޑުމެން ޓީޗަރުންނަށް،" އެ ޓީޗަރު ބުންޏެވެ.

"އަޅުގަނޑުމެން ސްކޫލުގައި ވެސް ވަރަށް ރަނގަޅު ނަތީޖާ ހޯދި ކުދިން އެބަހުރި އިސްލާމާއި ދިވެހިން ދަށްވެފައި."

ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ވިދާޅުވީ އެހެން މާއްދާތަކުން ދަރިވަރުންނަށް ލިބޭނެ ނަތީޖާ އަންދާޒާކޮށް، އެކަން ސީދާ ވިޔަސް އިސްލާމާއި ދިވެހީގައި އެގޮތަށް ނުވާ ކަމަށެވެ. އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް ޑރ. އާސިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެއްސާއި އިސްލާމުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ނުލިބޭ މައްސަލަ ގައުމީ ފެންވަރުގައި ބަލައި ހޯދަންޖެހެ އެވެ.

"ހަމަ އެއް ކުއްޖެއް. ބެލެނިވެރިޔާ ވެސް އެއް ބައެއް. ހަމަ އެއް ސްކޫލެއް. އެއް ޓީޗަރުންތަކެއް. އެކި ޓީޗަރުން ކިޔަވައިދިނަސް ހަމަ އެއް މާހައުލެއް. އަޅުގަނޑުމެން ކެމްބްރިޖުގެ ހަ މާއްދާ އަށް ކުރާ ވަރަށް ދިވެހި އިސްލާމަށް ވެސް މަސައްކަތްކުރަން ވެސް އެބަކުރަމޭ. ކުއްޖާ ވެސް އެބަކުރެއޭ، ބެލެނިވެރިން ވެސް އެބަ ކުރެއޭ. އެހެންވީމަ، ކެމްބްރިޖުގައި ހަ އޭ ސްޓާ ގެންނަ ކުއްޖާ އަށް އަޅުގަނޑުމެން ދިވެހި އިސްލާމުން ކީއްވެގެން ހެއްޔޭ އެންމެ ކުޑަވެގެން އޭ އެއް ނުގެނެވެގެން މި އުޅެނީ،" ޑރ. އާސިޔަތު ސުވާލު އުފެއްދެވި އެވެ.