Roadha Mihaaru
98 ކިލޯގެ ޑްރަގް މައްސަލަ: ދެ މީހަކު ދޫކޮށްލައިފި

98 ކިލޯގެ ޑްރަގްގެ މައްސަލަ: ދެ މީހަކު ދޫކޮށްލައިފި، އެޗްއާރުސީއެމްގެ މައްސަލަ ކޯޓުން ބަލަނީ

15 އޯގަސްޓް 2021

މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރި ދެ މީހަކު ދޫކޮށްލަން ނިންމައި އަދި އެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެ ކޮމިޝަންގެ މައްސަލަ ބަލަން އައްޑޫ ހިތަދޫ ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރި ދެ މީހަކު ދޫކޮށްލަން ނިންމައި އަދި އެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެ ކޮމިޝަންގެ މައްސަލަ ބަލަން އައްޑޫ ހިތަދޫ ކޯޓުން މިއަދު ނިންމައިފި އެވެ.

އައްޑޫގައި ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 98 ކިލޯގެ ޑްރަގްގެ މައްސަލައިގައި 10 މީހަކަށް ހިތަދޫ ކޯޓުގައި ދައުލަތުން ދައުވާ ކުރެ އެވެ. އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާ ކަން ކަށަވަރު ކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ކުރިން އަމުރެއް ނެރުނެވެ. އަދި އޭނާ އާއި އެ މައްސަލައިގައި ދައުވާ ލިބޭ އިތުރު މީހަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމްގެ މައްޗަށް އެ ކޯޓުން އޭރު އަމުރެއް ނެރުނެވެ.

އެ ދެ މީހުންގެ ބަންދު މުރާޖައާ ކުރުމަށް ފަހު، ހިތަދޫ ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮޮތްތޯ ބެލުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އެ ކޮމިޝަނުން މަސައްކަތްކުރީ އަމުރު މުރާޖައާ ކުރަން ހުށަހަޅައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް އެ ނިންމުމުގައިވެ އެވެ.

ނިންމުމުގައިވަނީ އެޗްއާރުސީއެމުން ހިތަދޫ ކޯޓުގެ އެންގުމަކަށް އަމަލު ކޮށްފައި ނުވާތީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ދެ މީހުން ކޯޓަށް ހާޒިރު ކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާތީ އާއި އޭގެ ތެރެއިން އެކަކަށް އެކަށީގެންވާ ބޭސްފަރުވާ ލިބޭކަން ކަށަވަރު ނުވާތީ އެ ދެ މީހުން ވަގުތުން ބަންދުން ދޫކޮށްލަން އެންގީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ދެ މީހުންގެ ސިއްހީ ހާލަތު ބަލަން ހިތަދޫ ކޯޓުން ކުރިން ނެރުނު އަމުރު އެޗްއާރުސީއެމްގެ ފަރާތުން އޭރު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިޔަސް، އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ބަންދުގައި ތިބި ބައެއްގެ ސިއްހީ ހާލަތު ބަލަން ކޯޓަކުން އެޗްއާރުސީއެމްގެ މައްޗަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.