Roadha Mihaaru
ތާލިބާނުންނާ ދެކޮޅަށް އާންމު ރައްޔިތުން ވެސް ތެދުވަނީ

ތާލިބާނުންނާ ދެކޮޅަށް އާންމު ރައްޔިތުން ވެސް ތެދުވަނީ

04 އޯގަސްޓް 2021

ކާބުލް (އޮގަސްޓް 3) - ބާރުގެ ބޭނުންކޮށްގެން އަފްގާނިސްތާނުގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަ ކުރަމުން އަންނަ އިރު، ތާލިބާނުންނާ ދެކޮޅަށް ތެދުވާ އާންމު ރައްޔިތުން ވެސް ގިނަ ވާން ފަށައިފި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކާބުލް (އޮގަސްޓް 3) - ބާރުގެ ބޭނުންކޮށްގެން އަފްގާނިސްތާނުގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަ ކުރަމުން އަންނަ އިރު، ތާލިބާނުންނާ ދެކޮޅަށް ތެދުވާ އާންމު ރައްޔިތުން ވެސް ގިނަ ވާން ފަށައިފި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސަރުކާރު ސިފައިންނާ ދެކޮޅަށް ތާލިބާނުން ދޭ ހަމަލާތައް ވަރުގަދަކުރަމުން، ބައެއް ސިޓީތަކަށް ވަންނަމުން ދާއިރު، އެ ސިޓީތަކުގެ އާންމު ރައްޔިތުންގެ ފަރާތުން ތާލިބާނުންނަށް ފެންނަމުން ދަނީ ނުރުހުމާއި ނަފްރަތެވެ. އަދި ބައެއް ސިޓީތަކުގައި އާންމުން ތާލިބާންގެ ހަނގުރާމަވެރިންނާ ދިމާލަށް އޮއްގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކާފައިވެ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، ސަރުކާރު ސިފައިންގެ އިތުރުން އަފްގާނިސްތާނު މުޖާހިދުންގެ ޖަމާއަތްތަކުން ވެސް މިހާރު އަންނަނީ ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ސަރުކާރު ސިފައިންނާއި މުޖާހިދުން ގުޅިގެން، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާއިރު، ވައިގެ މަގުން ހަމަލާ ދިނުމުގައި އެމެރިކާގެ އަސްކަރީ މަދަދު ވެސް، ސަރުކާރު ސިފައިންނަށް ލިބެ އެވެ.

އަލްޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ބައެއް ސަރަހައްދުތައް މިހާރު ވަނީ އަފްގާނިސްތާނު ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި އެ ރަށްތަކުން މިހާރު އިވެމުން ދަނީ ތަކުބީރުގެ އަޑު ކަމަށް ވެސް އަލްޖަޒީރާ އިން ބުނެ އެވެ.

"ހަމަ މިގޮތަށް މީގެ ކުރިން އަހަރެމެން ގެތަކުގެ ފުރާޅުތަކުގެ މައްޗަށް އަރައި ތިބެގެން ތަކުބީރު ގޮވަމުން ދިޔައީ، ސޮވިއެޓްގެ އަޅުވެތިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގައި، އޭރުގެ މުޖާހިދުންގެ ލަޝްކަރަށް ހިތްވަރު ދޭން. އޭރުވެސް ސޮވިއެޓް ސިފައިންނާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވީ ހީރާތު ޕްރޮވިންސްގެ އާންމު ރައްޔިތުން،" އަލްޖަޒީރާ އަށް ދިން އިންޓަވިއުއްގައި ހީރާތުގެ އާންމުންގެ މީހަކު ބުންޏެވެ.

"މިއަދު އަހަރެމެންގެ ދަރިންނަށް ވެސް އެ ވާހަކަތައް ކިޔައިދީގެން، ތަކުބީރު ކިޔަން ރައްޔިތުން އަރައި އެތިބީ ފުރާޅުތަކުގެ މައްޗަށް. މިއަދު އަހަރެމެން ތަކުބީރު ކިޔައި ހިތްވަރު ދެމުން މިދަނީ، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރާ ސަރުކާރު ސިފައިންނާއި މުޖާހިދުންގެ ލަޝްކަރަށް."

ތާލިބާނުންގެ ބާރު ކަނޑުވައިލުމަށް ސަރުކާރު ސިފައިންގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، އަފްގާނިސްތާނުގެ ވަގުތީ ދިފާއީ ވަޒީރު ދިރިއުޅުއްވާ ގޭގެ ކައިރީގައި އިއްޔެ ވަނީ ކާރު ބޮމެއް ގޮއްވާލައިފަ އެވެ. ހަތިޔާރު އެޅި ބަޔަކު ދިން މިހަމަލާއާ ގުޅިގެން، ދިފާއީ ވަޒީރު ބިސްމިﷲ މުހައްމަދީގެ ގޭގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ސިފައިންނާއި ބޮން ގޮއްވި މީހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި، ހަތިޔާރު އެޅި ހަތަރު މީހަކު މަރައިލެވުނު ކަމަށް ދިފާއީ ވުޒާރާ އިން ބުންޏެވެ.

އަފްގާން ސަރުކާރުން ބުނި ގޮތުގައި މި ހަމަލާ ދިން ވަގުތު ދިފާއީ ވަޒީރު ގޭގައި ނޫޅުއްވަ އެވެ. އަދި ގޭގައި ތިބި އާއިލާގެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ދިފާއީ ވުޒާރާ އިން ބުންޏެވެ. ތާލިބާނުންނާ ދެކޮޅަށް، ސަރުކާރު ސިފައިން އިއްޔެ އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ ހެލްމަންދު ޕްރޮވިންސްގެ ވެރިރަށް ލަޝްކަރުގާހްގަ އެވެ. އަފްގާނު އަސްކަރިއްޔާގެ ކޮމާންޑޯޒް ލަޝްކަރު، އެ ސަހަރަށް ވަންނަމުން، އެ ސަހަރުގެ އާންމުން އެ ސަހަރު ދޫކޮށް ދިޔުމަށް ވަނީ އަންގައިފަ އެވެ.

ކޮމާންޑޯޒް ލަޝްކަރުގެ ކޮމާންޑަރެއް ކަމަށްވާ ސާމީ ސާދާތު ބުނި ގޮތުގައި ތާލިބާނުންގެ އެންމެ މީހަކު ވެސް ދިރިހުއްޓައި އެ ސަހަރުން ނުކުމެގެން ދިޔުމަށް ކޮމާންޑޯޒް ލަޝްކަރުން ފުރުސަތެއް ނުދޭނެ އެވެ. އަފްގާނިސްތާނަށް އެހީވުމަށް އުފައްދާފައިވާ އދ.ގެ މިޝަނުން ބުނި ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި، ލަޝްކަރުގާހްގައި ތާލިބާނުންނާއި އަފްގާނިސްތާނު ކޮމާންޑޯޒް ލަޝްކަރާ ދެމެދު ހިނގި ހަނގުރާމައިގައި، އާންމުންގެ 40 އަށް ވުރެ ގިނަ މީހުން މަރުވެ އިތުރު 118 މީހަކު ޒަހަމްވި އެވެ.

ލަޝްކަރުގާހްގައި ހިނގަމުންދާ ހަނގުރާމައިގައި މޯޓަރު ބަޑި އާއި ރޮކެޓާއި އަތުބޮމާއި ބޮޑުބަޑި ވެސް ބޭނުންކުރަމުން ދާތީ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް، ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ.