Roadha Mihaaru
އާ ރަށުގެ މައްސަލައިން ޔާމީންގެ ވަކީލުން ތަނާޒުލްވެއްޖެ

އާ ރަށުގެ މައްސަލައިން ޔާމީންގެ ވަކީލުން ތަނާޒުލްވެއްޖެ

12 ޖުލައި 2021

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުން މިއަދު އެ މައްސަލައިން ތަނާޒުލްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ވަކީލުން ތަނާޒުލް ވާން ނިންމެވީ މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކުރީ ކުރިން ވެސް ތަހުގީގު ނިމިފައި އޮތް މައްސަލައެއްގައި އަލުން ސުވާލުކޮށް ބަޔާން ނަގަން އުޅުމުން ކަމަށެވެ. އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި ސަހައްކަން ކަށަވަރުކުރުމަށް ފުރުސަތު ދޭން އެދުމުން ވެސް ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން އުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"... އެ ފުރުސަތު ނުދީ ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން އުޅުމުން، މުވައްކިލު ހައްގު ހިމާޔަތް ނުކުރެވޭތީ، އަޅުގަނޑުމެން ވަކީލުން ވަނީ ތަހުގީގުގެ އެ މަޖިލީހުން ތަނާޒުލްވެފައި،" ޖަމީލް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައި ވެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު: ތަނާޒުލްވީ ކުރިން ނިމިފައި އޮތް މައްސަލައެއް އަލުން ތަހުގީގުކުރަން އުޅުމުން ކަމަށް ވިދާޅުވި.-- ފައިލް ފޮޓޯ / މިހާރު

ފުލުހުން މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޔާމީން ފުލުހުންގެ އިދާރާ އަށް މިއަދު އަލުން ވެސް ހާޒިރުކުރެއްވީ އާރަށުގެ މައްސަލައިގައި ސުވާލުކުރެއްވުމަށް ކަމަށެވެ. އެކަމަކު ޔަމީންގެ ވަކީލުން ތަނާޒުލް ވުމުން، އެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލުންގެ ހާޒިރުގައި ކަމަށް ޔާމީން ވިދާޅުވުމުން އެ އެ ފުރުސަތު ދީ، ތަހުގީގު މެދުކަނޑާލާފައިވާ ކަމަށެވެ.

އާރަށުގެ މައްސަލައިގައި މީގެ ދެ ދުވަސް ކުރިން ޔަމީން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގަށް އެ ދުވަހު ފުލުހުން މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ގާތްގަނޑަކަށް ދެ ގަޑިއިރު އެމަނިކުފާނު ހޭދަކުރެއްވި އެވެ.

އާރަށް ބޭރު ބަޔަކަށް ވިއްކާލައިގެން ލިބުނު ފައިސާ ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި، ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ފޮނުވައިފަ އެވެ.

އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކާލި އެވެ.

ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައި ވަނީ އެ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގާ ވ. ތިނަދޫ ކައިރީގައި އޮންނަ ކުޑަކުޑަ މި ރަށުން ލިބުނު ފައިސާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމް ވެސް އައިސްފައި ވަނީ ރިސޯޓް ހަދަން ވިއްކި ރަށަކުން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިން ހިންގިކަން ސާބިތުވެގެންނެވެ.

މިހާރު ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގެ ތަހުގީގު ހިންގާއިރު، މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.