Roadha Mihaaru
ޝިލްޕާ އެނބުރި އަންނަ ފިލްމު މަޖާވާނެ

ޝިލްޕާ އެނބުރި އަންނަ ފިލްމު މަޖާވާނެ

02 ޖުލައި 2021

ބަތަލާ ޝިލްޕާ ޝެޓީ އެކްޓިންއާ ދުރުގައި ހުންނަތާ އަހަރުތަކެއް ފަހުން އެނބުރި އަންނަ ފިލްމު "ހަންގާމާ 2" ގެ ޓްރެއިލާއާ އެކު ފޭނުން ހެއްވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޝިލްޕާ ޝެޓީ އެކްޓިންއާ ދުރުގައި ހުންނަތާ އަހަރުތަކެއް ފަހުން އެނބުރި އަންނަ ފިލްމު "ހަންގާމާ 2" ގެ ޓްރެއިލާއާ އެކު ފޭނުން ހެއްވާލައިފި އެވެ.

ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ އިން ފެންނަނީ އޮޅުންބޮޅުންތަކާ ހެދި ދިމާވާ ހެއްވާ މަޖާ ކަންތައްތަކެވެ. އެގޮތުން އަންހެން ދަރިއެއްގެ ބައްޕަ އާއި އެ ކުއްޖާގެ މަންމަ ކަށަވަރުނުގެން އުޅުމާއި ޝިލްޕާ އާއި މީޒާން ޖެފްރީއާ ދެމެދު އޮންނަ ގުޅުމަކާ ހެދި ފިރިމީހާ ޕަރޭޝް ރާވަލް ސިކުނޑި ސުމަކަށްދާ ތަން ފެންނަ އެތައް މަންޒަރެއް ޓްރެއިލާގައި ގެނެސްދީފައިވެ އެވެ.

މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމަކީ ޝިލްޕާ އެނބުރި އަންނަ ފިލްމަށްވާތީ އޭނާގެ ކުރީގެ ފިލްމެއްގެ ވަރަށް ހިޓް ލަވައެއްގެ އާ ވާޝަނެއް ވެސް "ހަންގާމާ 2" ގައި ހިމަނާފައިވެ އެވެ. އެއީ 1994 ގެ ފިލްމު "ތޫ ކިލާޅީ މޭ އަނާޅީ" ގައި ޝިލްޕާ އާއި އަކްޝޭ ކުމާރު ފެނިގެންދާ ލަވަ "ޗުރަ ކެ ދިލް މެރާ" އެވެ.

"ހަންގާމާ 2" އަކީ ޕްރިޔަދަރުޝަން 2003 ގައި ގެނެސްދިން ކާމިޔާބު ކޮމެޑީ "ހަންގާމާ" ގެ ސީކްއެލް ކަމަށް ވެސް ޓްރެއިލާ އާންމުކުރުމާ މީޑިއާތަކުން ބުނީ އާ ފިލްމުގެ ޕްލޮޓް އޮތީ ޕްރިޔަދަރްޝަން 1994 ގައި މޯހާންލާލާ އެކު ގެނެސްދިން މަލަޔާޅަމް ރޮމޭންޓިކް ކޮމެޑީ "މިއްނަރަމް" އަށް ބިނާކޮށްފައި ކަމަށެވެ.

"ހަންގާމާ" އަކީ މޯހަންލާލާ އެކު ޕްރިޔަދަރުޝަން 1984 ގައި ގެނެސްދިން "ޕޫޗައްކޮރޫ މޫކްތީ" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ.

"ހަންގާމާ 2" އަކީ ބެލުންތެރިންނަށް ވަރަށް މަޖާ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު އިރު، މާޔޫސީ އަކީ ސިނަމާތަކުގައި ފިލްމު ބަލައިލުމުގެ ފުރުސަތު ނުލިބުމެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަނީތާ ސުބާޝް، ޖޯނީ ލީވާ، ރާޖްޕަލް ޔާދަވް އަދި އަޝުތޯޝް ރާނާ ހިމެނެ އެވެ.

"ހަންގާމާ 2" ގެ އިތުރުން ޝިލްޕާގެ ރިލީޒްވާން އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" އެވެ.