Roadha Mihaaru
ކުއްޖާގެ ވަނަވަރު ހާމަކުރުމުން މީޑިއާތަކަށް ފިޔަވަޅު

ކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން "އަވަސް" ޖޫރިމަނާކޮށް ތިން މީޑިއާއަކަށް ނަސޭހަތް ދީފި

24 ޖޫން 2021

މަރާލާފައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅައިފި އެވެ. މިއީ ކުޑަކުއްޖެއްގެ ވަނަވަރާއި އެ ކުއްޖާ އަކީ ކާކުކަން އެނގޭ މައުލޫމާތު ހާމަކުރުމުން ޖެންޑާ މިނިސްޓްރީން މީޑިއާއެއް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މަރާލާފައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅައިފި އެވެ. މިއީ ކުޑަކުއްޖެއްގެ ވަނަވަރާއި އެ ކުއްޖާ އަކީ ކާކުކަން އެނގޭ މައުލޫމާތު ހާމަކުރުމުން ޖެންޑާ މިނިސްޓްރީން މީޑިއާއެއް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ޖޫރިމަނާ ކުރީ ހަމައެކަނި "އަވަސް" ނޫހެވެ. އެ ނޫސް ވަނީ 2،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

އޭގެ އިތުރުން "ވަގުތު" ނޫހާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް ޖެންޑާ މިނިސްޓްރީން ވަނީ ނަސޭހަތް ދީފަ އެވެ.

ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި އިރު ބައެއް މީޑިއާތަކުން ވަނީ ކުއްޖާގެ ވަނަވަރާއި ދިމާވެފައިވާ އާއިލީ މައްސަލަތަކުގެ އިތުރުން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ހުރި ގޮތުގެ ތަފްސީލު ލިޔެފަ އެވެ.

މީޑިއާއަކަށް ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީގައި ވަނީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރާ ނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.

ކުޑަކުއްޖާ މަރާލާފައިވާ ކަމުގެ ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ކަމަށް ޖެންޑާއިން ފޮނުވި ސިޓީތަކުގައިވެ އެވެ. އަދި އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެއްކަން ޖެންޑާއިން ފާހަގަ ކުރި އެވެ.

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ކަންކަމަށް ހިތްވަރު ދިނުމަކީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަން ޖެންޑާއިން ފާހަގަ ކުރި އެވެ. އެފަދަ އަމަލެއް ހިންގާ ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ޖެންޑާ މިނިސްޓަރަށް ވަނީ ދީފަ އެވެ.

އެ މާއްދާގައިވާ ގޮތުން، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރު ދިނުމަނީ މަނާ ކަމެކެވެ. އެފަދަ އަމަލެއް ހިންގި މީހެއްގެ މައްސަލަ ތަހުގީގުކޮށް، އެ ކަމުގެ ކުޑަބޮޑުމިނަށާއި އެ ކަމެއް ތަކުރާރުވާ ވަރަށް ބަލައި، އެ ކަމުގައި ހިމެނޭ މީހުން ޖޫރިމަނާ ކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސަންސް ލިބިފައިވާ ބައެއް ނަމަ، ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަން ވާނެ ކަމަށް ގާނޫނުގައި ވެ އެވެ.

ގާނޫނޫގައިވާ ގޮތުން ނަމަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ އެވެ. ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް އެއްވެސް މީޑިއާއެއް ނުވަތަ އެއްވެސް ވަސީލަތެއްގައި ޝާއިއު ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.

ކުޑަކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް، ހޯމަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ފޮއްޓަކަށް ލައި ހުޅުމާލޭ ދެ ވަނަ ފޭސްގެ މޫދަށް ފައްތާފައި އޮއްވަ އެވެ.

ޖެންޑާ މިނިސްޓްރީއިން އެ ކުއްޖާގެ މަރާ ގުޅިގެން ބުނެފައި ވަނީ އެ ކުއްޖާ އަކީ އެ މިނިސްޓްރީން އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރި ކުއްޖެއް ކަމަށެވެ.

މި މައްސަައިގައި ފުލުހުން ވަނީ ނ. ލަންދޫ ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ޒިހާން ބަންދުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.