Roadha Mihaaru
ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ޖުލައި 14ގައި

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު 14 ގައި

15 ޖޫން 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު އެ ތަންތަން ހަވާލު ކުރަން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު އެ ތަންތަން ހަވާލު ކުރަން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ ޖުލައި 14ގައި ކަމަށެވެ. އަދި އެއް މަސް ތެރޭގައި ހުރިހާ އެގްރީމަންޓެއްގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީން އަޅުގަނޑުމެންނަށް މައުލޫމާތު ދޭ ގޮތުގައި އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ 14 ޖުލައިވާ ދުވަހު،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އިލެކްޓްރިކް މީޓަރު ހަރުކުރުމާއި އިމާރާތްތަކުގައި މެއިން ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރަމުންދާ ކަމަށެވެ. މީޓަރުތައް ހަރު ކުރުން ޖުލައި 16 ހިސާބުގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލު ކުރާނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، އަދި ތަށިމުށި ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ ދުވަސްވަރު އެ ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ނިންމާފައިވެ އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ޑައުން ޕޭމަންޓެއް ދައްކަން ނުޖެހުނަސް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.