Roadha Mihaaru
އެމެރިކާގެ ރައީސް ޔޫކޭ ބޮޑުވަޒީރަށް ދެއްވީ ބައިސްކަލެއް

އެމެރިކާގެ ރައީސް ޔޫކޭ ބޮޑުވަޒީރަށް ދެއްވީ ބައިސްކަލެއް

14 ޖޫން 2021

އިނގިރޭސިވިލާތުގައި އާދީއްތަ ދުވަހު ނިންމާލި ޖީ7 ގެ ސަމިޓްގެ ހަވާސާގެ ތެރެއިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ބައިސްކަލެއް ހަދިޔާކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގައި އާދީއްތަ ދުވަހު ނިންމާލި ޖީ7 ގެ ސަމިޓްގެ ހަވާސާގެ ތެރެއިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ބައިސްކަލެއް ހަދިޔާކުރައްވައިފި އެވެ.

މީޑިއާތަކުން ބުނީ އިނގިރޭސި ދިދައިގެ ކުރެހުންތަކާއި ދިދައިގެ ކުލަތަައް ހިމަނައިގެން ކަސްޓަމައިޒްކޮށްފައިވާ ބައިސްކަލް ޖޯންސަނަށް ބައިޑެން ހަދިޔާކުރެއްވީ ސަމިޓް ފެށި ދުވަހު ކޯންވޯލްގެ ކާބިޒް ބޭގައި މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ބައިސްކަލާ އެކު އެއާ ގުޅޭ ހެލްމެޓެއް ވެސް ދެއްވި އެވެ. އޭގައި ދެ ގައުމުގެ ދިޔަ ވެސް ކުރަހާފައިވެ އެވެ.

ޖޯންސަނަށް ބައިޑެން ބައިސްކަލެއް ހަދިޔާކުރެއްވީ އޭނާ އަކީ ވަރަށް އާންމުކޮށް ބައިސްކަލް ދުއްވާ ބޭފުޅަކަށްވާތީ ހާއްސަ ހަދިޔާއެއްގެ ގޮތުގަ އެވެ.

މި ބައިސްކަލަކީ ސީދާ ބައިޑެންގެ އެދިވަޑައިގަތުމަކަށް، ބައިސްކަލް އުފައްދާ އެމެރިކާގެ ފިލަޑެލްފިއާގެ ކުޑަ ކުންފުންޏެއް ކަމަށްވާ ބިލެންކީ ސައިކަލް ވޯކްސްގެ އިން ހެދި އެއްޗެކެވެ. ބީބީސީ އިން ބުނި ގޮތުގައި ބައިސްކަލް ހަދަން އެ ކުންފުންޏަށް ބައިޑެންގެ ފަރާތުން ގުޅައި އޯޑަރު ދިނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އާންމުކޮށް ބައިސްކަލެއްގެ ހުރިހާ މަސައްކަތެއް ނިންމައިލަން ބިލެންކީ އިން 18 ވަރަކަށް މަސް ނެގިޔަސް، ޖޯންސަނަށް ހަދިޔާކުރެއްވި ބައިސްކަލަކީ ރެކޯޑް މުއްދަތެއްގެ ތެރޭގައި އަވަހަށް ނިންމައިލި އެއްޗެކެވެ.

ބިލެންކީ ސައިކަލް ވޯކްސް އިން އެ ހަދައި ދިނީ ވެސް އާންމުކޮށް ބައިސްކަލް ހަދާ އަގުތަކަށް ވުރެ ތިންގުނަ ކުޑަކޮށެވެ. އެއީ 1،500 ޑޮލަރެވެ.

ބައިސްކަލް ހެދުމުގެ މަސައްކަތްކުރާތާ 40 ވަރަކަށް އަހަރު ވެފައިވާ ކުންފުނީގެ ވެރިޔާ ސްޓެފެން ބިލެންކީ ބުނި ގޮތުގައި ބައިޑެންގެ ފަރާތުން ބައިސްކަލަށް އޯޑަރު ލިބުމުން އެކަން ބަލައިގައިތީ ކުންފުންޏަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވިސްނައިފަ އެވެ. އޭނާ ބުނީ އެ ބައިސްކަލުގެ ވާހަކަ ތާރީހުގެ ސޮފުހާތަކުގައި ލިޔެވޭ އިރު އަދި މީޑިއާތަކުގައި ވެސް އެ ވާހަކަ ލިޔެވޭ އިރު އޭނާގެ ކުންފުނީ ނަން އޭގެ ތެރެއަށް އައުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

"މިހާރު ވެސް އޯޑަރުތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފި. އެއީ ހަގީގަތުގައި ވެސް މި މަސައްކަތުގެ ސަބަބުން ލިބުނު ކުރިއެރުމެއް،" ބިލެންކީ ބުންޏެވެ.

ބައިޑެންގެ ފަރާތުން ބައިސްކަލެއް ހަދިޔާކުރެއްވި އިރު، ޖޯންސަން ބައިޑެން އަށް ސަމިޓްގެ ތެރޭގައި ދެއްވީ އަޅުވެތިކަމާ ދެކޮޅަށް 19 ވަނަ ގަރުނުގައި ހާއްސަ މަސައްކަތްތަކެއް ކުރި އެމެރިކާގެ ޝަހުސިއްޔަތު ފްރެޑްރިކް ޑަގްލަސްގެ ސޫރަ ހިމެނޭ ފްރޭމެކެވެ.