Roadha Mihaaru
ކޮވިޑްގެ ބަލި މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް

ކޮވިޑް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ

05 ޖޫން 2021

ކޮވިޑު-19 އަށް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އަށް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފި އެވެ.

ފަރުވާ ލިބުން ލަސްވެ ކޮވިޑުގައި 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި ވެ އެވެ. އެއާ އެކު، އެ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުނުވާނެ ގޮތަށް ގެންނަ ބަދަލުތަކެއް ވެސް ހާމަކޮށްފައިވެ އެވެ.

އޭގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކުރުން ހިމެނެ އެވެ. އޭރުން ކޮވިޑަށް ޕޮޒިޓިވް މީހުންނަށް އަމިއްލައަށް ގޮސްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ރިވިއުގައި ވެ އެވެ. މި އިންތިޒާމް ހަމަޖައްސާ ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ކަންކަމުގެ އިތުރުން ވަކި ހިދުމަތެއްގެ ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގާއިމްކޮށް އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުން ހިމެނެ އެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރުގެ އޯޕީޑީގެ ހިދުމަތްދިނުމުގެ މަސައްކަތް ފެށިއިރު، ހެލްތު މިނިސްޓްރީން މިދިޔަ މަހު ވަނީ ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް ހުޅުވާލައިފަ އެވެ. އެއާއެކު، އެ ބަލީގެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލަށް ދައްކައި އެޑްމިޓުކޮށްގެން ފަރުވާދޭން ފަށާފައި ވެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ނިޔާވި ކުއްޖާއަށް ފަރުވާ ދިންގޮތުގެ ރިވިއުގައި ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.