Roadha Mihaaru
ޕްރިޔަންކާގެ ކޮވިޑް ފަންޑުގެ ޓާގެޓް ތިން މިލިއަނަށް

ޕްރިޔަންކާގެ ކޮވިޑް ފަންޑްރައިިޒިން ކެމްޕޭނުގެ ޓާގެޓް ތިން މިލިއަން ޑޮލަަރަށް އިތުރުކޮށްފި

25 މެއި 2021

ކޮވިޑް-19އާ ހެދި އިންޑިއާ އަށް ވަސީލަތްތަކުގެ ގޮތުން ދިމާވެފައިވާ ކަންކަމަށް އެހީވުމުގެ ގޮތުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސް ކުރިއަށް ގެންދާ ފަންޑްރައިޒިން ކެމްޕޭނުން ފައިސާ އެއްކުރަން ކަނޑައެޅި އަދަދު 22 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) އަށް އިތުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19އާ ހެދި އިންޑިއާ އަށް ވަސީލަތްތަކުގެ ގޮތުން ދިމާވެފައިވާ ކަންކަމަށް އެހީވުމުގެ ގޮތުން ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސް ކުރިއަށް ގެންދާ ފަންޑްރައިޒިން ކެމްޕޭނުން ފައިސާ އެއްކުރަން ކަނޑައެޅި އަދަދު 22 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) އަށް އިތުރުކޮށްފި އެވެ.

"ޓުގެދާ ފޯ އިންޑިއާ" ގެ ނަމުގައި މިދިޔަ މަހުގެ ތެރޭގައި ކެމްޕޭން ފެށީ އެއް މިލިއަން ޑޮލަރު (7.5 ކްރޯޑް ރުޕީސް) އެއްކުރުމަށެވެ. ނަމަވެސް އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާތީ ފަންޑްރައިޒިން ކެމްޕޭނުން މިހާރު މަދުވެގެން ތިން މިލިއަން ޑޮލަރު ހޯދަން ނިންމާފައިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

މި ވާހަކަ އޭނާ ހާމަކުރީ ސޯޝަލް މީޑިއާގަ އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ކޮވިޑާ ހެދި އިންޑިއާ އަށް އެތައް މައްސަލައެއް ކުރިމަތިވެފައިވާ އިރު، މިހާރު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީސްމީހުންގެ އަތްމަތި ދަތިވެ، ކާންބޯން ވެސް ނުލިބުމުގެ މައްސަލަ އެވެ. އެގޮތުން މިހާރު ވެސް 230 މިލިއަނެއްހާ މީހުން ތިބީ ކާނާ އަށް ޖެހިފައި ކަމަށް ބުންޏެވެ.

ޕްރިޔަންކާ ކުރިއަށް ގެންދާ ކެމްޕޭނުން ލިބޭ ހުރިހާ ފައިސާއަކާއި އެ ކެމްޕޭނަށް ހަދިޔާކުރާ މެޑިކަލް ވަސީލަތްތައް ފޯރުކޮށް ދެނީ ހިލޭ ސާބަހަށް މަސައްކަތްކުރާ އިންޑިއާގެ އެންމެ ބޮޑު ޖަމިއްޔާ ގިވް އިންޑިއާއަށެވެ. އެގޮތުން ކެމްޕޭނުގެ ތެރެއިން ކުރިން ލިބުނު މިލިއަން ޑޮލަރާއި މެޑިކަލް ސާމާނު އެތަނާ ހަވާލުކޮށްފައިވެ އެވެ.

"އަހަރެން އެދެން ވީހާ ވެސް ގިނަ ބަޔަކު މި ކެމްޕޭނަށް އެހީވުމަށް. ހުރިހާ އެންމެން އެކީގައި މަސައްކަތްކޮށްގެން ނޫނީ އެއްވެސް ބަޔަކަށް މިހާރަކު ރައްކާތެރި ކަމެއް ނެތް،" ޕްރިޔަންކާ ބުންޏެވެ.

އޭނާގެ ފަންޑް ރައިޒިން ކެމްޕޭނަށް ހުޅަނގުގެ ވަރަށް ގިނަ މީސްމީހުން ވެސް އެހީފައިވެ އެވެ. އަދި އިންޑިއާ އަށް އެހީވާން ކުރިއަށް ގެންދާ އެހެން ބައެއް ކެމްޕޭންތަކަށް ވެސް ހޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އެހީވެ، އެހީވާން ގޮވާލާފައި ވެސް ވެ އެވެ.

އިންޑިއާ އަކީ މި ވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގޮތުން އެ ގައުމުގެ ވަރަށް ގިނަ ސެލެބްރިޓީން އެހީގެ އެކިއެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.