Roadha Mihaaru
ކޯރަމް ހަމަނުވެގެން އީސައާ މެދު ގޮތެއް ނުނިންމުނު

ކޮމިޓީގެ ކޯރަމް ހަމަނުވެގެން އީސައާ މެދު ގޮތެއް ނުނިމުނު

20 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އޭނާގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭތީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ބޭއްވި ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން، އެކަމުގައި ގޮތެއް ނުނިމި ބައްދަލުވުން ނިންމާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އޭނާގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭތީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ބޭއްވި ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން، އެކަމުގައި ގޮތެއް ނުނިމި ބައްދަލުވުން ނިންމާލައިފި އެވެ.

އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށި އިރު، ނުވަ މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން، އީސަ ހިމެނިވަޑައިގަންނަވާ ގޮތުން ތިން މެމްބަރެއް ފިޔަވަައި އެހެން މެމްބަރުން ތިއްބެވި އެވެ. ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު، މަކުނުދޫ ދާއިރާގެ މެމްބަރު މަހުމޫދު ރާއީ، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ޗެއާއާ ނުލައި، ފަސް މެމްބަރުން ހަމަނުވާތީ ބައްދަލުވުން ނިންމާލީ އެވެ.

އެހެންވީމާ އެ ބައްދަލުވުމަށް ވަޑައިނުގަންނަވަނީ އިހަަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު އަދި މައްސަލަ ރައްދުވާ އީސަ އެވެ. އީސަ ނުހިމަނާ ވޯޓެއް ނަގާ ނަމަ އެހާލަތުހައި ރިޔާސަތުގެ އިތުރުން މަދުވާނީ އެންމެ ދެ ވޯޓެވެ.

ފިރުޝާން "މިހާރު" އަށް ވިދާޅުވީ ވޯޓިން ކޯރަމް ހަމަވަނީ ޗެއާއާ ނުލައި ފަސް މެމްބަރުން ތިއްބަވައިގެން ކަމަށް ވާއިރު، އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ކަނެކްޝަން ވަކި ހިސާބަކުން ގެއްލުމުން އޭނާއާ އަލުން ކަނެކްޓް ޥޭތޯ ގިނަ އިރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ކަަމަށެވެ. ނަަމަވެސް އޭނާއާ އަލުން ކަނެކްޓް ނުވުމުން ކޯރަމް ހަމަ ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްދަލުވުން ނިންމަވައިލައްވަމުން، ފިރުޝާން ވިދާޅުވީ ކޯރަމް ހަމަކުރުމަށް ޓަކައި ޝާހިދުގެ އިތުރުން އަނެއް ދެމެމްބަރުންނަށް ވެސް ގުޅުއްވި ކަމަށާއި ނަމަވެސް ކޯރަމް ހަމަވާ ގޮތް ނުވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ ދެން ކޮމިޓީގައި ބާކީ ތިބި މެމްބަރުންނާ ގުޅައިގެން ކޮމިޓީގައި ބައިވެރި ވެވޭތޯ. އެހެން ނަމަވެސް ވާގޮތެއް ނުވީމާ ވޯޓު ނެގުން ފަސްކޮށްލާފައި، އަޅުގަނޑު ކޮމިޓީ މިވަގުތަށް ނިންމައިލާނަން،" އޭނާ ވިދާޅުވި އެވެ.

ކޯރަމް ހަމަކުރެއްވޭތޯ ފިރުޝާން ގުޅުއްވި ކަމަށް އެ ވިދާޅުވަނީ އެހެންވީމާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަށެވެ.

އިޖުތިމާއީ ކޮމިޓީގައި ތިއްބަވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ފިޔަވައި މުޅިން ވެސް އެމްޑީޕީ މެމްބަރުންނެވެ. އޭނާއަކީ ޕީޕީއެމް މެމްބަރެކެވެ.

އީސައާ ބެހޭ ގޮތުން ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި އެދިފައި އޮތީ އޭނާގެ އިތުބާރުނެތް ކަމަށް ފާސްކުރުމަށެވެ. ބައްދަލުވުން ފައްޓަވަމުން ފިރުޝާން ވިދާޅުވީ އެ މައްސަލައިގައި ބަހުސްކުރުމެއް ނޯންނާނެ ކަމަށާއި އޮންނާނީ ވޯޓަށް އެހުން ކަމަށެވެ. ޝާހިދުގެ ކަނެކްޝަން ގެއްލުނީ ވޯޓަށް އަހަން ތައްޔާރުވިތަނާ އެވެ.

ގެވެށި އަނިޔާގެ ތުހުމަތަށް އީސަ ހައްޔަރުކުރުމަށް ޕީޖީން މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފަ އެވެ.