Roadha Mihaaru
ހަލަފްގެ ތަރި އޮއްސުމެއް ނެތް

ހަލަފްގެ ތަރި އޮއްސުމެއް ނެތް

27 އެޕްރީލް 2021

މުހައްމަދު ހަލަފް ހާފިޒުގެ ހުނަރުތަކުގެ ވާހަކަ ދައްކާ ހުހެއް ނުވާނެ އެވެ. ސްކޫލު ކުދިންގެ ލަވަ މުބާރާތުން ފެށިގެން، ޕީއެސްއެމް މަދަހަ މުބާރާތުން ވެސް ފަހުރުވެރި ވަނަތައް އޭނާ ހޯދި އެވެ. ޓީވީއެމްގެ ކުޑަކުދިންގެ ޓީވީ ޕްރޮގްރާމުތައް ޕްރެޒެންޓްކުރަން ފެށި ހަލަފް، މި ރޯދަ މަހުގެ ހަވީރު ވީޓީވީ އިން ދައްކާ ޝޯއެއް ވެސް އަންނަނީ ޕްރެޒެންޓް ކުރަމުންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މުހައްމަދު ހަލަފް ހާފިޒުގެ ހުނަރުތަކުގެ ވާހަކަ ދައްކާ ހުހެއް ނުވާނެ އެވެ. ސްކޫލު ކުދިންގެ ލަވަ މުބާރާތުން ފެށިގެން، ޕީއެސްއެމް މަދަހަ މުބާރާތުން ވެސް ފަހުރުވެރި ވަނަތައް އޭނާ ހޯދި އެވެ. ޓީވީއެމްގެ ކުޑަކުދިންގެ ޓީވީ ޕްރޮގްރާމުތައް ޕްރެޒެންޓްކުރަން ފެށި ހަލަފް، މި ރޯދަ މަހުގެ ހަވީރު ވީޓީވީ އިން ދައްކާ ޝޯއެއް ވެސް އަންނަނީ ޕްރެޒެންޓް ކުރަމުންނެވެ.

ހަލަފް، 17، އެންމެ ފުރަތަމަ ފެނިގެންދިޔައީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގައި އޭނާ ކިޔަވަން އުޅުނު އިރެވެ. މުބާރާތުގައި ބައިވެރިވާން އޭނާއަށް ފުރުސަތު ލިބުނީ ބައިވެރިވާން ޝައުގުވެރިވާ ކުދިންގެ މެދުގައި ބޭއްވި އޮޑިޝަނެއްގައި ބައިވެރިވެ، ގަދަ ފަސް ކުދިންގެ ތެރޭގައި ހިމެނިގެންނެވެ.

އެ އޮޑިޝަން ކާމިޔާބުކޮށް، އިންޓަ ސްކޫލު ލަވަ މުބާރާތުން ހަލަފް އެންމެ ފުރަތަމަ ފެނުނީ އުމުރުން ނުވަ އަހަރުން ދަށުގެ އުމުރުފުރާ އިންނެވެ. ހަލަފްގެ ފެށުން ވަރަށް ރަނގަޅެވެ. އެ އުމުރުފުރާ އިން އޭނާ ވަނީ އެއް ވަނަ ހޯދައިފަ އެވެ.

"މަންމަ ބުނި ގޮތުގަ ވިއްޔާ ހަލަފް ކުޑަައިރު ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ހަދާ. އެހެންވެ މަދަހަ އެއްޗެހި ވެސް ކިޔޭތީ އެ ބުރު އޮޑިޝަންގައި ބައިވެރިކުރީ. ހޮވޭނެ ކަމަށް ހީކޮށްގެނެއް ވެސް ނޫން ބައިވެރިކުރުވީ،" މަންމަގެ އެހީއާ އެކު ހަލަފް މުބާރާތްތަކުގައި ބައިވެރިވާން ފެށި ގޮތް ކިޔައިދެމުން ބުންޏެވެ.

ހަލަފް ސްޓޭޖުމަތިން އިނާމާ ހަވާލުވަނީ--

ހަލަފް ސްޓޭޖުމަތިން އިނާމާ ހަވާލުވަނީ--

ޖެހިޖެހިގެން ފަސް ވަރަކަށް އަހަރު މެދުނުކެނޑި ބާއްވަމުން އައި ލަވަ/މަދަހަ މުބާރާތްތައް މެދުކެނޑުނީ 2017 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން އޮތް ކޮންމެ މުބާރާތެއްގައި ހަލަފް ބައިވެރިވަމުން އައިއިރު 2013 އާއި 2014 ގައި އޭނާއަށް އެއްވެސް ވަނައެއް ލިބިފައެއް ނުވެ އެވެ.

"އެ ދެ ފަހަރު ވަނައެއް ނުލިބުނަސް، ބެސްޓް ފައިވްއަށް ދިޔަ."

ޖެހިޖެހިގެން ދެ އަހަރު އޭނާއަށް އެއްވެސް ވަނައެއް ނުލިބުމުން، މާޔޫސް ވިޔަސް، ހުއްޓާ ނުލައި ކުރިއަށް ދިޔުމުގެ ނަތީޖާއަކީ 2015 ވަނަ އަހަރު އޮތް އިންޓަ ސްކޫލު ލަވަ މުބާރާތުން 13 އަހަރުން ދަށުގެ އުމުރުފުރާ އިން އެއް ވަނަ އަދި މުޅި މުބާރާތުން ތިން ވަނަ ލިބުމެވެ. އެ ފަހަރު އޭނާ ވަނީ އެންމެ މޮޅު ޅެންވެރިކަމުން ތިން ވަނަ އާއި އެންމެ މޮޅު ރާގުން ވެސް ތިން ވަނަ ހޯދައިފަ އެވެ.

ހަލަފް މުބާރާތެއްގައި ލަވަ ކިޔަނީ--

ހަލަފް މުބާރާތެއްގައި ލަވަ ކިޔަނީ--

ސްކޫލުތަކުގެ މެދުގައި ބޭއްވި ލަވަ މުބާރާތުގެ އިތުރުން، އޭނާ ވަނީ މަދަހަ މުބާރާތުން ވެސް ފެނިފަ އެވެ. އެގޮތުން ގްރޫޕް މަދަހަތަކުންނާއި ވަކިން ވެެސް ޖަމާލުއްދީން ސްކޫލު ތަމްސީލުކޮށްފައިވާއިރު ހަލަފް ވަނީ އެ މުބާރާތްތަކުން ވެސް ކާމިޔާބު ވަނަތަކެއް ހޯދައިފަ އެވެ.

ހަލަފަށް 2015 ވަނަ އަހަރު ވަނީ 13 އަހަރުން ދަށުގެ އުމުރުފުރާ އިން އެއް ވަނަ އަދި މުޅި މުބާރާތުން ތިން ވަނަ ލިބިފަ އެވެ.

ހަލަފްގެ އަޑު އިވިފައި ވަނީ ހަމައެކަނި ލަވަ މުބާރާތާއި މަދަހަ މުބާރާތަކުން ނޫނެވެ. ސްކޫލުގައި އޮންނަ ތަފާތު އެކި ހަރަކާތްތަކުގައި އޭނާ ބައިވެރިވެ އެކި ވަނަތައް ހޯދާފައި އެބަހުއްޓެވެ.

"އޭގެ ފަހުން މުބާރާތެއް ނެތް. އެކަމަކު ސްކޫލު ފަންކްޝަންތަކުގަ ވެސް ހަމަ ލަވަ އާއި މަދަހަ ވެސް ކިޔަން. ދެން ސްކޫލުގައި ގްރުއާން ވެސް ކިޔެވިން. ރައިވަރު ވެސް ބަނދި ވެސް ކިޔައިފަ ހުންނާނީ ދިވެހި ދުވަސްތަކުގައި. އަދި އެއިން ވެސް ވަނަތައް ލިބިފަ އެބަހުރި ހަލަފްއަށް،" ހަލަފް ބުންޏެވެ.

ހަލަފް ބުނި ގޮތުގައި ޕީއެސްއެމް މަދަހަ މުބާރާތާއި ލަވަ މުބާރާތް މެދުކަނޑާލިޔަސް، އޭނާގެ އަޑެއް ނުކެނޑެ އެވެ. ސްކޫލުން ވަނީ އޯލެވެލް ނުވަތަ އޭލެވެލް ޖަލްސާތަކާއި އަދިވެސް ބޮޑެތި ހަފްލާތަކުގައި ގައުމީ ލަވަކިޔަން އޭނާއަށް ފުރުސަތުދީފަ އެވެ.

ޕީއެސްއެމުން ހަލަފް ގެއްލުނުތާ ހަ އަހަރު ފަހުން އޭނާ މިވަނީ އެ ޗެނަލަށް ވެސް އަނބުރާ އައިސްފަ އެވެ. އެއީ ޕީއެސްއެމުން ރޯދަ މަހާ ދިމާކޮށް ގެނެސްދޭ "ނިކަން ލޯބިން" ޕްރޮގްރާމު މެދުވެރިކޮށެވެ. އެ ޕްރޮގްރާމުގައި އޭނާ ވަނީ ލަވަ އާއި މަދަހަ ކިޔައިފަ އެވެ.

"މުބާރާތްތައް މެދުކެނޑުން ފަހުން މިއީ އެންމެ ފަހުން ފެނުނު ފަހަރު. އޭރު 2015 ވަނަ އަހަރު އެންމެ ފަހުން މަދަހަ މުބާރާތަށް އެރީ. އެކަމަކު ސްކޫލު ފަންކްޝަންތަކުން ފެނިފަ ހުންނާނީ. ދެން ގައުމީ ލަވަތަކުގެ ރެކޯޑިން ހަދާފައި ހުންނަނީ."

ލަވަ އާއި މަދަހަ ކިޔުމުގެ އިތުރުން ސްކޫލު ދައުރުން ފެށިގެން އޭނާ އަންނަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަަސައްކަތްކުރަމުންނެވެ. އެގޮތުން ގްރޭޑް ހައެއްގައި އުޅެމުން އެންމެ ފުރަތަމަ ކުޑަކުދިންގެ ޕްރޮގްރާމު ހުށަހަޅައިދޭން ފެށީ ޓީވީއެމްގަ އެވެ. އަދި މި އަހަރުގެ ރޯދަ މަހުގެ އޭނާ އަންނަނީ ވީޓީވީން ހަވީރު ގެނެސްދޭ ޕްރޮގްރާމެއް ވެސް ހޯސްޓްކުރަމުންނެވެ.

"އެބަ ހުރި ވަރަށް ޗާންސް ލިބިފައި. ފެނިދާނެ އެހެން ޓީވީ ޗެނަލަކުން ވެސް ކުރިއަށް އޮތް ތަނުގައި."

މި ކަންކަން ހަލަފް ކުރަމުން އަންނަނީ އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ފްރޮންޓް އޮފީހުގަ އެވެ.

ލަވަ އާއި މަދަހަ ކިޔަން ކިތަންމެ ވަރަކަށް ޝައުގުވެރިކަން ހުއްޓަސް، އެކަހަލަ ދާއިރާއަކުން ކުރިއަށް ދާން އޭނާގެ އެއްގޮތަކަށް ވެސް ވިސްނުމެއް ނެތެވެ.

"ހަލަފް ބޭނުންވަނީ މީހުން ބަލައިގަންނަ މީހަކަށް ވާން ބޮޑުވެގެން. އެކަމަކު ކުރިއަށްދާނެ ދާއިރާ އަދި ފައިނަލް ނުކުރެވިގެން ހަލަފްއަށް މިއުޅެނީ،" އޭނާ ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން ހަލަފްގެ ތަަފާތު ހުނަރުތައް އޭނާ އެންމެނަށް ދައްކާލަމުން އަންނައިރު މިއީ ޒުވާނުންނަށް ހުރި މިސާލެކެވެ. ސްކޫލުގައި އުޅެމުން ވެސް ހަރަކާތްތަކުގައި ބައިވެރިވެ ކިޔެވުމުން ވެސް ރަނގަޅު ނަތީޖާއެއް ގެނެސްދެވިދާނެކަން ހަލަފް އޮތީ ސާބިތުކޮށްދީފަ އެވެ.

ހަލަފް--

ހަލަފް--

ހަލަފްގެ ނަސޭހަތަކީ ލިބޭ އެންމެ ކުޑަ ފުރުސަތުގެ ވެސް ބޭނުން ހިފައިގެން މީހުން ކުރިއަށް ދިއުމެވެ. އޭރުން ކާމިޔާބު ލިބޭނެ ކަމަށް އޭނާ ދެކެ އެވެ.