Roadha Mihaaru
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދާނެ: އަނިލް

އިންތިޒާރު މި ކުރަނީ އޭސީސީގެ ރިޕޯޓަށް، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދާނެ: އަނިލް

16 ނޮވެމްބަރ 2016

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ގެއްލުނު 1.2 ބިލިއަން ރުފިޔާ މި ސަރުކާރުން ހޯދާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ގެއްލުނު 1.2 ބިލިއަން ރުފިޔާ މި ސަރުކާރުން ހޯދާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ކާމިޔާބީ ފާހަގަކުރަން ހިންގާނެ ހަރަކާތްތައް އިއުލާނުކުރަން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން އަނިލް ވިދާޅުވީ ސަރުކާރުން މިހާރު އިންތިޒާރު ކުރަމުން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓަށް ކަމަށެވެ. އެ ރިޕޯޓު ނިމުނުހާ އަވަހަކަށް، އެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައި ފައިސާ ހޯދުމުގެ ދައުވާތަކާ ހަމައަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން އިސްކަންދެނީ ޝަރުއީ މަރުހަލާގެ ތެރެއިން، ފައިސާ ގެއްލުމުގައި އިހުމާލުވީ މީހުންގެ އަތުން އެ ފައިސާ ހޯދަން. މި ސަރުކާރުން އެ ފައިސާގެ ރިކަވަރީއާ ހަމައަށް ދާނެ،" އަނިލް ވިދާޅުވި އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އެކަމަކު ރިޕޯޓް ނެރޭނެ ތާރީހެއް އަދި ނުނިންމާ ކަމަށް އެސީސީން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

އޭސީސީގެ ރިޕޯޓް އާއްމުކުރުން ލަސްވަމުންދާތީ އެ ތަހުގީގާ މެދު އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރިޕޯޓް ލަސްވަނީ، ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މައްސަލައިގެ ބާވަތާއި އެއީ މިހާތަނަށް އެ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަ އަށް ވާތީ އެވެ.