14 ނޮވެމްބަރ 2016
ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި އަޒީމާ ވިދާޅުވީ އިންކަމް ޓެކްސް ނެގުމާ ގުޅޭ އެއްވެސް މަސައްކަތެއް ބަޖެޓުގައި ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އަމިއްލަ ހިޔާލެއް ދެއްވަންޏާ އެއީ ނަގަން ޖެހޭ ޓެކުހެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އާމްދަނީގެ އިންއީކުއަލިޓީ ކުޑަކުރެވޭނީ ރަނގަޅު ނިޒާމެއްގެ ދަށުން އިންކަމް ޓެކްސް ނެގިގެން،" ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަޒީމާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށަން މިހާރު މާ ލަސްވެއްޖެ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އެހެން ޓެކްސްތަކެކޭ ވެސް އެއްގޮތަށް، މި ޓެކްސް ވެސް ނަގާނެ އުސޫލުތައް ދުރާލާ އެކަށައަޅައި އާއްމުން އެ އަށް ހޭލުންތެރިކޮށް، ރަނގަޅަށް ތައްޔާރުވާން ޖެހޭތީ އެވެ.
"ޓެކްސް ނެގުމުގެ މަސައްކަތް ކުރަން ޖެހޭނީ ވީހާ ވެސް ޓްރާންސްޕޭރެންޓްކޮށް. އިންކަމް ޓެކްސް ވެސް ނަގާއިރު އެކަމުގެ މައުލޫމާތާއި ހޭލުންތެރިކަން ރައްޔިތުންނަށް ލިބެން ޖެހޭނެ،" އަޒީމާ ވިދާޅުވި އެވެ.
ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާ އިންކަމް ޓެކުހަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ތާއީދުކުރެއްވިއިރު، ގިނަ ޓެކްސްތަކެއް ތައާރަފްކުރަމުން އަންނައިރު ވެސް މުއްސަނދިންގެ އަތުން ޓެކްސް ނުނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ ގޮތުން، ޓޫރިޒަމްގެ ވިޔަފާރިން ގިނަ ޓެކްސްތަކެއް ނަގައި އަންނަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމާފައިވާތީ އެ މައްސަލަ އެކި ފަރާތްތަކުން އަންނަނީ ޖައްސަމުންނެވެ.
އިންކަމް ޓެކްސް ނަގަން ނިންމާފައި ނުވިޔަސް، އަންނަ އަހަރަށް ލަފާކުރާ 26.8 ބަޖެޓުގައި އެކި ޓެކްސްތައް ބޮޑުކޮށް، ބައެއް އާ ފީތައް ނަގަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެއީ އޭޑީސީގެ އިތުރުން، ބިން ހިއްކައި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.
ބަޖެޓުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި މިއަދު ފަށާނެ އެވެ.
އިންކަމް ޓެކްސް ނަގަން ޕީޕީއެމްގެ މެމްބަރުން ތާއީދު
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
ޓެކްސްއާ ގުޅޭ ކަމެއްގައި 43 މެމްބަރުން ތިބެންޖެހޭނެ
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު ހަމަޖައްސަނީ
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި
އޭޑީސީގެ ބިލް ތަސްދީގު ކުރައްވައިފި
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު