Roadha Mihaaru
ވިކީގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އޮގަސްޓްގައި

ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން އޮގަސްޓްގައި

23 މާޗް 2021

ޖެނުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރި އެކްޓަރު ވިކީ ކޯޝަލް ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން ފަށާނީ އޮގަސްޓް މަހުގެ ތެރޭގައި ޔުކްރޭނުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖެނުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރި އެކްޓަރު ވިކީ ކޯޝަލް ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން ފަށާނީ އޮގަސްޓް މަހުގެ ތެރޭގައި ޔުކްރޭނުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމުގެ ވަރަށް ބޮޑު ބައި ޔޫރަޕްގެ އެކި ހިސާބުތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ އިރު އިތުރު ލޮކޭޝަންތައް ފައިނަލްކުރުމުގެ މަސައްކަތް އޭގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ. "ދި އިމޯޓަލް އަޝްވަތައްމާ" އަކީ ވިކީ 2018 ގައި ކުޅުނު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓްކޮށް، ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ބޮޑު ބަޖެޓަކުން ބިޔަ ފިލްމެއްގެ ގޮތުގައި ހަދާ "ދި އިމޯޓަލް އަޝްވަތައްމާ" ގެ ބަތަލާއަކަށް މިހާރު ސާރާ އަލީ ޚާން ހަމަޖައްސާފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އޭނާ ފިލްމަށް ތައްޔާރުވާން ފަށާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ފިލްމަށް ސާރާ ނެގިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އެކަމަކު "ދި އިމޯޓަލް އަޝްވަތައްމާ" ހަދަން އުޅޭ ވާހަކަ 2019 ގެ ތެރޭގައި ދެކެވުނު ހިސާބުން ވެސް ފިލްމުގެ ބަތަލާ އަކީ ސާރާ ކަމަށް އަޑު އަރާފައިވެ އެވެ. ޖޫންގައި ރިލީޒްކުރާ "އަތުރަންގީ ރޭ" ގެ ބަތަލާގެ އެންމެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި އެމެޒޯން ޕްރައިމް ވީޑިއޯ ޕްރިމިއާކުރި ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1" އެވެ.

"ދި އިމޯޓަލް އަޝްވަތައްމާ" ގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ވިކީ ހަށިގަނޑު ވަރުގަދަކުރަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. މި ފިލްމަށް އޭނާ ވަގުތުދޭން ތައްޔާރުވާ އިރު، ދާދި ފަހުން ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއްގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.

"ދަ ގްރޭޓް އިންޑިއަން ފެމިލީ" ކިޔާ އެ ފިލްމަކީ ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކޮށް، 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބަތަލާގެ ރޯލުން ފެންނާނެ ފިލްމެކެވެ. ވިކީގެ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒްވާނީ ޑައިރެކްޓަރު ޝުޖިތު ސިރްކާގެ "ސަރުދާރު އުދަމް ސިންގް" އެވެ.