Roadha Mihaaru
ޖަރުމަނު ގައުމީ ޓީމަށް ފްލިކް ދޫނުކުރާނަން: ބަޔާން

ޖަރުމަނު ގައުމީ ޓީމަށް ފްލިކް ދޫނުކުރާނަން: ބަޔާން

21 މާޗް 2021

މިއުނިކް (މާޗް 21) - ޖަރުމަނު ގައުމީ ޓީމުން ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކަށް ހުށަހެޅުމެއް ލިބުނު ނަމަވެސް ބަޔާނުން އޭނާ ދޫނުކުރާނެ ކަމަށް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެ އެވެ.

މިއުނިކް (މާޗް 21) - ޖަރުމަނު ގައުމީ ޓީމުން ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކަށް ހުށަހެޅުމެއް ލިބުނު ނަމަވެސް ބަޔާނުން އޭނާ ދޫނުކުރާނެ ކަމަށް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން 14 އަހަރަށް ފަހު ދޫކޮށްލަން ޔަކީމް ލޯ ނިންމާފައިވާ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މަހުގެ ކުރީކޮޅުގައި އިއުލާނުކޮށްފަ އެވެ. ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ މަޝްވަރާތަކެއް ކުރި ނަމަވެސް އޭނާ ވަނީ ޖަރުމަނުގެ ކޯޗުކަމާ މި ވަގުތު ހަވާލުވެވެން ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފްލިކް ގެންދަން މަސައްކަތްތަކެއް ފަށައިފަ އެވެ.

ފްލިކް އަކީ 2014 ވަނަ އަހަރު ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި ފްލިކް ވަނީ 2014 އިން 2017 އަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ރުމެނިގާ ވިދާޅުވީ 2023 ވަނަ އަހަރުގެ ނިޔަލަށް ބަޔާނާ އެކު ފްލިކް ހަދާފައިވާ އެއްބަސްވުން ފުރިހަމަކުރާނެ ކަމަށާއި އެކަން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފްރިޓްޒް ކެލާ އަށް ވެސް އަންގާފައިވާ ކަމަށެވެ.

"އަހަރެން ފްލިކް އަށް ވެސް އަންގައިފިން. އޭނަ ހުންނާނީ މި ޓީމުގައި ކަމަށް. އަހަރެމެން ބޭނުމެއް ނެތް ފްލިކްގެ މަސައްކަތް އެހާ އަވަހަށް ނިންމާލަން،" ރުމެނިގާ ވިދާޅުވި އެވެ.

ކުރިން ބަޔާންގެ އެސިސްޓަންޓަކަށް ހުރި އުމުރުން 56 އަހަރުގެ ފްލިކް ބަޔާން ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެ ޓީމު ވަރަށް ބޮޑަށް ނުތަނަވަސްކަމެއްގެ ތެރޭގައި އޮއްވަ އެވެ. ޓީމުގެ ހާލަތު ބަދަލުކޮށް އޭނާ ވަނީ ބަޔާނަށް ޖަރުމަނު ލީގާއި ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. އަދި ފަހުން ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ހޯދައިދިނެވެ.

ފްލިކް، ބަޔާން ދޫކޮށްލަން އުޅޭ ކަމަށް ޖަރުމަނު މީޑިއާގައި ރިޕޯޓްކުރަން ފެށީ ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗާއި ފްލިކާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ ފްލިކް ބަޔާނަށް ގެންނަން ބޭނުންވާ ކުޅުންތެރިންނާ މެދު ސަލިހަމްދްޒިޗް އެއްބަސްނުވާތީ ކަމަށް ޖަރުމަނު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.