Roadha Mihaaru
މަޖިލީހުގެ ޖިމާއި ރެސްޓޯރެންޓް ހިންގަން ހުޅުވާލައިފި

މަޖިލީހުގެ އިދާރާގެ ޖިމާއި ރެސްޓޯރެންޓް ހިންގަން އަނެއްކާ ވެސް ހުޅުވާލައިފި

17 މާޗް 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރެއް ހިންގަން ބަޔަކު ހޯދަން ދެ ވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރެއް ހިންގަން ބަޔަކު ހޯދަން ދެ ވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.

އެ އިދާރާއިން އެންމެ ފުރަތަމަ މި ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އެ ފަހަރު ޝައުގުވެރިކަން ފާޅުކުރީ އެންމެ ތިން ފަރާތަކުންނެވެ. އެހެންވެ، އެކަށީގެންވާ ތަރުހީބު ނުލިބޭ ކަމަށް ނިންމައި އަލުން އެ ފުރުސަތު ހުޅުވައިލީ އެވެ.

ރެސްޓޯރެންޓާއި ފިޓްނަސް ސެންޓަރު ހުޅުވާނީ މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ޓެރަހުގަ އެވެ. މިއީ އެ އިދާރާގެ މުވައްޒަފުންގެ ކްލަބް "ޕެމާ"އިން ހުޅުވައިލި ފުރުސަތެކެވެ.

މި ފުރުސަތުގެ ދަށުން ޖިމާއި ރެސްޓޯރެންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ބީލަން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ގަ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓެއް ހުޅުވުމުން އެ އިދާރާގެ ކެއުމަށް ދާ ހަރަދު ކުޑަވާނެ އެވެ.