Roadha Mihaaru
އިސްލާމީ މަރުކަޒުގައި މެންކަށް ހުތުބައެއް ނުދެއްވޭނެ

މުފްތީ މެންކަށް ހުތުބާ ދެއްވަން ހުއްދައެއް ނުދިން

13 ނޮވެމްބަރ 2016

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ދެކޮޅުހަދައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ދެކޮޅުހަދައިފި އެވެ.

މުފްތީ މެންކާއި ދުނިޔޭގެ ގިނަ އިލްމުވެރިންތަކެއް ރާއްޖެ ގެނެސް ބާއްވާ "އިލްމް ޓޯކް" އިންތިޒާމު ކުރާ ޖަމިއްޔަތު ރަހުމާއިން ބުނިގޮތުގައި އިސްލާމީ މަރުކަޒުގައި މުފްތީ ހުކުރު ހުތުބާ ދެއްވަން މިނިސްޓްރީން ހުއްދަ ނުދިން ސަބަބެއް ނުބުނެ އެވެ.

އެކަމަކު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވަން މިނިސްޓްރީން ދެކޮޅުހެދި ނަމަވެސް، ފުރުގާން މިސްކިތުގައި އެކަން ކުރެވޭނެ ކަމަށް، ސިޓީއަކުން އެ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން، އަންނަ އަންގާރަ ދުވަހުގެ ކުރިން، ހުުތުބާގެ ދިވެހި ތަރުޖަމާ މިނިސްޓްރީ އަށް ފޮނުވަން ޖެހެ އެވެ.

މުފްތީ ހުތުބާ ދެއްވަން އޮތީ އިނގިރޭސި ބަހުންނެވެ.

މުއްދަތު ކައިރިވެފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން މިގޮތަށް އެންގުމުން ޖަމިއްޔަތު ރަހުމާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު އަލީ އަހުސަން ބުނީ ހުތުބާގެ އިތުރުން އާއްމުންނާ މުހާތަބު ކުރައްވައި މުފްތީ، ދަރުސް ވެސް ދެއްވާނެ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގައި އެ ތަގުރީރު ދެއްވަން މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން، އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި މެންކް ވާހަކަދައްކަވާނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭ ގޮތުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭ ގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ އިސް ވެރިޔާ އެވެ. އަދި އޭނާ ވަނީ މި ރޮނގުން ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފަ އެވެ.

މިދިޔަ އަހަރު މުފްތީ މެންކް ރާއްޖޭގައި ދެއްވި ދަރުސަށް ބޮޑު ތަރުހީބެއް ލިބުނު އިރު މުޖުތަމައުގައި ހުރި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ.