Roadha Mihaaru
"އެއްބަސްވުމުގައި ސިފައިން ތިބޭ ވާހަކައެއް ނޯންނާނެ"

އެއްބަސްވުމުގައި ސިފައިން ތިބޭ ވާހަކައެއް ނޯންނާނެ: ޝަމާލް

16 މާޗް 2021

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި، އެތަނުގައި އަސްކަރީ ބަޔަކު ތިބޭނެ ވާހަކަ ނޯންނާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި، އެތަނުގައި އަސްކަރީ ބަޔަކު ތިބޭނެ ވާހަކަ ނޯންނާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ތަރައްގީކޮށްދޭ، އަދި މިހާރުގެ މަޝްހޫރު ނަމުން ނަމަ ޔޫޓީއެފްއާ ބެހޭ ގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ، އިއްޔެ ވަނީ މީޑިއާގައި ލިއުމެއް ލީކްކޮށްލައިފަ އެވެ. އޭގައި ހިމެނޭ ބައެއް މާއްދާތަކުގައި، ބަނދަރު ހިންގާށާއި ބަލަހައްޓަން އެފަހަރަށް އެކަށީގެންވާ އަދަދަށް އިންޑިއާ ސިފައިން ތިބެން ސަރުކާރުން އެއްބަސްވާން ޖެހެ އެވެ. އަދި އެގޮތަށް ތިބޭއިރު ހިންގާ އޮޕަރޭޝަނެއްގައި ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ނަމަ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އެ ލިއުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ އެފަދަ ކަމެއް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

"ސޮއިކުރި އެގްރީމަންޓުގައި އަސްކަރީ ބަޔަކު އެ ތަނުގައި [އުތުރު ތިލަފަޅު] ތިބޭނެ ވާހަކަ ނޯންނާނެ. ހަތިޔާރު އެޅި ބަޔަކު ތިބޭނެ ވާހަކަ ވެސް ނޯންނާނެ،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން ސިފައިންގެ ހުރިހާ ޖެނެރަލުންނާ މަޝްވަރާ ކޮށްފައިވާނެ އެވެ. އިންޑިއާ ސަރުކާރާ އެކު، އެއްބަސްވުމުގައި ސޮއިކުރީ އޭގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން މިއަދު ޕްރެސް ބޭއްވީ ޔޫޓީއެފްގެ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާންމު ކުރެއްވި ލިޔުންތައް ދޮގުކުރުމަށެވެ. އެގޮތުން ޝަމާލް ވިދާޅުވީ އެއީ އަސްލެއް ނެތް ލިޔުމެއް ކަމަށެވެ.

ސިޔާދަތަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ސިފައިން ނުކުރާނެ

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް އުނި ކަމެއް އަންނާނެ އެއްވެސް ކަމެއް ސިފައިން ނުކުރާނެ ކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ މާއްދާތަކެއް އެއްބަސްވުމެއްގައި ހިމަނަން ސިފައިންގެ ތެރެއިން ދުލެއްނުދޭނެ އެވެ.

ޒަކަރިއްޔާ ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމާ ގުޅޭ ގޮތުން، ސިފައިންނަށް ލަފާދޭ މަޖިލިސްތަކުގައި ވަރަށް ގިނައިން މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ޑްރާފްޓް ކޮޕީ ލީކުކުރުމާ ގުޅިގެން އެއްވެސް ތަހުގީގެއް ކުރިއަށް ނުގެންދާ އެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލިސް ވެސް މި މައްސަލައިގައި އެއްނުކުރާ ކަމަށް ވިދާޅުވި އެވެ.

ޝަމާލް ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަމުގައި "މިވަރުގެ ކޫރުމެއް" އަޅަން ވެސް ދިވެހި ސިފައިން ފުރުސަތު ނުދޭނެ ކަމަށެވެ.

"އެ އެގްރީމަންޓަކުން ދިވެހިރާއްޖޭގެ ސިޔާދަތަކަށް އަސަރެއް ކުރާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ޝަމާލް ވިދާޅުވި އެވެ.