Roadha Mihaaru
ޑަޔާނާ އަތުން ލިޔުއްވި ސިޓީތަކެއް ނީލަމަކަށް

ޑަޔާނާ އަތުން ލިޔުއްވި ސިޓީތަކެއް ނީލަމެއްގައި ވިއްކާލަނީ

12 މާޗް 2021

ޕްރިންސެސް ޑަޔާނާ އަތުން ލިޔުއްވާފައި ސިޓީތަކެއް މި މަހު ނީލަމެއްގައި ވިއްކާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސެސް ޑަޔާނާ އަތުން ލިޔުއްވާފައި ސިޓީތަކެއް މި މަހު ނީލަމެއްގައި ވިއްކާލަން ނިންމައިފި އެވެ.

ޑޭވިޑް ލޭ އޯކްޝަންސް އިން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިން ދުވަހަށް ކުރިއަށް ގެންދާ ނީލަމުގައި ޑަޔާނާގެ 40 ސިޓީއަކާއި ތަހުނިޔާގެ ކާޑުތަކެއް ވިއްކާލަން ނިންމާފައިވާ އިރު އޭގެ ތެރެއިން ގިނަ އެއްޗިއްސަކީ 1990-1997 އާ ދޭތެރޭ އެކުވެރިޔާ ރޮޖާ ބްރޭންބްލް އަށް ފޮނުއްވާފައިވާ ސަމާސާ މިޒާޖުގެ އިބާރާތްތައް ވެސް ހިމެނޭ އެއްޗިއްސެވެ.

މި އެއްޗެހި ނީލަމުގައި ވިއްކާލާ އިރު އޭގެ ތެރެއިން 36 ސިޓީއެއްގެ އަގުތައް އުޅެނީ 300-1،500 ޕައުންޑާ ދެމެދުގަ އެވެ.

ޑޭވިޑް ލޭ އޯކްސްޝަންގެ ފަރާތުން މިނީ ކޮނެލީ-ލޭ ވިދާޅުވީ ޑަޔާނާގެ އަތުލިޔުއްވުން ހިމެނޭ ސިޓީތަކާއި ކާޑުތައް ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ ކޮންމެ އެއްޗަކަށް ރަނގަޅު އަގެއް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

"އެކަމަނާ އަކީ އަބަދު ވެސް މީހުންގެ ހިތްތަކުން ވަރަށް ހާއްސަ މަގާމަކާއި ލޯތްބެއް ހޯއްދަވާފައިވާ ބޭފުޅަކަށްވެފައި ޑަޔާނާގެ ހިތްހެޔޮކަން ދައްކުވައިދޭ މިފަދަ އެއްޗެހިތަކެއް ހޯދުމުގެ ޝައުގުވެރިކަން އާންމުންގެ މެދުގައި ވެސް އަބަދު ވެސް ބޮޑު،" މިނީ ވިދާޅުވި އެވެ. "ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އެމެރިކާ އާއި އިންޑިއާގެ މީހުން ފުދޭ ވަރަކަށް ގިނަ."

އޭނާ ވިދާޅުވި ގޮތުގައި ޑަޔާނާގެ ކަލެކްޝަންގެ ތެރެއިން ވިއްކައިލާ "ލުއި" އެއްޗެހިން ލިބޭ ފައިސާ ހަދިޔާކުރާނީ އެ ކަމަނާ އާއި ބްރޭމްބްލްގެ އެހީ ލިބުނު ބައެއް ޖަމިއްޔާތަކަށެވެ. އޭގެ ތެރޭގައި އިންގްލިޝް ނެޝަނަލް ބެލޭ އާއި ޔަންގް މިއުޒިޝަންސް ސިމްޕަނީ އޮކެސްޓްރާ ހިމެނެ އެވެ.

ޕްރިންސް ވިލިއަމާއި ހެރީގެ މަންމާފުޅު ޑަޔާނާ ވަނީ ފްރާންސްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި 1997 ގައި އަވަހާރަވެފަ އެވެ. އެ ކަމަނާ އަވަހާރަވި ފަހުން ކަލެކްޝަންގެ ތެރޭގައި ހިމެނޭ އެތައް އެއްޗެއް މިހާތަނަށް އެކި ފަހަރުމަތިން ނީލަމަށް ލައިގެން ވިއްކާފައިވެ އެވެ.