Roadha Mihaaru
އަމިއްލަ ފަރުދުންގެ ޑޮލަރަކާ ނުކުޅޭނަން: އެމްއެމްއޭ

ޑޮލަރުގެ އަގު ކޮންޓްރޯލްކުރަން އަމިއްލަ އެކައުންޓްތަކާ ނުކުޅޭނަން: އެމްއެމްއޭ

07 ފެބުރުއަރީ 2021

ޑޮލަރުގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައި އަމިއްލަ ފަރާތްތަކުގެ ޑޮލަރު އެކައުންޓްތަކުގައި އަތް ނުލާނެ ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރުގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައި އަމިއްލަ ފަރާތްތަކުގެ ޑޮލަރު އެކައުންޓްތަކުގައި އަތް ނުލާނެ ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ އަމިއްލަ މީސްމީހުންގެ ޑޮލަރު އެކައުންޓާ ކުޅުމަކީ އެއްވެސް އިރެއްގައި މަރުކަޒީ ބޭންކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްއޭއިން އެ ގޮތަށް ބުނީ އޮންލައިން ސައިޓެއްގައި ޖެހި ލިއުމަކާ ގުޅިގެންނެވެ.

އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ ޑޮލަރުގެ އަގު ކޮންޓްރޯލުކޮށް ކަޅު ބާޒާރު ނައްތާލަން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްހާލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"މި ގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި އާންމު ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭނެ ގޮތްތައް ފަހިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޑޮލަރުގެ އަގު މިހާރު ވަނީ 18ރ. އިން މައްޗަށް އަރައިފަ އެވެ. ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކޮވިޑާ އެކު ޓޫރިޒަމް ހުއްޓި، ރާއްޖޭގެ އިގުތިސާދަށް ކުރި ނުބައި އަސަރުތަކުގެ ސަބަބުން ޑޮލަރެއްގެ އަގު 19ރ އަށް ވުރެ ވެސް މައްޗަށް އެރި އެވެ. އެކަމަކު ޓޫރިޒަމް ރަނގަޅުވާން ފެށުމުން މަޑުމަޑުން އަގު އަންނަނީ ތިރިވަމުންނެވެ.