Roadha Mihaaru
ޔޫކޭ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން ކާމިޔާބު

ޔޫކޭ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން މަސައްކަތް ކުރޭ

06 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ދެކޮޅަށް އެސްޓްރަޒެނެކާއާ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން ކާމިޔާބު ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ދެކޮޅަށް އެސްޓްރަޒެނެކާއާ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން ކާމިޔާބު ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ބުނެފި އެވެ.

"އިނގިރޭސި ވިލާތުގައި ހެދި ޓްރަޔަލްތަކުގެ ޑޭޓާ އިން އެނގޭ ގޮތުގައި އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިން އިން އޮރިޖިނަލް ވައިރަހާ ދެކޮޅަށް ހިމާޔަތް ދިނުމުގެ އިތުރުން އާ ވޭރިންޓާ ދެކޮޅަށް ވެސް ރައްކާތެރިކަން ދޭ،" އޮކްސްފޯޑް ވެކްސިން ޓްރަޔަލްގެ ޗީފް އިންވެސްޓިގޭޓަރު އެންޑްރޫ ޕޮލާޑް ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ދޭ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން "ކޮވިޝީލްޑް"ގެ ނަމުގައި އުފައްދާފައިވާ ވެކްސިން އަކީ ހަމަ އޮކްސްފޯޑުގެ ވެކްސިނެވެ.

އޮކްޓޯބަރުން ޖެނުއަރީ މެދަކާ ހަމައަށް ނެގި ސާމްޕަލްތަކުގެ ނަތީޖާއިން ދައްކާފައިވާ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ދިނުމުން ބަލީގެ މުއްދަތު ކުޑަކޮށް ވައިރަލް ލޯޑް ވެސް ދަށްކޮށްދޭ ކަމަށް އޮކްސްފޯޑުން ބުނެ އެވެ. ނަތީޖާއަކީ ބަލި ފެތުރުން ދަށަށް ދިއުމެވެ.

އިންގްލޭންޑުގެ އިރު ދެކުނުގެ ސަރަހައްދަކުން ސެޕްޓެމްބަރު މަހު ފެނުނު ވޭރިއަންޓަކީ އިނގިރޭސި ވިލާތުގައި މިހާރު އެންމެ ބާރަށް ފެތުރޭ ވައިރަސް ސްޓްރެއިންނެވެ. ނަމަވެސް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކުން އާ ވޭރިއަންޓްތަކާ ދެކޮޅަށް މަސައްކަތް ކުރަނީ ކިހާވަރެއް ކަމެއް މުޅިން ސާފެއް ނުވެ އެވެ.

އޮކްސްފޯޑުން ބުނީ ރޯގާ ބަލިމަޑުކަމެއް ފެތުރިގެން ގިނަ ދުވަސްތަކަކަށް ދެމިގެންދާ އިރު ވައިރަހުގެ އާ ވޭރިއަންޓްތައް އުފަންވާނެ ކަމަށެވެ. އެ ހާލަތަށް ރިޔާއަތްކޮށް ވެކްސިންގެ ވެސް އާ ވާޝަންތައް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އޮކްސްފޯޑް ވެކްސިންގެ އެންމެ ޑޯޒަކުން ވެސް، ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވާ ކަމަށް ސައެންސްވެރިން ބުނެފައިވެ އެވެ. އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ތިން މަސް ދުވަސް ވަންދެން ވެސް ކޮވިޑުން ހަށިގަނޑު ދިފާއުކޮށްދިނުމުގެ ގާބިލްކަން 76 ޕަސެންޓަށް ހުންނަ ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ. އަދި މި މުއްދަތަށް ފަހު ދެ ވަނަ ޑޯޒް ދިނުމުން ބަލިން ދިފާއުވުމުގެ ގާބިލްކަން 82 ޕަސެންޓަށް އަރަ އެވެ.