30 ޖެނުއަރީ 2021
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަން އެ ރަށަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުގައި ނެންގެވި ފޮޓޯއަކާ އެކު ލިޔުއްވި ކުރު އިބާރާތްކޮޅަކުން ހިތާމަވެރި ހަނދާންތަކެއް ވަނީ އާކުރައްވައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކެޔޮދުއަށް ކުރެއްވި ދަތުރުގައި މަހާނަޔަކަށް ޒިޔާރަތްކުރައްވައި ޝާހިދު ލިޔުއްވާފައިވަނީ އެއްބަނޑު އެއްބަފާ ދެ ކޮއްކޯފުޅު މީގެ 41 އަހަރު ކުރިން އަވަހާރަވި ހާދިސާގެ ހަނދާނެވެ.
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަން އެ ރަށަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުގައި ނެންގެވި ފޮޓޯއަކާ އެކު ލިޔުއްވި ކުރު އިބާރާތްކޮޅަކުން ހިތާމަވެރި ހަނދާންތަކެއް ވަނީ އާކުރައްވައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކެޔޮދުއަށް ކުރެއްވި ދަތުރުގައި މަހާނަޔަކަށް ޒިޔާރަތްކުރައްވައި ޝާހިދު ލިޔުއްވާފައިވަނީ އެއްބަނޑު އެއްބަފާ ދެ ކޮއްކޯފުޅު މީގެ 41 އަހަރު ކުރިން އަވަހާރަވި ހާދިސާގެ ހަނދާނެވެ.
ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަށް އެތައް ބަޔަކު ކޮމެންޓްކޮށް ޝެއާކުރި ކަމުގައި ވިޔަސް މިއީ ގިނަ މީހުންނަށް އެނގޭ ހާދިސާއެއްހެން ހިއެއް ނުވެ އެވެ. ޝާހިދު ހަނދާން އާކުރެއްވީ އޭނާގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ކަމަށް ވާ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ ކެޔޮދޫގައި މޫދަށް އެރި އުޅުއްވަނިކޮށް އަވަހާރަވި ހާދިސާ އެވެ.
ޝާހިދުގެ ދެ ކޮއްކޯފުޅާއި ކެޔޮދޫ ރަންބުސްތާނުގޭ ދަލޭކާނިކެ މި ދުނިޔެއާ ވަކިވެ ދިޔައީ އުފާވެރި ދަތުރެއްގަ އެވެ. ޝާހިދު ވިދާޅުވި ގޮތުން ސްކޫލް ޗުއްޓީގައި އާއިލާ އެއްކޮށް ކެޔޮދުއަށް ވަޑައިގަތުމަކީ އޭރު ކުރައްވާ ކަމެކެވެ. ނަމަވެސް އުމުރުން 14 އަހަރުގެ ފާތުމަތާއި 12 އަހަރުގެ އާމިނަތު އަވަހާރަވި ހާދިސާ ހިނގި ދަތުރުގައި ޝާހިދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ސްކޫލް ޗުއްޓީގައި 1980 ވަނަ އަހަރު ކުރެއްވި އެ ދަތުރުގައި ވަޑައިގަތީ އާމިނަތު އާއި ފާތުމަތުގެ އިތުރުން އެހެން ކޮއްކޮއެއް ކަމަށްވާ އަހުމަދު ޝާހިދާއި ބައްޕާފުޅު މޫސާ ޖަމީލް އަދި މަންމާފުޅެވެ.
މީގެ ބަރާބަރު ހަ އަހަރު ކުރިން އެކުވެރި އެހެން ނޫސްވެރިޔަކާ އެކު ޝާހިދާއި ބައްޕާފުޅު މޫސާ ޖަމީލާ ބައްދަލުކޮށް މި ހާދިސާ އޮޅުންފިލުވީމެވެ. އެ ވާހަކަ ފެއްޓެވުމާ އެކު އެ ބޭފުޅުންގެ ލޮލުން ހިލިގަތީ ކަރުނަ އެވެ. ޝާހިދުގެ ހިތުގައި ކޮއްކޮމެންނަށް އޮތް ލޯބި އިތުރަށް ހާމަވީ ކޮއްކޮމެންނަށް މުހާތަބުކުރެއްވި ގޮތުންނާއި އެ ދެއްކެވި ވާހަކައިންނެވެ.
އެ ދުވަހުގެ ނޯޓްތަކުން އަލުން ލިޔެލާނަމެވެ.
ޝާހިދު ވިދާޅުވި ގޮތުން ދެ ކޮއްކޮއާ އެންމެ ފަހުން ބައްދަލުވީ މިހާރު ފޮރިން މިނިސްޓްރީ ހުރި ދިމާލުން ދޯނި ފުރައިގެން ދިޔައިރު އެ ދޯނި ތެރެއިންނެވެ. ކޮއްކޮމެންނާ ސަމާސާކުރައްވަން ހުންނަވާފައި އެއްގަމަށް ފައިބައިވަޑައިގަތީ ދަތުރު ދަނީ ބޭބެ ނުލައި ނޫންހޭ، ސަލާމެއް ވެސް ނުކުރާނަމޭ ވިދާޅުވަމުންނެވެ. އެއީ އޭރު ގްރޭޑް 10 ގައި ކިޔަވަމުން ގެންދެވި ޝާހިދު ކުރެއްވި ސަމާސާއެކެވެ. ޝާހިދު ވިދާޅުވީ އެ ވަގުތުކޮޅު ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ.
ވ. އަތޮޅާ ހާއްސަ ގުޅުންތަކެއް އޮތް ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް ވަނީ ދެ ދަރިކަނބަލުން ވަކިވެ ދިޔަ ހާދިސާ އަށް ޅެންފޮތެއް ވެސް ހައްދަވައިފަ އެވެ. މިއީ ދެބެއިންގެ އުމުރުން 25 އަހަރު ވަންދެން ލިޔުއްވަމުން ގެންދެވި ޅެންތަކެވެ. އޭގައި 45 ޅެން އޮތެވެ. ދަތުރުގެ އުފާވެރި ފެށުމާއި އަބަދަށް ކުރިމަތިވި ހިތްދަތިކަމުގެ ވާހަކަ ޅެންބަހުން އޭގައި ކުރައްސަވާފައިވެ އެވެ.
ކެޔޮދޫ ދޭލިއާ ދޯނީގައި ހެނދުނު 6:30 ގައި މާލެއިން ފުރައިގެން އެ ދުވަހުގެ 2:30 ވީ އިރު އެ ރަށަށް ދެވިއްޖެ އެވެ. އެއީ ޖެނުއަރީ 26، 1980 އެވެ. އޭގައިވާ ގޮތުން، ރަށަށް ދެވުމާ އެކު ފާތުމަތާއި އާމިނަތު މޫދަށް ވަޑައިގަންނަވާން ބޭނުންވެއްޖެ އެވެ. މޫސާ ޖަމީލް ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މޫދަށް ވަޑައިގަތީ ކެޔޮދޫގައި އެ ބޭފުޅުން ތިއްބަވާ، އެކުވެރި މޫސާ މަނިކުފާނުގެ ގެޔަށް ވަޑައިގަތްތާ އިރުކޮޅެއް ފަހުންނެވެ. ދެ ބޭފުޅުން ވަޑައިގަތީ މޫސާ މަނިކުފާނުގެ ބޭފުޅެއް ކަމަށްވާ ދަލޭކާނިކެއާ އެކުގަ އެވެ. ޝާހިދުގެ އާއިލާއާ އެކު މާލެއާ ހިސާބުން ދަލޭކާނިކެ ބައިވެރިވި އެވެ.
ވ. ކެޔޮދޫގައި، އަބްދުﷲ ޝާހިދުގެ ދެ ކޮއްކޯފުޅުން ކަމަށްވާ ފާތުމަތު ޝާހިދާ (ކ) އާމިނަތު ޝާހިދާގެ މަހާނަ އަށް ޒިޔާރަތްކުރައްވަނީ.
ޅެން ފޮތުގެ ބައިތުތައް ވިދާޅުވަމުން ޝާހިދު އަސަރާ އެކު ކިޔައިދެއްވީ ދަތުރުގެ އުފާވެރިކަން ފެށުނު ހިސާބުން ނިމުން އައި ގޮތެވެ.
ރާއްޖޭގައި އާބާދީ އެންމެ ކުޑަ ވ. އަތޮޅުގައި އަދި ކެޔޮދުއަކީ އޭރު އަދި މާ މަދުން މީހުން އުޅުނު ރަށެކެވެ. ރަށުތެރޭ އަދި ހާއްސަކޮށް މޫދުގައި ހިނގާ ކަމެއް މީހަކަށް ފެނުމަށް ވުރެ އެކަށީގެންވަނީ ނުފެނުމެވެ.
އެ ބޭފުޅުން މޫދަށް ވަޑައިގެންފައި މާ ގިނައިރު ވެއްޖެ ކަމަށް ބެލެވިގެން ހޯދަން ފެށިޔަސް އެއީ އަދި އެހާ ގިނައިރު ފަހަކުން ނޫނެވެ. ކެޔޮދޫގެ ރީތި މޫދާއި ގޮނޑުދޮށުން އެ ބޭފުޅުންގެ ހިލަމެއް ނުވި އެވެ. މޫދަށް އެރުމަށް ފަހު ފެންވަރާ ވަޅުތަކެއް ރަށުގައި ހުންނާތީ އެއިން ތަނެއްގައި ތިބިތޯ ވެސް ހޯދި އެވެ؛ ނެތެވެ.
ހާސްކަން ބޮޑުވީ، ޝާހިދު ވިދާޅުވި ގޮތުން، އޭގެ ފަހުންނެވެ. ރަށުގައި ތިބި މީހުން މޫދަށް އެރިގެން ހޯދަން ފެށީ އެވެ.
"ރަށުގެ މީހުން ދޯންޏެއްގައި ނުކުމެ ހޯދަން ފެށި ތަނާހެން ފެނުނީ ދޮން ފުން ވިލެއް ބެދުނު ހިސާބުގެ އަށެއްގެ ފޫޓު ފުނުގައި ދެބެންނާއި ދަލޭކާނިކެ ވެސް އަވަހާރަވެފައި ތިއްބާ،" އެ ހިސާބުން ޝާހިދުގެ ވާހަކަ ހުއްޓުވާފައި ބައްޕާފުޅު މޫސާ ޖަމީލް ފެއްޓެވި އެވެ.
އޭނާ ވިދާޅުވީ ދެ ބޭފުޅުންނާއި އެ ބޭފުޅުންނާ ހަވާލުވެ ހުންނެވި ދަލޭކާނިކެ އަވަހާރަވެފައި ވަނިކޮށް ފެނުނީ މޫދަށް އެރެން އޮންނަ ދިމާލުގައި އޮންނަ ވިލެއް ހުރަސްކޮށް އޮންނަ ތިލައެއްގެ އަށެއްކަ ފޫޓު އަޑިން ކަމަށެވެ.
އެކަމަކު މޫސާ ޖަމީލް ވިދާޅުވި ގޮތުގައި އަވަހާރަވެފައި ތިބި އިރު އެއްވެސް ބޭފުޅަކަށް ލޮނު ބޮވިފައެއް ނުވެ އެވެ. އެހެންވެ ގެނބިގެން މަރުވީ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އެކަމަކު އެކަމެއް ހިނގި އިރު ފެނުނު މީހަކު ވެސް ނެތަތީ ހާދިސާގެ ސަބަބެއް ލަފާކުރާކަށް ވެސް ނޭނގެ އެވެ.
"އެއް ގޮތަކަށް ވެސް ލޮނުބޮވިފައެއް ނެތް. އެކަމަކު ވީ ގޮތް ބުނާނެ މީހަކު ނެތްތާ. ތިން ކުދިން ވެސް އަވަހާރަވީވިއްޔާ. ހާދިސާ ހިނގި ގޮތުން އެނގެނީ ގެނބިގެން ނޫން ކަން މަރުވީ އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.
މޫސާ ޖަމީލް ވިދާޅުވީ އެއީ ގާލްގައިޑްގައި ވެސް އުޅޭ، ފަތަން ވެސް އެނގޭ ކުދިން ކަމަށެވެ. ކުލާސް ކުދިންނާ އެކު ވެސް ދަތުރު ގޮސް އެކަނި އުޅޭ ކަމަށް ވިދާޅުވި އެވެ.
ޝާހިދު އޭރު ވެސް މިހާރު ވެސް މި ވާހަކަ ވިދާޅުވަނީ އަސަރާ އެކުގަ އެވެ. ވިދާޅުވީ އެއީ ވަރަށް ގާތްކޮށް އުޅުނު، ވަރަށް ހާއްސަ ދެ ކޮއްކޮ ކަމަށެވެ.
ޝާހިދު އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރެއްވީ ދެބެއިންނާ އެކު ޝާހިދު ނެންގެވި ހަމައެކަނި އެކަމަކު ވަރަށް ނުސާފު ފޮޓޯއަކުން 1993 ގައި ނިއު ޔޯކުން ދިމާވި މީހަކު ލައްވާ ކުރެއްސި ކުރެހުމެކެވެ.
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި
ހަނީމޫނަށް ރާއްޖެއަށް ކުރި ދަތުރުގައި ގެނބިގެން މަރު
ޑައިވިންއަށް ދިޔަ ތައިލެންޑުމީހަކު ގެނބިގެން މަރުވެެެއްޖެ
ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ބައްޕަ– އަޅުގަނޑުގެ އުސްތާޛު، އަޅުގަނޑުގެ ގަހާތަރި!
އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ
ދަތުރު ގޮސް އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ
ގެނބުނު ޓޫރިސްޓަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ
ގެއްލުނު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ
ރިސޯޓެއްގެ ޕޫލްގައި ކުއްޖަކު މަރުވެފައިއޮއްވައި ފެނިއްޖެ