Roadha Mihaaru
އަކްޝޭގެ "ބެލް ބޮޓަމް" އެމެޒޯންގައި ރިލީޒްކޮށްފާނެ

އަކްޝޭގެ "ބެލް ބޮޓަމް" އެމެޒޯން ޕްރައިމްގައި ރިލީޒްކޮށްފާނެ

21 ޖެނުއަރީ 2021

މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ޝޫޓްކޮށް ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އަކްޝޭ ކުމާރުގެ ޖާސޫސީ ފިލްމު "ބެލް ބޮޓަމް" ސިނަމާތަކުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމަފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ޝޫޓްކޮށް ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އަކްޝޭ ކުމާރުގެ ޖާސޫސީ ފިލްމު "ބެލް ބޮޓަމް" ސިނަމާތަކުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމަފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މި ވާހަކަ ގެނެސްދީފައި މި ވަނީ އަންނަ އެޕްރީލް މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް ފިލްމު ޖޫން މަހަށް ފަސްކޮށްފައިވާ ކަމަށް ދާދި ފަހުން އަޑުއަރާފައި ވަނިކޮށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ބެލް ބޮޓަމް" ގެ ޓީމުން ޑިޖިޓަލް ޕްރިމިއާއަކަށް ދާން ވިސްނި އެއް ސަބަބަކީ އަހަރުގެ ކުރީކޮޅު ފިލްމު ރިލީޒްނުކޮށްފި ނަމަ ދެން ރަނގަޅު އެހެން ތާރީހެއް މި އަހަރުގެ ތެރޭގައި ލިބުން ދަތިވެދާނެތީ އެވެ.

އަނެއްކޮޅުން އަކްޝޭގެ "ސޫރިޔަޝަންވީ" މި އަހަރުގެ ކުރީކޮޅު ގެނެސްދޭން މަސައްކަތްކުރަމުން އަންނާތީ އެ ފިލްމާ ދާދި ގާތުގައި "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނަން ޕްރޮޑިއުސަރުން ބޭނުން ނުވަނީ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސޫރިޔާވަންޝީ" އަކީ ކުރިން މިދިޔަ އަހަރުގެ މާޗް މަހުގެ 24 ގައި ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑާ ހެދި އެކަން ނުވީ އެވެ. ބެލެވޭ ގޮތުން މި އަހަރުގެ މާޗް ހިސާބުގައި "ސޫރިޔާވަންޝީ" ސިނަމާތަކަށް ގެންނާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެމެޒޯން ޕްރައިމުން "ބެލް ބޮޓަމް" ޕްރިމިއާކުރުމާ ދޭތެރޭ ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އާއި އެމެޒޯނުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމުން ފިލްމު ގެނެސްދިނުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނެ އެވެ.

އެހެންވެއްޖެ ނަމަ "ބެލް ބޮޓަމް" ވެގެންދާނީ ޑިޖިޓަލްކޮށް ޕްރިމިއާކުރާ އަކްޝޭގެ ދެވަނަ ފިލްމަށެވެ. އޭނާގެ "ލަކްޝްމީ" އަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ފިލްމެކެވެ. އެކަމަކު އެއީ ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ. ނަމަވެސް އެ ފިލްމަކީ މިދިޔަ އަހަރު ސްޓްރީމިން ޕްލެޓްފޯމަކަށް އެންމެ ބޮޑު އަގުގައި ދޫކޮށްލި ފިލްމެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް "ލަކްޝްމީ" ދޫކޮށްލީ 125 ކްރޯޑް ރުޕީސް (17.09 މިލިއަން ޑޮލަރު) އަށެވެ.

ބޮލީވުޑްގެ ފިލްމުތައް މި ފަހުން ޑިޖިޓަލްކޮށް ޕްރިމިއާކުރާތީ ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިިއުޓަރުން ގެންދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ "ބެލް ބޮޓަމް" ގައި އަކްޝޭއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އަދި ހުމާ ގްރޭޝީ ހިމެނެ އެވެ.