Roadha Mihaaru
ޓްރަމްޕް މަގާމުން ދުރުކުރުމުގެ އަޑު ގަދަވެއްޖެ

ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލުމުގެ އަޑާ އެކު ކެބިނެޓް މެންބަރުން އިސްތިއުފާ ދެނީ

08 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 8) - އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ބޭނުން ހިފައި، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކޮށް، ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް މައިކް ޕެންސް ހަވާލުވެވަޑައިގަތުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ އާއި ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗަކް ޝޫމާ ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 8) - އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ބޭނުން ހިފައި، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކޮށް، ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް މައިކް ޕެންސް ހަވާލުވެވަޑައިގަތުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ އާއި ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޗަކް ޝޫމާ ގޮވާލައްވައިފި އެވެ.

ރައީސްގެ ވާޖިބުތައް އަދާކުރުމަށް ނުކުޅެދިއްޖެ ކަމަށް ކެބިނެޓުގެ ގިނަ މެންބަރުންނަށް ފެނިއްޖެ ނަމަ 25 ވަނަ އިސްލާހުގެ ދަށުން މަގާމުން ރައީސް އެއްފަރާތް ކުރެވެ އެވެ.

ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ ޓްރަމްޕް އިމްޕީޗް ކުރުމަށް ވެސް ގޮވާލައިފަ އެވެ. ޓްރަމްޕް އިމްޕީޗްކޮށްފި ނަމަ އެމަނިކުފާން ވެގެން ދާނީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރާ ފުރަތަމަ ރައީސްއަށެވެ. ރިޔާސީ އިންތިޚާބުގައި ނާޖާއިޒް ފައިދާ ހޯދުމަށް ޔޫކްރޭނުގެ ރައީސް އަށް ނުފޫޒް ފޯރުވަން އުޅުނު މައްސަލައެއްގައި 2019 ވަނަ އަހަރު ވަނީ ޓްރަމްޕް އިމްޕީޗްކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އިމްޕީޗް ކުރުމަށް ގޮވާލަމުން ދަނީ ކޮންގްރެސް އަށް ވަދެ ސަޕޯޓަރުން ހަމަނުޖެހުން ހިންގީ ޓްރަމްޕް ހިތްވަރު ދެއްވައިގެން ކަމަށްވާތީ އެވެ.

ޕެލޯސީ ވިދާޅުވީ ޓްރަމްޕުގެ ވެރިކަމުގައި ބާކީ 12 ދުވަސް އޮތް ނަމަވެސް، ކޮންގްރެސްގައި ހިންގި ހަމަނުޖެހުންތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް އެމެރިކާ އަށް ޓްރަމްޕުގެ ފަރާތުން ބިރުވެރިކަން ކުރިމަތިވެދާނެ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލައިފަ އެވެ. ހައުސްގެ ރިޕަބްލިކަން މެންބަރު އެޑަމް ކިންޒިންގާ ވިދާޅުވީ "ބިރުވެރިކަން ނިންމަންވެއްޖެ" ކަމަށާއި 25 ވަނަ އިސްލާހުގެ ދަށުން މައިކް ޕެންސް ރައީސްގެ މަސްއޫލިއްޔާ ހަވާލުވާން ޖެހޭ ކަމަށެވެ.

"ރައީސް ކަމަށް ޓްރަމްޕް ގާބިލެއް ނޫން،" ކިންޒިންގާ ވިދާޅުވި އެވެ.

ޓްރަމްޕުގެ ޗީފް އޮފް ސްޓާފުގެ މަގާމު 18 މަސް ދުވަހު އަދާކުރެއްވި ޖޯން ކެލީ ވިދާޅުވީ ކެބިނެޓުގެ މެންބަރުން 25 ވަނަ އިސްލާހާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

ކެޕިޓޮލްގައި ހިންގި ހަމަނުޖެހުމާ ހިތްހަމަނުޖެހިގެން ކެބިނެޓުން އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި ޓްރާންސްޕޯޓް ސެކްރެޓަރީ އެލައިން ޗާއޯ ހިމެނެ އެވެ. އޭނާ އަކީ ރިޕަބްލިކަން ސެނޭޓް ލީޑަރު މިޗް މެކްކޯނެލްގެ އަނބިކަނބަލުންނެވެ. އެޑިއުކޭޝަން ސެކްރެޓަރީ ބެޓްސީ ޑެވޮސް ވެސް ވަނީ ކެބިނެޓުން އިސްތިއުފާ ދެއްވައިފަ އެވެ.

ޓްރަމްޕުގެ ސަރުކާރުން އިސްތިއުފާ ދެއްވި އިތުރު މެންބަރުންގެ ތެރޭގައި އެމަނިކުފާނުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ނޮދަން އައިލެންޑުގެ ޚާއްސަ މަންދޫބު މިކް މުލްވަނޭ އާއި ޑެޕިއުޓީ ނޭޝަނަލް އެޑްވައިޒަރު މެޓް ޕޮޓިންގާ ހިމެނެ އެވެ.