Roadha Mihaaru
ކަޕިލްގެ ޝޯއެއް ނެޓްފްލިކްސް އަށް

ކަޕިލް ޝަރުމާގެ ޝޯއެއް ނެޓްފްލިކްސް އަށް

07 ޖެނުއަރީ 2021

އިންޑިއާގެ ކުޅަދާނަ ކޮމީޑިއަން ކަޕިލް ޝަރުމާގެ ޝޯއެއް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުޅަދާނަ ކޮމީޑިއަން ކަޕިލް ޝަރުމާގެ ޝޯއެއް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.

މިކަން ރަސްމީކޮށް ކަޕިލް އާއި ނެޓްފްލިކްސް ވެސް އިން ވަނީ ވީޑިއޯއަކުން ހާމަކޮށްފަ އެވެ. ކަޕިލް ބުނީ ނެޓްފްލިކްސް އިން ގެނެސްދޭ އޭނާގެ ޝޯ އަކީ ވަރަށް ހާއްސަ އެއްޗަކަށް ވާނެ ކަމަށާއި މި ފުރުސަތު ލިބުނީ މިކަމަށް އެދިއެދި ހުންނަތާ ވެސް ދުވަސްތަކެއް ފަހުން ކަމަށެވެ.

ނަމަވެސް ޝޯއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ކަޕިލް ބުނީ ވަރަށް އަވަހަށް ޝޯއާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ސޮނީ ޓީވީން ގެނެސްދޭ ކަޕިލްގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް ޓީވީ ޝޯ އެވެ. ވަރަށް އާދައިގެ ކޮމީޑިއަނެއްގެ ގޮތުގައި ބެލުންތެރިން ހެއްވާލުމަށް ފަހު، ފަހުން ކަޕިލް ވެގެން ދިޔައީ އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަނަށެވެ. އޭނާގެ އަމިއްލަ ނަން ހިމަނައިގެން ޝޯއެއް ގެނެސްދިނުމުގެ ފުރުސަތު އެންމެ ފުރަތަމަ ފަހިކޮށްދިނީ ކަލާޒް ޗެނެލުންނެވެ.

އެގޮތުން ދުވަސްތަކެއް ވަންދެން "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގެ ނަމުގައި ކަޕިލްގެ ޝޯ ގެނެސްދިނުމަށް އެ ޗެނެލް ދޫކޮށް އޭނާ ސޮނީ ޓީވީ އަށް ބަދަލުވީ ކަލާޒްއާ ޖެހުނު މައްސަލައެއްގަ އެވެ. ސޮނީ އަށް ކަޕިލްގެ ޝޯ އައީ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ނަމުގަ އެވެ.

އެ ޝޯ އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ އެއްޗެކެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން ކަޕިލްގެ ޝޯއެއް ގެނެސްދޭން ނިންމި އިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ އަންނަނީ ސޮނީ އެންޓަޓައިންމަންޓް ނެޓްވޯކްގެ ވެބް ސީރީޒަކަށް ވެސް ތައްޔާރުވަމުންނެވެ.

ކަޕިލް ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ 2015 ގެ "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި 2017 ގެ "ފިރަންގީ" އެވެ.