Roadha Mihaaru
ސަސް ފުރަތަމަ މެޗުން އީގަލްސް ބަލިކޮށްފި

ސަސް ފުރަތަމަ މެޗުން އީގަލްސް ބަލިކޮށްފި

14 ޑިސެމްބަރ 2020

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

މާޒިޔާ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ މިދިޔަ ހަފުތާގައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އީގަލްސް އަށް މިރޭ ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އިތުބާރު ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.

މެޗުގެ ހަމައެކަނި ގޯލް ސަސް އަށް 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިކްޓަ ރޮޑްރިގޭޒް މުނޯޒެވެ. ގާތްގަނޑަކަށް މެދުރޮނގާ ހަމައިން އަޓްޝުޝީ ޔޮނެޒާވާ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ އީގަލްސްގެ ދެ ޑިފެންޑަރުން ވިއްދާފައި ތިއްބާ ވިކްޓަ ވަނީ ގޯލަށް ފުރަގަސްދީގެން ހުރެ މަޑުމަޑުން ބޮލުން ތިރީ ކަނަށް ވައްދާލައިފަ އެވެ.

މެޗު އަނބުރާލަން އީގަލްސް އަށް ރަނުގެ ފުރުސަތުތަކެއް ފަހުން ލިބުނެވެ. އަނެއްކޮޅުން މެޗުގެ ކުރީކޮޅު ޖެހުނު ލަނޑާ އެކު ސަސް އިން އެ ލީޑު ދިފާއުކުރަން ރަނގަޅު ޑިފެންސިވް މަސައްކަތެއް ކުރި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އީގަލްސްގެ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ނެގި ހުރަހެއް ހައިޝަމް ހަސަން ބޮލުން ޖެހުމުން އަމާޒުވީ ގޯލްކީޕަރު އަތަށެވެ. އޭގެ ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ހަނި އޭންގަލުން، ކީޕަރު ވެސް ބީޓްކޮށްފައި ފޮނުވާލި ބޯޅަ ލައިން މަތިން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ދިފާއުކުރި އެވެ. އަދި މުހައްމަދު ނާއިމް ދިން ބޯޅައަކުން ހައިޝަމް އަށް ލިބުނު ފުރުސަތުގައި ވެސް އަމާޒުނުކުރެވުނެވެ.

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ތިން ޕޮއިންޓް ލިބުމުގެ ފަހަތުގައި އޮތީ އެ ކުޅުންތެރިން ކުރި މަސައްކަތާއި ހިތްވަރު ކަމަށެވެ.

އޭނާ ބުނީ އަނިޔާގެ މައްސަލަ ޓީމުގައި ބޮޑު ކަމަށާއި އޭގެ ސަބަބުން ބައެއް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށެވެ. އެކަަމަކު ރަނގަޅު މެޗަކުން މޮޅުވެ އިތުބާރާ އެކު އޮތް ވަރުގަދަ އީގަލްސްއާ ދެކޮޅަށް ކުޅެވޭ އެންމެ ރަނގަޅަށް ކުޅުނުކަން އޭނާ ފާހަގަކުރި އެވެ.

"ރަނގަޅު ފެށުމެއް. ފަސްޓް ޑިވިޝަނުގެ ފުރަތަމަ މެޗުގެ ނަތީޖާ ވެސް ރަނގަޅު،" ނާދު ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި ކުޅުމާ މެދު ވެސް އެންމެ ހިތްހަމަނުޖެހޭ ކަމަށެވެ.

"(ފުރުސަތުތައް) ކްރިއޭޓްކުރެވުނު ވަރު މަދު. (އެކަމަކު ގިނަ ވަގުތު) ބޯޅަ ގެންގުޅެވުނު. ފަހު ހާފުގައި އެކަނި ތިބެ ކުރެވުނު މިސް ޕާސް ގިނަ ކަމަށް ފަހަގަކުރެވުނު. ލިބުނު ޗާންސްތައް ބޭނުންނުކުރެވި މިދިޔައީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ސަސް އިން ވަރަށް ޑިފެންސުވްކުރި ކަމަށައި އެ ޓީމުން އެ ޓީމުގެ ރޭވުމުގައި ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.

"އެވަރަށް ފަހަތަށް ފައިބައިގެން ކުޅުނީމާ ޗާންސް ކްރިއޭޓްކުރަން އުނދަގޫވި. (އަޅުގަނޑުމެންނަށް) އެނގެން ޖެހޭނެ އީގަލްސްއާ އެކީ ގިނަ ޓީމުތަކަށް ކުޅެން މަސައްކަތްކުރާނީ ފަހަތަށް ފައިބައިގެން ކައުންޓާ އެޓޭކްކުރަންކަން. އޭގެ ތެރެއިން ޗާންސް ކްރިއޭޓްކޮށްގެން ގޯލް ޖަހަން އަޅުގަނޑުމެން ތައްޔާރުވާންވީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ އަނިޔާގައި ހުރި ރިޒޭ ނެތްތަން ފޫބައްދަން އުނދަގޫވި ކަމަށާއި ޓީމުގެ ތިބި ކުޅުންތެރިންނަށް ބަލާއިރު ތަޖުރިބާކާރު ކުޅުންތެރިން މަދުވުމުގެ ދަތިކަން ކުރިމަތިވި ކަމަށެވެ.