Roadha Mihaaru
ފީފާ ބެޖް ލިބޭ ދިވެހި ރެފްރީން ކަނޑައަޅައިފި

ފީފާ ބެޖް ލިބޭ ދިވެހި ރެފްރީން ކަނޑައަޅައިފި

18 ނޮވެމްބަރ 2020

އަންނަ އަހަރަށް ރާއްޖޭން ފީފާ ބެޖް ލިބޭ ރެފްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަންނަ އަހަރަށް ރާއްޖޭން ފީފާ ބެޖް ލިބޭ ރެފްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފި އެވެ.

އެއީ ތިން ރެފްރީން ކަމަށްވާ މުހައްމަދު ޖާވިޒް (ޖޭޑް) އާއި އާދަމް ފަޒީލް އަދި ހުސެއިން ސިނާންގެ އިތުރުން ތަޖުރިބާކާރު ދެ އެސިސްޓަންޓް ރެފްރީން ކަމަށްވާ ޖައުފަރު ރަޝީދު އާއި އަހުމަދު އަބްދުﷲ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ފީފާގެ ކްރައިޓީރިއާ އަށް ފިޓްވާ ރެފްރީން ކަނޑައެޅީ ރާއްޖޭގެ ރެފްރީސް ޑިޕާޓްމަންޓުން އެ ރެފްރީންގެ ޓެސްޓްތަކެއް ކުރުމަށް ފަހު ކަމަށާއި އަންނަ އަހަރަށް ފީފާ ބެޖް ލިބޭ ރެފްރީންގެ ތެރޭގައި ހިމެނިފައިވަނީ ތަޖުރިބާކާރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް އިންސާފުކޮށްފައިވާ އޮފިޝަލުން ކަމަށެވެ.

ފީފާ ބެޖް ލިބުނު ރެފްރީންގެ ތެރެއިން ޖޭޑް އަކީ މީގެ ކުރިން އޭއެފްސީ އެލީޓް ރެފްރީޒް ޕެނަލްގައި މަސައްކަތްކޮށްފައިވާ ރެފްރީ އެކެވެ. އޭނާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކުރަމުންނެވެ. އެންމެ ފުރަތަމަ ބޭރުގެ މެޗެއްގައި ރެފްރީކަން ކުރީ 2016 ވަނަ އަހަރުގެ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ސިންގަޕޫރާއި މިޔަންމާ ވާދަކުރި މެޗުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ލިބޭ ގިނަ ފުރުސަތުތަކެއްގެ ބޭނުންހިފައި ބައިނަލްއަގުވާމީ މެޗުތަކުގައި ރެފްރީކަން ކުރަމުންނެވެ.

ރެފްރީ ފަޒީލް ވެސް އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކުރަމުންނެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ނޭޕާލާއި އިންޑިއާ ކުޅުނު މެޗުގައި ރެފްރީކަން ކުރި ފަޒީލް އަންނަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރަމުންނެވެ. އެ ގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ރެފްރީކަން ކޮށްފަ އެވެ.

މިދިޔަ އަހަރު އަލަށް ފީފާ ބެޖް ހާސިލްކުރި ރެފްރީ ސިނާން އަކީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ މުބާރާތްތަކުގެ ގިނަ މެޗުތަކެއްގައި އިންސާފުކުރި ރެފްރީ އެކެވެ. އޭނާ އެންމެ ފުރަތަމަ ރެފްރީކަން ކުރި ބައިނަލްއަގުވާމީ މުބާރާތަކީ އޭއެފްސީ 14 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ އުމުރުފުރާ އެހެން މުބާރާތްތަކުގައި އޭނާ އަންނަނީ ލިބޭ ފުރުސަތުތަކުގައި ރެފްރީކަން ކުރަމުންނެވެ. އާންމުގޮތެއްގައި ސާފް ސަރަހައްދުގެ އުމުރުފުރާ މުބާރާތްތަކުން އޭނާ އަށް ފުރުސަތު ލިބެ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެސިސްޓަންޓް ރެފްރީ އަކީ ޖައުފަރު އެވެ. އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކުރަމުންނެވެ. ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ރޮނގުބެލެހެއްޓި ޖައުފަރުގެ އެންމެ ފުރަތަމަ ބޭރުގެ ތަޖުރިބާ އަކީ 2013 ވަނަ އަހަރު މިޔަންމާގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީ ގޭމްސް) އެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ގިނަ މެޗުތަކަކުން ޖައުފަރަށް ފުރުސަތު ލިބެ އެވެ.

ފީފާ ބެޖް 2015 ވަނަ އަހަރުން ފެށިގެން ހާސިލްކުރަމުން އަންނަ ކުޅަދާނަ އެސިސްޓަންޓް ރެފްރީ އަހުމަދު ވަނީ 2018 ވަނަ އަހަރު އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީންގެ ތެރޭގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ރޮނގު ބެލެހެއްޓީ 2015 ވަނަ އަހަރު ކެމްބޯޑިއާ އާއި މިޔަންމާ ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސެއިޓް ނަގްޖީ ޓްރޮފީ މުބާރާތުގައި އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއި މިއުނިކް 1860 ކުޅުނު މެޗުގައި ވެސް އޮފިޝަލްކަން ކޮށްފަ އެވެ.