Roadha Mihaaru
ޑީއާރްޕީ އުވައެއް ނުލާނެ، މައްސަލަ ހައްލުވެއްޖެ: އީސީ

ޑީއާރްޕީ އުުވައެއް ނުލާނަން، މައްސަލަ ހައްލުވެއްޖެ: އީސީ

09 ނޮވެމްބަރ 2020

ޑީީއާރްޕީ އުވާ ނުލާނެ ކަމަށާއި އެ ޕާޓީ އަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޑީީއާރްޕީ އުވާ ނުލާނެ ކަމަށާއި އެ ޕާޓީ އަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް އުވާލުމުގެ އިހްތިޔާރު ދީފައިވާ ކަންކަމުގެ ތެރޭގައި ކޮންގްރެސް ނުބޭއްވުން ހިމެނެ އެވެ. މިގޮތަށް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީއެއް އުނިކޮށް ހަތް ދުވަހުގެ ތެރޭގައި އާއްމުކުރަންވާނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

އެ ޕާޓީން 2013 ވަނަ އަހަރުގެ ފަހުން ކޮންގްރެސް ބޭއްވިކަން ލިޔެކިޔުމުން އެނގެން ނެތް މައްސަލައިގައި މިދިިޔަ ސެޕްޓެމްބަރު މަހު އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ އިސްވެރިންނާ ބައްދަލުކުރި އެވެ. މިދިޔަ ޖުލައި މަހުން ފެށިގެން އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އެ ބައްދަލުވުމުގައި ޑީއާރުޕީން ބުނީ ޕާޓީގެ ލީޑާޝިޕް ބަދަލުވަމުން އައި ގޮތުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ ކަންކަމުގެ ރިކޯޑު ނުބެލެހެއްޓި ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ. އަދި ލިޔެކިޔުންތައް ހަމަކުރުމަށް އިތުރު ވަގުތަށް އެދިފައި ވެއެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު "މިހާރު" އަށް ވިދާޅުވީ ޕާޓީ އުވާލަން ނިންމައި އެ މަސައްކަތް ފެށި ކަމަށެވެ. ޕާޓީ އުވާލާ ނަމަ އިލެކްޝަންސް ކޮމިޝަނުން ޖެހޭނީ މައްސަލަ ހައި ކޯޓަށް ހުށަހަޅާށެވެ.

"އަޅުގަނޑުމެން މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން މިދިޔަ ހަފްތާގެ ތެރޭގައި ޑީއާރްޕީން އެބަވޭ ލިޔެކިޔުންތައް ހުށަހަޅާފައި. އޭގައި ވާގޮތުން 2017 ވަނަ އަހަރު އެންމެ ފަހުން އެ ޕާޓީން ކޮންގްރެސް ބޭއްވީ. އެހެންވީމަ އެ މައްސަލަ ހައްލުވީ،" ޝަރީފް ވިދާޅުވި އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި އުފެދުނު މައްސަލަތަކަކަށް ފަހު އެވެ.

އޭގެ ފަހުން މުޅި ޕާޓީ ބައިބައިވެ ޕާޓީގައި ތިއްބެވި ގިނަ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގަތް އިރު އެ ޕާޓީ އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ. އަދި އޭގެ ފަހުން ޑއާރްޕީގެ ސިޔާސީ ހަރަކާތްތައް ނުހިންގި ޕާޓީ އޮތީ ވަރަށް ބޮޑަށް ބަލިކަށި ވެފަ އެވެ.