Roadha Mihaaru
އަންހެނުންނަށްދޭ އަނިޔާއާ ދެކޮޅަށް ކުރެހުމުގެ މުބާރާތެއް

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރެހުމުގެ މުބާރާތެއް ފަށަނީ

02 ނޮވެމްބަރ 2020

"އާޓް ފޮ އެކްޝަން"ގެ ނަމުގައި، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އޫރީދު އާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

"އާޓް ފޮ އެކްޝަން"ގެ ނަމުގައި، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އޫރީދު އާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.

އޫރީދު އާއި ފެމިލީ ލީގަލް ކްލިނިކްގެ އިތުރުން ޔޫއެންޑީޕީ ވެސް މި މުބާރާތް އިންތިޒާމު ކުރުމުގައި ބައިވެރިވެ އެވެ.

މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިސިމް އެގެއިންސްޓް ޖެންޑާ ބޭސްޑް ވަޔަލެންސް"އާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އޫރީދޫން ބުންޏެވެ. މި ކެމްޕޭންގެ މަގްސަދަކީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް އަދުލް އިންސާފު ހޯދައިދެވޭނެ ގޮތްތަކާއި އެ މީހުން ބާރުވެރިކުރެވޭނެ ގޮތާ ގުޅޭ ގޮތުން ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.

ފެމިލީ ލީގަލް ކްލިނިކުން އިއްޔެ ކުރި ޓްވީޓެއް

އުމުރުން 16 އަހަރުން މަތީގެ ކޮންމެ މީހަކަށް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ. މައިގަނޑު ތިން ދާއިރާއަކުން ކުރެހުން ހުށަހަޅަން ހުޅުވާލާފައިވާ އިރު ކޮންމެ ކުރެހުމެއް ވިޔަސް ހުށަހެޅޭނެ ކަމަށް އޫރީދޫން ބުންޏެވެ.

ކުރެހުން ހުށަހެޅޭނެ ދާއިރާތައް

- އަދުލް އިންސާފު: އަނިޔާ ލިބިފައިވާ އަންހެނުންނަށް އަދުލް އިންސާފު ހޯދަން މުޖުތަމައު އިން ކުރެވޭނެ ކަންތައްތައް

- ބާރުވެރިކުރުވުން: އަނިިޔާ ލިބިފައިވާ އަންހެނުން ބާރުވެރިިކޮށް، އެ މީހުންނާ މެދު އޯގާތެރިކޮށް ކަންތައް ކުރަން އާއިލާ އާއި ރަހުމަތްތެރިން ކުރެވޭނެ ކަންތައްތައް

- އުއްމީދު: އަންހެނުންނާއި ކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު ކުރާ އުންމީދު

މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން އެންމެ ރަނގަޅު 16 ކުރެހުމެއް ހޮވާނެ އެވެ. އަދި މި މަހުގެ 25 އާއި އަންނަ މަހުގެ 10 ވަނަ ދުވަހާ ދެމެދު އެ ކުރެހުންތައް އޫރީދު އާއި ފެމިލީ ލީގަލް ކްލިނިކާއި ޔޫއެންޑީޕީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ޕޯސްޓުކުރާނެ އެވެ. އޫރީދޫގެ ލެޑް ބޯޑުތަކުގައި ވެސް މި ކުރެހުންތައް އިޝްތިހާރުކުރާނެ އެވެ.

މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 16 ވަނަ ދުވަހެވެ. ކުރެހުން ހުށަހަޅާ އިރު އެ މީހެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރާއި އުމުރު ހިމަނަން ޖެހޭނެ އެވެ. ކުރެހުންތައް ހުށަހަޅާނީ info@familylegalclinic.org.mv އަށެވެ.

ބައިނަލްއަގްވާމީގޮތުން ފާހަގަ ކުރާ "16 ޑޭސް އޮފް އެކްޓިވިޒިމް" ފަށާނީ ކޮންމެ އަހަރެއްގެ ނޮވެމްވަރު 25 ގައި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުމުގެ ދުވަހާ އެކު އެވެ. އެ ހަރަކާތް ނިންމާލަނީ ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަ ކުރާ އިންސާނީ ހައްގުތަކުގެ ދުވަހު އެވެ.