Roadha Mihaaru

98 ކިލޯ ޑްރަގް މައްސަލަ: ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަންގައިފި

ރާއްޖެ އެތެރެކުރަނިކޮށް އައްޑޫއިން އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

98 ކިލޯ ޑްރަގް މައްސަލަ: ދޫކޮށްލި މީހަކު ބަންދަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

27 އޮކްޓޯބަރ 2020

ރާއްޖެ އެތެރެކުރަނިކޮށް އައްޑޫއިން އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބޭރުގެ ބަޔަކާ ގުޅިގެން މިމަހު ކުރީކޮޅު ކަނޑުމަގުން އައްޑުއަށް އެތެރެކުރަނިކޮށް އަތުލައިިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 16 މީހަކު ހައްޔަރުކޮށް، ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ. ބާކީ އަށް މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ ތެރެއިން އެކަކު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިތަދޫ ކޯޓުން އޭނާ ދޫކޮށްލީ ހެކި ނެތިގެން ކަމަށް ބުންޏަސް، އޭގެކުރިން ދެ ފަހަރެއްގެ މަތިން އޭނާ ބަންދުގެ މުއްދަތު އެ ކޯޓުން އިތުރު ކުރިއިރު އެކަށީގެންވާ ހެކި ހުރި ކަމަށް ނިންމާފައިވާ އެބައޮތް ކަމަށެވެ. އަދި މި މަރުހަލާގައި ބަލަން ޖެހޭނީ ކުށް ސާބިތުވާ މިންވަރުގެ ހެކި ހުރިތޯ ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވާ ގޮތުން މި މަރުހަލާ ބަލަން ޖެހޭނީ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރިތޯ ނުވަތަ ނޫންތޯ އެވެ. އަދި އޭނާއާ ދެކޮޅަށް އެ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލާގެ ބާވަތުން އޭނާ ދޫކޮށްލާފައި ބެހެއްޓުމަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ދޫކޮށްލަން ހިތަދޫ ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އަދި މިއަދުން ފެށިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރާ ކަމަށެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

އެގޮތަށް ހައި ކޯޓުން އެންގިއިރު، ދަށު މަރުހަލާގައި ހިނގަމުންދާ މައްސަލަތަކުގައި ހައި ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރުމަކީ މިހާރު ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.