Roadha Mihaaru
ތާރާ އާއި އާދާރްގެ ކައިވެނީގެ ވާހަކަ ދޮގުކޮށްފި

ތާރާ ސުތާރިއާ އާއި އާދާރް ޖެއިން ކައިވެނިކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

20 އޮކްޓޯބަރ 2020

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އާދާރް ޖެއިން ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އާދާރް ޖެއިން ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ އިތުރުން ރަންބީރް ކަޕޫރްގެ ދެބޭންގެ ދެ ދަރި ކޮއްކޮ އާދާރު، 26، އާއި މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ތާރާ ސުތާރިއާ، 24، އަންނަނީ ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުންނެވެ.

ނަމަވެސް އެ ވާހަކަ ދޮގުކޮށް އާދާރްގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އާދާރުގެ މި ވަގުތު ފޯކަސް އަކީ ކެރިއަރަށް ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ގައިދީ ބޭންޑް" އިން ބޮލީވުޑަށް ނުކުތް ބަތަލު މިހާރު އަންނަނީ ފަރްހާން އަޚްތަރުގެ އެކްސަލް އެންޓަޓައިންމަންޓުން ހަދާ "ހެލޯ ޗާލީ" ގެ މަސައްކަތްކުރަމުންނެވެ.

"އާދާރުގެ ކައިވެނީގެ އެއްވެސް ޕްލޭނެއް މި ވަގުތަކު ނެތް. އޭނާ އުޅެނީ ފިލްމީ މަސައްކަތްތަކުގައި ވަރަށް ބިޒީކޮށް،" ތަރުޖަމާނު ބުންޏެވެ.

ތާރާ ވެސް ފިލްމީ މަސައްކަތުގައި ބިޒީކޮށް އުޅޭ އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ތަޅަޕް" އާއި "ދޯ ވިލަން" އެވެ.

އާދާރާއި ތާރާ ކައިވެނިކުރަން އުޅޭ ކަމަށް މީޑިއާތަކުގައި ދެކެވެން ފެށި އިރު، އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އަކީ މިހާރު އާ ވާހަކައެއް ނޫނެވެ.

އާދާރު އަކީ ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރާއި ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާ އެއްބަނޑު އެއްބަފާ ރީމާ ކަޕޫރް ޖެއިންގެ ދަރިއެކެވެ. ރީމާގެ ތިބެނީ އާދާރާއި އޭނާ އަށް ވުރެ ދޮށްޓަށް ހުންނަ އަރުމާން ޖެއިން އެވެ. ދެހާސް ސާދަ ވަނަ އަހަރު "ލޭކަރް ހަމް ދީވާނާ ދިލް" ކުޅުނު އަރްމާން، 30، ވަނީ މި އަހަރުގެ ކިރީކޮޅު ކައިވެނިކޮށްފަ އެވެ.