Roadha Mihaaru
އިންޑިއާގެ ސިނަމާތައް ހުޅުވާނީ މޯދީގެ ފިލްމުން

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފިލްމުން

11 އޮކްޓޯބަރ 2020

ކޮވިޑް-19 އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު ބަންދުކުރި އެ ގައުމުގެ ސިނަމާތައް ހަތް މަސް ފަހުން އަލުން މި މަހުގެ 15 ގައި ހުޅުވާ އިރު، އެންމެ ފުރަތަމަ އަޅުވާ ހިންދީ ފިލްމަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު ބަންދުކުރި އެ ގައުމުގެ ސިނަމާތައް ހަތް މަސް ފަހުން އަލުން މި މަހުގެ 15 ގައި ހުޅުވާ އިރު، އެންމެ ފުރަތަމަ އަޅުވާ ހިންދީ ފިލްމަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ހަމަޖައްސައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ގައި ސިނަމާކުގައި އެޅުވި ފިލްމެކެވެ. އޮމަންގް ކުމާރު ޑައިރެކްޓްކޮށް ވިވެކް އޮބެރޯއީ ޓައިޓްލް ރޯލް ކުޅުނު ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އަނެއްކޮޅުން "ޕީއެމް ނަރެންދުރަ މޯދީ" މިދިޔަ އަހަރު އެންމެ ފުރަތަމަ އަޅުވަން އުޅުނީ މިދިޔަ އަހަރު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގެ ތެރޭގަ އެވެ.

އެކަމާ ގުޅިގެން، އެ ފިލްމަކީ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އާއި މޯދީ އަށް ކެމްޕޭންކޮށްދޭން ހަދާފައިވާ ޕްރޮޕަގެންޑާ ފިލްމެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ ފިލްމު ރިލީޒްކުރުން ހުއްޓުވަން އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. ފިލްމު ރިލީޒްކުރުން އެތަނުން އެކި ފަހަރުމަތިން ހުއްޓުވި އެވެ.

ލޮކްޑައުން އަށް ފަހު ސިނަމާތައް އަލުން ހުޅުވާ އިރު އެންމެ ފުރަތަމަ އަޅުވާ ހިންދީ ފިލްމަކަށް "ޕީއެމް ނަރެންދުރަ މޯދީ" ހަމަޖައްސައި އެކަމާ ގުޅޭ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"މެރީ ކޮމް" އާއި "ސަރަބްޖީތު" އަދި "ބޫމީ" ފަދަ ފިލްމުތައް ގެނެސްދިން އޮމަންގްގެ "ޕީއެމް ނަރެންދުރަ މޯދީ" ގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، ދަރުޝަން، ރަވަލް، ޒަރީނާ ވައްހާބް، މަނޯޖް ޖޯޝީ އަދި ސުރޭޝް އޮބެރޯއީ ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 8 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް މިދިޔަ އަހަރު ބޮކްސް އޮފީހުގައި ލިބުނީ 14.70 ކްރޯޑް ރުޕީސް (2.01 މިލިއަން ޑޮލަރު) ގެ އާމްދަނީއެކެވެ.