Roadha Mihaaru
އަދީބު ސަބަބު ނުބުނަނީސް ރިލްވާން އާއިލާގެ މާފެއް ނެތް

ރިލްވާންގެ އާއިލާ އިން ބުނަނީ ސަބަބު ނުބުނަނީސް އަދީބަށް މާފެއް ނެތް ކަމަށް!

01 އޮކްޓޯބަރ 2020

ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް އަމިއްލަ އަށް އިއުތިރާފްވެވަޑައިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފަށް އެދިވަޑައިގަތަސް ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މީހުންނަށް އެހީތެރިވެވަޑައިގަތް ސަބަބު ސާފުކޮށްނުދެއްވަނީސް މާފެއް ނެތް ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް އަމިއްލަ އަށް އިއުތިރާފްވެވަޑައިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފަށް އެދިވަޑައިގަތަސް ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މީހުންނަށް އެހީތެރިވެވަޑައިގަތް ސަބަބު ސާފުކޮށްނުދެއްވަނީސް މާފެއް ނެތް ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެވަޑައިގެން ސިޔާސީ ބާރުވެރިކަން ހޯއްދަވަން އެ ފައިސާ ބެއްސެވީ އަދީބު ނައިބު ރައީސް ކަމުގައި ހުންނަވަ އެވެ. އެއީ ކުރެއްވި ކުށެއް ކަމަށާއި ތައުބާވެ މާފަށް އެދޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އިންސާފަށް އެދި އާދޭސްކުރަމުން އަންނަ ރިލްވާންގެ އާއިލާ އިން ބުނީ އަދީބް އެދިވަޑައިގަތް އެ މާފް ނުދޭނެ ކަމަށެވެ.

ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ރިލްވާން ވަގަށް ނަގައި އަނިޔާ ދިން އަނިޔާވެރިންނަށް ހިމާޔަތް ދީ އެ މީހުން ރާއްޖެ އިން ބޭރަށް ފޮނުވާލަން އެހީވެދެއްވީ އަދީބެވެ. ރިލްވާނަށް އެފަދަ ލާއިންސާނީ އަނިޔާއެއް ދިން ބަޔަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނީ ކީއްވެ ކަން އަދީބު ވިދާޅުވެދެއްވަން ޖެހޭ ކަމަށް ޝެހެނާޒް ބުންޏެވެ.

"ތިހެން މާފްކުރާށޭ ބުންޏަކަސް މާފެއް ނެތް،" ޝެހެނާޒްގެ ޓުވީޓުގައިވެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން --ފޮޓޯ: މިހާރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން --ފޮޓޯ: މިހާރު

އެކަމަކު ރިލްވާންގެ އާއިލާއިން އެގޮތަށް ބުނިކަމުގައި ވިޔަސް، ކޯޓުގައި ރިލްވާންގެ ކޭސްއާ ބެހޭ އެއްވެސް ވާހަކައެއް އަދީބު ނުދައްކަވަ އެވެ. އޭނާ އިއުތިރާފްވެވަޑައިގަތީ އަދި މައާފަށް ވެސް އެދިވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ކުރާ ތަހުގީގަށް މަރު ކޮމިޝަނުން ވެސް އަދީބާ ސުވާލުކުރި އެވެ. އަދި ރިލްވާން ގެއްލުވާލި މައްސަލައިގައި އަމާޒުވި ތުހުމަތުތައް އަދީބު ވަނީ ދޮގު ކުރައްވައިފަ އެވެ.

އެކަމަކު ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުވައިދާއި ސ. މީދޫ، ސީދާ މަންޒިލް، އަބްދުﷲ ހައިޝަމް ބަންދުން ދޫކޮށްލުމުގެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަވެފައިވާ މީހަކު އަދީބާ މުއާމަލާތްތަކެއް ކުރި ކަަމަށް އަދީބުގެ ފޯނުން ފެނުނު މެސެޖްތަކާ ހަވާލާދީ ރަސްމީ އިދާރާތަކުން (ޖޭއެސްސީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބެލިއިރު) ވަނީ ބުނެފަ އެވެ. އެ މުއާމަލާތަށް ފަހު އެ މީހުން ދޫކޮށްލަން އަދީބު އެދިފައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަރިހުގައި ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.

ތިން ޝަރީއަތެއް ބާއްވައި އެ ދެ މީހުން ބަންދުން ދޫކޮށްލަން އަމުރުކުރެއްވީ ދީދީ އެވެ.

ރިލްވާން ވަގަށް ނެގި ކަމަށް ތުހުމަތުކުރި މީހުންނާ ދެކޮޅަށް ހެއްކާއި ގަރީނާ ހުރެ ވެސް އެ މީހުން މިނިވަންވެ، އެއްވެސް ކުށެއް ނުކުރާ ބައަކަށް ވީ ސިޔާސީ ފަރާތްތަކަކުން ހިމާޔަތް ދިނުމުން ކަމަށް އާއިލާ އިން އަބަދުވެސް ބުނެ އެވެ. އެގޮތުން ރިލްވާން ރާއްޖެ އިން ބޭރަށް ދިޔަ ކަން ދައްކަން އިމިގްރޭޝަން މެދުވެރިކޮށް ޕާސްޕޯޓެއް ހައްދަން ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ކުރީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ މިނިސްޓަރުގެ ގޮތުގައި އަދީބު ހުންނެވި އިރު، ރިލްވާނަށް އިންސާފު ނުލިބި ލަސްވާތީ އޭރު ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރަން އަދީބު ކަންތައްތަކެއް ކުރެއްވި އެވެ.

ރިލްވާނާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން ކުރާ މެސެޖްތަކާއި އާއިލާ އިން ބޭއްވި އެއްވުންތަކާއި އެ ނޫން ވެސް ހުރިހާ ކަމެއްގެ މައުލޫމާތު އަދީބު ގެންދެވީ ބަރާބަރަށް ބައްލަވަމުންނެވެ. މިކަމުގައި، އެމަނިކުފާނަށް ބައެއް ފުލުހުން އެހީތެރިކަން ވެސް ފޯރުކޮށްދިނެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.