Roadha Mihaaru
ދަތުރު ނިމުނު އިރު ރީތި ފިނޮޅު ކުނިގޮނޑަކަށް!

ދަތުރު ނިމުނު އިރު ރީތި ފިނޮޅު ކުނިގޮނޑަކަށް!

26 ސެޕްޓެމްބަރ 2020

މަންޒަރުތަކަށް ބަލާއިރު އެ ފިނޮޅުގައި ވަރަށް މަޖާ ނެގިކަން އެނގެ އެވެ. ޓެންޓު ޖަހައި، ބާބަކިއު ހަދައި އުޅުނުކަން ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އިރު އޮއްސުމާ އެކު، ދަތުރު ކުރުކޮށްލާފައި އެނބުރި ރަށަށް ދިޔައީ، ޖެހި ހުރިހާ ސަކަރާތަކާ އެކު، ކުނިތައް ފިނޮޅަށް ދޫކޮށްލައިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަންޒަރުތަކަށް ބަލާއިރު އެ ފިނޮޅުގައި ވަރަށް މަޖާ ނެގިކަން އެނގެ އެވެ. ޓެންޓު ޖަހައި، ބާބަކިއު ހަދައި އުޅުނުކަން ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އިރު އޮއްސުމާ އެކު، ދަތުރު ކުރުކޮށްލާފައި އެނބުރި ރަށަށް ދިޔައީ، ޖެހި ހުރިހާ ސަކަރާތަކާ އެކު، ކުނިތައް ފިނޮޅަށް ދޫކޮށްލައިފަ އެވެ.

އާންމު މީހަކު ވަނީ ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ހުވަފެންފުށި ރިސޯޓާ ތިން ކިލޯމީޓަރު ދުރުގައި އޮންނަ އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އެ ރީތި ވެލިގަނޑު "ކުނިބުންޏަށް" ހަދާލި ފޮޓޯތައް އާއްމުކުރަމުން އޭނާ ބުނީ "މިއީ ގިނަ ދިވެހިންގެ އާދަ" ކަމަށެވެ. ޕްލާސްޓިކް ފުޅި އާއި ތައްޓާއި ކޮތަޅުން ތަން ހަޑިކޮށްލާއިރު ޒިންމާއެއް އޮތް ކަމަށް ގިނަ މީހުން ނުދެކޭ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

"ވެމްކޯ މީހުން އެތަކެތި ނަގާނެ ކަމަށް ހީކުރަނީ ކަންނޭނގެ،" ޓްވިޓާގައި އޭނާ ލިޔުނެވެ.

"ނޫނީ އަމިއްލައަށް އެތަކެތި ގެއްލޭނެ ކަމަށް ހީކުރަނީ ކަމަށް ވެދާނެ."

ފިނޮޅަކަށް ދަތުރު ދިޔަ މީހުން ޖެހި ޓެންޓް ވެސް ހަލާކުވާން ދޫކޮށްލާފައި - ފޮޓޯ: ޓްވިޓާ

ފިނޮޅަކަށް ދަތުރު ދިޔަ މީހުން ޖެހި ޓެންޓް ވެސް ހަލާކުވާން ދޫކޮށްލާފައި - ފޮޓޯ: ޓްވިޓާ

މި ފޮޓޯތަކާ އެކު ސޯޝަލް މީޑިއާ އިތުރަށް ހާވާލުމުން، އަހަރެމެންގެ މި ނުބައި އާދަ ތަމްސީލުކޮށްދޭ އެހެން ފޮޓޯތައް ވެސް ފެނުނެވެ. ދެތިިން ލޯންޗު ފުރައި، ފިނޮޅުތަކަށް މީހުން ގޮސް މަޖާ ނަގާފައި އެނބުރި ދަނީ ހުރިހާ ކުނިތަކެއް ދޫކޮށްލައިފަ އެވެ. ފިނޮޅުގައި ޖެހި ޓެންޓުތަކާއި ބާބެކިއު ގްރިލްތަކާއި ކެއުމަށް ބޭނުންކުރި ޕްލާސްޓިކް ތަށިތަކެވެ.

"ކުނި ނަގާނީ ރިސޯޓުތަކުގެ މީހުން"

ފިނޮޅުތަކަށް ދަތުރު ދާ މީހުންގެ ނަޒަރުގައި، ރިސޯޓުތައް ކައިރީގައި އޮންނަ އެފަދަ ތަންތަނަށް އަޅާ ކުނިތައް ނަގައި ސާފުކުރާނީ ރިސޯޓުގެ މުވައްޒަފުންނެވެ. އެކަމަކު އެއީ އެ މުވައްޒަފުންގެ ޒިންމާއެއް ނޫނެވެ. ރިސޯޓުތަކުން ނުވަތަ ގެސްޓްހައުސް ހިންގާ މީހުން ފިނޮޅުތައް ސާފުކުރަނީ އެ މީހުންގެ ޓޫރިސްޓުން އެތަނަށް ގެންދާތީ އެވެ. ކުނިން ފުރިފައި އޮންނަ ތަނަކަށް ގެންގޮސް، ރާއްޖެއާ މެދު ޓޫރިސްޓުންގެ ހިޔާލު ބަދަލުވެދާނެ މަންޒަރުތައް ފެންނަން ބޭނުންނުވަނީ އެވެ.

އއ. ރަސްދޫގެ ގެސްޓްހައުސް ހިންގާ މީހަކު ބުނީ ޓޫރިސްޓުން ފިނޮޅަކަށް ގެންދިޔުމުގެ ކުރިން، ތަނުގެ ސްޓާފުން އެތަނަށް ގޮސް ސާފުކުރެ އެވެ. އޭނާ ވެސް ބުނިގޮތުގައި ސްޓާފުން ގިނައިން ނަގަން ޖެހެނީ އާއްމުން ދަތުރު ގޮސް، ދޫކޮށްލާ ކުނިބުންޏެވެ.

"ހަމަ އަސްލު ވެސް ބައެއް މީހުންނަށް ހީވަނީ ދަތުރު ގޮސް، ކުނިތައް ފިނޮޅަށް ދޫކޮށްލުމުން އެ މީހުންގެ ދައުރު އެކަމުގައި ނިމުނީއޭ. އެތަން ސާފުކުރާނީ އެހެން މީހުންނޭ،" އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ އެކު ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ތިމާވެއްޓާ މެދު ނުވިސްނާ ނަމަ މި ގޮތަށް ދަތުރު ދިޔުން ހުއްޓާލަން ބައެއް މީހުން ގޮވާލި އެވެ. އަދި މި ގޮތަށް ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ކުރަން ވެސް ބައެއް މީހުން އެދެ އެވެ.

އެކަމަކު ފިނޮޅުތަކަށް ކުނި އަޅާ މީހުން ހޯދައި، އަދަބު ދެވޭނެ ގޮތެއް ނޯވެ އެވެ.