Roadha Mihaaru
ބޮޑުފިނޮޅުގެ މައްސަލަ ޓްރައިބިއުނަލްގައި ތާށިވެފައި!

ވަގުތީ އަމުރަކަށް އެދުނު ބޮޑުފިނޮޅުގެ މައްސަލަ ޓްރައިބިއުނަލްގައި ތާށިވެފައި!

26 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ހާލުގައި ޖެއްސި ބިދޭސީންގެ ހައްގުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލަ އެތަނުގައި ތާށިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ހާލުގައި ޖެއްސި ބިދޭސީންގެ ހައްގުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލަ އެތަނުގައި ތާށިވެއްޖެ އެވެ.

މައްސަލަ ހުށަހެޅި ފަހުން، ދެ މަސް ވިއިރު ވެސް މައްސަލައިގެ އަޑު އެހުމެއް ނުބާއްވަ އެވެ. އަވަސް މައްސަލައެއްގެ ގޮތުގައި މިދިޔަ ޖުލައި 15 ގައި ހުށަހެޅި މައްސަލަ ބަލައިގަތީ ވެސް އެއް މަސް ފަހުން އޮގަސްޓް 19، ގަ އެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި އެތައް މަހެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި ގާތްގަނޑަކަށް 200 ބިދޭސީންގެ ފަރާތުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ. ބިދޭސީންނާ މެދު ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ހުރުމާއި ބޭސްފަރުވާގެ އިންތިޒާމް ރިޒް ކުންފުނިން ހަވާލުވާން ޖެހޭ ކަމަށް ކަނޑައަޅައިދޭން ވަގުތީ އެދުނު މި މައްސަލަ ޓްރައިބިއުނަލް އިން ކުރިއަށް ނުގެންގޮސް ލަސްވާތީ ޕީއައިއެލްސީން ވަނީ އެތަނަށް ސިޓީ ވެސް ފޮނުވައިފަ އެވެ.

ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.

ރިޒް ކުންފުނީގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާ ވާހަކަ ދައްކަވަނީ: އެ ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުން.

ރިޒް ކުންފުނީގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާ ވާހަކަ ދައްކަވަނީ: އެ ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުން.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ރިޒް ކުންފުނިން ހަވާލުވާން ދެކޮޅުހަދައި އެ ރަށަށް ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށުން އެ މީހުން މާލެ ގެނެސް މިހާރު ބައިތިއްބާފައި ވަނީ ހުޅުމާލެ ފެސިލިޓީއެއްގަ އެވެ. އެމްއާރުޑީސީގެ އެ ފެސިލިޓީގައި އެ މީހުން ބޭތިއްބިޔަސް ހުރިހާ ޚަރަދެއް ދައްކާނީ ރިޒް ކުންފުނިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މައްސަލަ ލަސްވުމުގައި ކަންބޮޑުވުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ވަޒީފާ ދިން ފަރާތުން ހިންގި ބިދޭސީންނާ މެދު އަދިވެސް އިހުމާލުވަމުން ދާއިރު ޓްރައިބިއުނަލުން ގޮތެއް ނުނިމި ދިގުލައިގެން ދިއުމެވެ. ހުޅުމާލޭ ފެސިލިޓީގައި ތިބި ބިދޭސީން އެތަނުން ނެރުމާއި އެކަށީގެންވާ ބޭސްފަރުވާ ހަމަޖައްސައިނުދިނުން ފަދަ އަމަލުތަކެއް ވެސް ދަނީ ހިނގަމުންނެވެ.

ޕީއައިއެލްސީގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މައްސަލައިގެ ވަގުތީ އަމުރެއް ނެރެދޭން އެދޭތާ ގިނަ ދުވަސްތަކެއް ވި އިރު ވެސް އެކަން ހަމަނުޖެހިދާ ކޮންމެ ދުވަހަކު ބިދޭސީންގެ ހައްގުތައް ގެއްލޭ ކަމަށެވެ. އަސާސީ އަދި އިންސާނީ ހައްގުތަކެއް ގެއްލިގެންދާއިރު އެއީ އަވަހަށް ގޮތެއް ނިންމަން ޖެހިފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ކޮންމެ ދުވަހަކު އެބަ އާދޭ އަޅުގަނޑުމެންނަށް ވެސް ވަރަށް ބައިވަރު ކޯލްތައް އެތަނުގައި ތިބި މީހުން ބަލިވެގެންނާއި އެހެން ކަންކަން ހަމަނުޖެހިގެން،" ޝުނާނާ ވިދާޅުވި އެވެ.

"ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގައި ވާނީ އެދިފައި ވަކި ގޮތެއް ކަނޑައެޅެންދެން ކެއުމާއި ބުއިމާއި ހުރުން ރިޒް ކުންފުނިން ހަމަޖައްސައިދޭނެ ކަން ކަށަވަރުކޮށްދޭން."

އޭނާ ވިދާޅުވި ގޮތުގައި ވަގުތީ އަމުރެއް ނުނެރެ ދެ މަހަށް ވުރެން ގިނަ ދުވަސް ވުމަކީ، ބިދޭސީންނާ މެދު އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ނާޖާއިޒު ފައިދާ ނެގޭނެ ކަމެކެވެ.

"މައްސަލަ ހައްލުކުރަން ބޭނުންވާ ނަމަ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ދާށޭ ބުނާއިރު، އެ ހައްގު ނުލިބި ލަސްވާ ނަމަ އެއީ ވެސް މައްސަލައެއް،" ޝުނާނާ ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީ މުވައްޒަފުންނާ އެކު ގާނޫނީ ވަކީލުން މަސައްކަތްކުރަނީ --

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީ މުވައްޒަފުންނާ އެކު ގާނޫނީ ވަކީލުން މަސައްކަތްކުރަނީ --

ރިޒް ކުންފުނިން ގަދަ ދެއްކުންތަކަށް ފުލުހުން ވެސް ބޯލަނބައި އެ މީހުން ރަށުން ބާލައި ހުޅުމާލެ ފެސިލިޓީ އަށް ގެންދިޔައިރު، ރިޒް ކުންފުންޏާ ދެކޮޅަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއްކޮށް މައްސަލަތަކެއް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ބޮޑުފިނޮޅުގައި ތިބީ ހިއުމަން ޓްރެފިކިންގެ ކިތައް ވިކްޓިމްސްތޯ ތަހުގީގުން މިހާތަނަށް ކަނޑައެއް ނޭޅެ އެވެ. ދައުލަތުން ބަލަހައްޓަން ޖެހޭނީ ގާނޫނުގައި ބުނާ ގޮތުން، ހިއުމަން ޓްރެފިކިންގެ ވިކްޓިމްސް އެވެ.

ރިޒް ކުންފުނީގެ މައްޗަށް ކުރި ތުހުމަތުތަކުގައި ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ. އެކަމަކު މައްސަލައިގެ ތަހުގީގު ބާރު މިނުގައި ކުރިއަށް ދާ ތަނެއް ނުފެނެ އެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު މި ހުރިހާ ތުހުމަތެއް ދޮގުކޮށް ރިޒް ކުންފުނިން އަންނަނީ ކޮންމެ ފަހަރަކު ވެސް ނޫސްބަޔާންތައް ނެރެ ދިފާއުވަމުންނެވެ.

މުސާރަ ދެމުން އައި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުނިން ދެކޮޅު ހެދުމުން އެ ކުންފުންޏާ މެދު ފިޔަވަޅެއް ނޭޅި، ފުލުހުން މެދުވެރިވެ ބިދޭސީން ރަށުން ބާލައި ހުޅުމާލެ ގެންދިއުމަކީ މި މައްސަލައިގައި ރިޒް ކުންފުންޏަށް ކުރާ ތުހުމަތު ސީރިއަސްކޮށް ބެލިދާނެ ކަމާ މެދު ސުވާލު އުފެދޭ ސަބަބުތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.