Roadha Mihaaru
ދަރިއަކު ހޯދާނީ ކޮންއިރަކުތޯ އަހާތީ އުނދަގޫވޭ: ބިޕާޝާ

ދަރިއަކު ހޯދާނީ ކޮން އިރަކުތޯ އަހާވަރުން ބޮލަށް އުނދަގޫ: ބިޕާޝާ

04 ސެޕްޓެމްބަރ 2020

ދަރިއަކު ހޯދާނެ އިރަކާ ބެހޭ ގޮތުން، ފެންނަ ކޮންމެ ތަނަކުން ނޫސްވެރިން ސުވާލުކުރާތީ ބޮލަށް އުނދަގޫވާ ކަމަށް ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިއަކު ހޯދާނެ އިރަކާ ބެހޭ ގޮތުން، ފެންނަ ކޮންމެ ތަނަކުން ނޫސްވެރިން ސުވާލުކުރާތީ ބޮލަށް އުނދަގޫވާ ކަމަށް ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެވެ.

ފިރިހީމާ އެކްޓަރު ކަރަން ސިގް ގްރޯވާއާ އެކު ޕިންކްވިލާގެ އާ ޝޯ "ލަވް ޓޯކީޒް" ގެ ފުރަތަމަ އެޕިސޯޑްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެ، 41 އަހަރުގެ ބަތަލާ ބުނީ ދަރިއަކު ހޯދުމާ ބެހޭ ގޮތުން އަބަދު ސުވާލުކުރުމަކީ މިހާރު ޖަވާބު ދޭން ވެސް ފޫހި ސުވާލެއް ކަމަށެވެ. އަދި ކައިވެނިކުރި ފަހުން އެ ސުވާލާ ކުރިމަތިނުވާ ދުވަހެއް ނާންނަ ކަމަށް ބުންޏެވެ.

"އަހަރެން ކުޑަކޮށް ފަލަވެފައި ހުއްޓާ ފެންނަ އިރަށް ވެސް ނޫސްވެރިން ނިންމާނެ ބަލިވެއިނީ ކަމަށް. ފެންނަ ކޮންމެ ތާކުން އެ ސުވާލުކުރާނެ. މިއީ އަސްލު މިހާރު ވަރަށް ބޮލަށް އުނދަގޫވާކަމެއް،" އެކްޓިންއާ ވެސް ވަރަށް ބޮޑަށް ދުރުވެފައިވާ ކަމަށް ބިޕާޝާ ބުންޏެވެ.

އޭނާގެ ވާހަކަތަކަށް ސަމާސާ ރައްދެއް ދެމުން ކަރަން ބުނީ ދަރިއަކު ހޯދުމާ ބެހޭ ގޮތުން އޭނާ އަށް ސުވާލުތަކާ ކުރިމަތިވާ ކޮންމެ ފަހަރަކު އަބަދު ވެސް ބަލިވެއިންނަ ކަމަށް ބުނާ ކަމަށެވެ.

ބިޕާޝާ ބުނީ ވަގުތު ޖެހުމުން ދަރިއަކު ލިބޭނެ ކަމަށާއި އެކަމާ ފިކުރު ބޮޑުވެގެން އެ ދެމަފިރިންނާއި އާއިލާ ވެސް ނޫޅޭ ކަމަށެވެ. އަދި ދަރިއަކު ނުލިބުމަކީ ވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

"މުސްތަގުބަލުގައި ވާނެ ގޮތެއް ކާކަށް އެނގޭނީ؟ އިންޑިއާގައި މިހާރު ވެސް އެބަތިބި ބަލާނެ ބަޔަކު ނެތް އެތައް ހާސް ކުދިންނެއް. އެއިން ކުއްޖަކު ދަރިއެއްގެ ގޮތުގައި ގެންގުޅެ ބޮޑުކުރުމަކީ ވެސް ހަމަ ކުރެވިދާނެ ކަމެއް،" ބިޕާޝާ ބުންޏެވެ.

ބިޝާޕާ އާއި ކަރަން 2016 ގައި ކައިވެނިކުރި ފަހުން ބިޕާޝާ ވަނީ އެކްޓިންއާ ވެސް ވަރަށް ބޮޑަށް ދުރުވެފަ އެވެ. އެކަމަކު ދެމަފިރިން އެކީގައި ކުޅުނު "ޑޭންޖަރަސް" ކިޔާ ވެބް ސީރީޒެއް އެމްއެކްސް ޕްލެޔާ އިން މިދިޔަ މަހު ސްޓްރީމްކޮށްފައިވެ އެވެ.

ބިޕާޝާއާ ކައިވެނިކުރުމުގެ ކުރިން ކަރަން، 38، އަކީ ކުރިން ދެ ކައިވެންޏެއްކުރި އެކްޓަރެކެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ ޓީވީ ބަތަލާ ޝްރަދާ ނިގާމެވެ. ދެހާސް އަށެއްގައި ކުރި އެ ކައިވެނި ރޫޅުނީ ޖެހިގެން އައި އަހަރު އެވެ. ކަރަން ދެން ކައިވެނިކުރީ ބަތަލާ ޖެނިފާ ވިންގެޓާ އެވެ. ދެހާސް ބާރައިގައި ކުރި އެ ކައިވެނި ރޫޅުނީ 2014 ގަ އެވެ.