Roadha Mihaaru
ޑަޔާނާގެ 60 ވަނަ އުފަން ދުވަހު ސްޓެޗޫއެއް

ޑަޔާނާގެ 60 ވަނަ އުފަން ދުވަހަށް ކެންސިންޓަން ޕެލަަސްގައި ސްޓެޗޫއެއް ބަހައްޓަނީ

30 އޯގަސްޓް 2020

ޕްރިންސެސް ޑަޔާނާގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް ލަންޑަންގެ ކެންސިންޓަން ޕެލަސްގައި ޑަޔާނާގެ ސްޓެޗޫއެއް ބަހައްޓަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސެސް ޑަޔާނާގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް ލަންޑަންގެ ކެންސިންޓަން ޕެލަސްގައި ޑަޔާނާގެ ސްޓެޗޫއެއް ބަހައްޓަން ނިންމައިފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ބިމުއަޑީގެ މަގެއްގައި އޮގަސްޓް 31، 1997 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަވަހާރަވި ޑަޔާނާގެ އުފަން ދުވަހަކީ ޖުލައި 1 އެވެ. އުމުރުފުޅުން އެންމެ 36 އަހަރުގައި އަވަހާރަވި ޑަޔާނާގެ ހަނދާނުގައި ތައްޔާރުކޮށް، ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީ ކަމިޝަންކޮށްދެއްވާފައިވާ ސްޓެޗޫ ބަހައްޓަން ނިންމި ކެންސިންޓަން ޕެލަސް އަކީ ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ދިރިއުޅުއްވާ ގަނޑުވަރެވެ.

ޕްރިންސް ހެރީ މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުން މޭގަން މާކަލްގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ޑަޔާނާގެ ސޫރަގައި ހަދާފައިވާ ސްޓެޗޫ ބަހައްޓަން ނިންމާފައި ވަނީ ކެންސިންޓަން ޕެލަސްގެ ސަންކެން ބަގީޗާ ތެރޭގަ އެވެ.

ޑަޔާނާ.

ޑަޔާނާ.

ޑަޔާނާ އަވަހާރަވިތާ 23 އަހަރު ފަހުން، 60 ވަނަ އުފަން ދުވަހާ ދިމާކޮށް ސްޓެޗޫ ބަހައްޓަން ނިންމި އިރު އެ ސްޓެޗޫ އަކީ އެކަމަނާ އަވަހާރިވިތާ 20 އަހަރު ފުރުމާ ދިމާކޮށް 2017 ގައި ތައްޔާރުކުރި އެއްޗެކެވެ. އެ ފަރުމާކުރީ އިނގިރޭސިވިލާތުގެ ނުފޫޒު ގަދަ އާޓިސްޓެއް ކަމަށްވާ އިއާން ރޭންކް-ބްރޯޑްލީ އެވެ. އޭނާ އަކީ ރާނީ އެލިޒަބަތުގެ ސޫރަ ހިމެނޭ ވަކިލާރި ވެސް ފަރުމާކުރި ފަންނާނެވެ.

ކެންސިންޓަން ޕެލަސް އިން ސްޓެޗޫއާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ސްޓެޗޫ އަކީ ޑަޔާނާގެ ލެގަސީ އާއި އެތައް ބަޔަކު ލޯބިވި ޝަހުސިއްޔަތެއްގެ ގޮތުގައި އަދިވެސް ބިންވަޅު ނެގިފައިވާ ޑަޔާނާގެ ހަނދާންތައް އަބަދަށް އާކޮށްދޭނެ އެއްޗެއް ކަމަށް ބުންޏެވެ.